ބ. އަތޮޅުގައި ތަރައްގީކުރި “ދަ ނައުޓިލަސް މޯލްޑިވްސް” ރިސޯޓް

ބ. ތިލަދޫގައި ތަރައްޤީ ކުރި ރިޒޯޓު ހުޅުވައިފި

ހިތާދޫ އޮންލައިން | 06 ފެބުރުއަރީ 2019





ބ. އަތޮޅު ތިލަދޫގައި ތަރައްގީކުރި “ދަ ނައުޓިލަސް މޯލްޑިވްސް” ރިސޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.

30 އަހަރަށް ވުރެ ގިނަ އަހަރުވަންދެން ވިޔަފާރިއާއި ރިސޯޓްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ޑރ. އިބްރާހިމް އުމަރު މަނިކްގެ މޭސްތިރިކަމުގެ ދަށުން ބ. ތިލަދޫގައި ތަރައްގީކުރި މަތީ ފެންވަރުގެ ރިސޯޓު ހުޅުވައި، އެ ރިސޯޓުގެ ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާކީ މިދިޔަ އާދީއްތަ ދުވަހު އެވެ.

26 ސޫޓް ހިމެނޭ އެ ރިސޯޓްގެ 15 ސޫޓަކީ ގޮޑުދޮށަށްވާ ގޮތަށް ގަސްތަކުގެ ތެރޭގައި ހަދާފައިވާ ސޫޓް ތަކެވެ. އަދި 11 ސޫޓްކީ މޫދުގައި ހަދާފައިވާ ވޯޓާވިލާ ސޫޓްތަކެވެ. ކޮންމެ ސޫޓެއް ވެސް ހަދާފައި ވަނީ ޕްރައިވެޓް ޕޫލަކާ އެކު ޕްރައިވެސީ ލިބޭނެ ގޮތަކަށެވެ.

އެކަހެރިކަމާއި، ހަމަހިމޭންކަމަށް ލޯބިކުރާ ފަތުރުވެރިންނަށް ދަ ނައުޓިލަސް މޯލްޑިވްސް އަކީ ހިތްގައިމު ރިސޯޓެއްކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.

ތިން ރެސްޓޯރަންޓާއި އެކު ތަރައްގީ ކޮށްފައިވާ ދަ ނައުޓިލަސް އިން ގެސްޓުން ބޭނުންވާ އެއްޗެހި ޝެފުންނާ ވާހަކަ ދައްކައިގެން ބޭނުން އިރަކު ބޭނުން ގަޑިއެއްގައި ކެއުން ހަމަޖެއްސޭނެ އެވެ. އަދި އެ ރިސޯޓްގެ ސްޕާ އަކީ ވެސް އެޕޮއިންޓްމަންޓް ހައްދަން ޖެހޭ ސްޕާއެއް ނޫންކަމުން ގެސްޓުން ބޭނުންވާ ގަޑިއެއްގައި ސްޕާގެ ހިދުމަތް ވެސް ލިބޭނެ އެވެ.

މީގެ އިތުރުން ޔޮޓުގައި ދަތުރުކޮށް ހިތް ހަމަޖައްސަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެ ހިދުމަތް ވެސް އެ ރިސޯޓުން ލިބެން ހުންނާނެ ކަމަށްވެ އެވެ. މި ރިސޯޓުގެ ވިލާތަކުގެ އަގުތަށް ފެށެނީ ރެއަކަށް 2000 ޑޮލަރުގެ ރޭޓުންނެވެ.

މަތީ ފެންވަރުގެ ގިނަ އަދަދެއްގެ ރިސޯޓު ހިންގަމުން އަންނަ ބ. އަތޮޅުގައި މިދިޔަ އަހަރު ފަހުކޮޅު “ވެސްޓިން މޯލްޑިވްސް”ގެ ނަމުގައި މި އަތޮޅު މިރިޔަންދޫގައި ވެސް މަތީ ފެންވަރުގެ ރިސޯޓެއް ހުޅުވާފައިވެ އެވެ. މިއަތޮޅުގައި އަދިވެސް އިތުރު ރިސޯޓްތައް އަންނަނީ ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :