މަޖިލީސް 2019 އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް

މަޖިލީހުގައި ދާއިރާގެ ދަރިއެއް ހުރުން މުހިއްމެއް ނޫން: އާއްޓޭ

ހިތާދޫ އޮންލައިން | 16 މާރޗު 2019

ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ ދަރިއެއް ހުރުން އެއީ މުހިއްމު ކަމެއް ނޫން ކަމަށާއި މުހިއްމު ޕޮއިންޓަކީ ދާއިރާއަށް ޚިދުމަތްތެރިވާނެ އިޚްލާސްތެރި މީހަކު މެންބަރެއްގެ ގޮތުގައި ނުވަތަ މަންދޫބެއްގެ ގޮތުގައި ހުރުން ކަމަށް އަންނަ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަހްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން އިއްޔެ ބޭއްވި މަޖިލިސް ބަހުސްގައި ވާހަކަ ދައްކަމުން އާއްޓޭ ވިދާޅުވީ އެއްވެސް ހާލަތެއްގައި އެއީކީ ވަކި މީހަކު ހުރެގެން ވަކި ގޮތަކަށް ވާ ކަމެއްނޫން ކަމަށާއި ހަމަ އެންމެ މުހިއްމު ކަމަކީ އިހްލާސްތެރިކަމާއި ހިތްވަރާއި މިންނަތާއެކު މަސައްކަތްކޮށް ދާއިރާއަށް ތަރައްގީ ގެނައުން ކަމަށެވެ.

“ދާއިރާ ނިކަމެތި ވަނީ މެންބަރު އަޅާނުލުމުން” އާއްޓެ ވިދާޅުވި އެވެ.

އާއްޓޭ ވިދާޅުވި ގޮތުގައި އޭނާ އޭދަފުށީ ދާއިރާއަށް ކުރިމަތިލެއްވީ ސަރުކާރުގެ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ހިތްވަރާއެކު މަސައްކަތްކޮށް ދާއިރާގެ ތިން ރަށަށް ތަރައްގީ ގެނެސްދިނުމަށެވެ.

“އަޅުގަނޑަށް އެބަ އެނގޭ ދާއިރާގެ ކަންތައްތައް ކޮންމެ ވެސް ވަރަކަށް. މި ފަހަކަށް އައިސް އަޅުގަނޑު ކުރި ދަތުރު ތަކުގައި ފެނިގެން ދިޔައީ ދާއިރާއަށް ތަރައްގީ އަދި އަސާސީ ޚިދުމަތްތައް ބޭނުންވެފައިވާކަން،”

އާއްޓޭ ވިދާޅުވީ އޭދަފުއްޓަކީ މިއަދު ތަރައްގީގެ ރޮނގުން ވަރަށް ބޮޑަށް ކުޑަހުވަނދޫ ފަދަ ރަށްރަށާ އަޅާބަލާއިރު ފަހަތައް ޖެހިފައވާ ރަށެއްކަމަށެވެ.

“މިރަށް އެހެން ނެކްސްޓް ލެވެލްއަށް ގެންދިއުމަށް މުޅި ރަށުގައި ތާރުއެޅި މުޅި ރަށް ޒީނަތްތެރިވެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރުން މިއީ އަޅުގަނޑުގެ ކުރިއަށްއޮތް ފަސް އަހަރުގެ ތަސައްވަރު”

” ހަމއެއާއެކު މާޅޮހާއި ހިތާދޫގެ ފެނާއި ނަރުދަމާގެ ކަންތައް ވީހާވެސް އަވަހަކަށް ކޮށް ނިންމަންޖެހޭ. ސަބަބީ އެ ދެރަށުގެ ރައްޔިތުން މިހާރު އެތިބީ ވަރަށްވެސް ނިކަމެތި ހާލެއްގައި. އެކަމުގެ ހައްލު ހޯދައި ދިނުމަކީ އަޅުގަނޑު ވަރަށް ގާތުން އިސްކޮށް މަސައްކަތް ކުރާނެ ކަމެއް”

އާއްޓެ ވިދާޅުވީ އޭދަފުށީ ރައްޔިތުންނަށް މިހާރު އެންމެބޮޑަށް ދިމާވެފައިވާ މައްސަލައަކީ ދިރިއުޅުމުގެ ގެދޮރުގެ މައްސަލަ ކަމަށާއި މިކަންތައްތަކަށް ބަޖެޓްކޮށްގެން ގޮތްގޮތް ހޯދަންޖެހޭ ކަމަށެވެ.

“މިސާލަކަށް އޭދަފުށި ނަމަ އެޕާޓްމަންތައް ގާއިމުކުރެވި ގޯތި ދިނުމުގެ މަޝްރޫއުތައް ހިންގަންޖެހޭ. މިހާރު 30 އަހަރު ވެއްޖެ ގޯތި ދޫނުކުރާތާ. ތޮއްޖެހި މީހުން އުޅެން ޖެހުމުގެ ސަބަބުން ދިމާވާ މައްސަލަތައް އޭދަފުއްޓަށް ވަރަށް ބޮޑަށް ވަނީ ދިމާވެފައި އަދި ޒުވާނުންނަށް ހިތްހަމަ ޖެހުމާއެކީ ކުޅިވަރު ކުޅޭނެ ތަންތަން ބިނާކޮށް އެތަންތަން ތަރައްގީ ކުރާނަން،”

އޭދަފުށީ ދާއިރާގެ ބަހުސްގައި އާއްޓޭގެ އިތުރުން މިހާރުގެ މަޖިލިސް މެންބަރު އަހަމްދު ސަލީމް އާއި
މޯލްޑިވްސް ލޭބަ އެންޑްސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ޔޫސުފް މޫސާ (ޔޫސޭ) ބައިވެރިވެ ވަޑައިގެންނެވި އެވެ.
( ޚަބަރު : އީޓީ )


ކިޔުންތެރިންގެ ޚިޔާލު...


ނަން :