ބ. މާޅޮސް

މާޅޮހު މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް ދެކުއްޖަކު ސަލާމަތް ކޮށްފި

ހިތާދޫ އޮންލައިން | 10 ޑިސެންބަރ 2018





ބ. މާޅޮހުގައި މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް ދެ ކުއްޖަކު ސަލާމަތްކޮށްފި އެވެ.

މާޅޮހު އުތުރު ފަރާތު މޫދަށް އެރި އުޅެނިކޮށް، އޮޔާ ބޭރަށް ދަމައިގަތީ ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެ ކުދިންނާ އެކު، އިތުރު ކުދިންތަކެއް ވެސް މޫދަ އެރި އުޅުނެވެ.

އިއްޔެ ހަވީރު ފަހެއް ޖަހަނިކޮށް ހިނގި ހާދިސާގައި ދެ ކުދިންނަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މާޅޮހު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް މަޢްލޫމާތ ދެމުން ވިދާޅުވީ އެ ކުދިން މޫދަށް އެރި އުޅުނު ސަރަހައްދަކީ އާންމު ގޮތެއްގައި އޮއި ބާރު ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދުން އޮއިވަރެއްގައި ޖެހިއްޖެނަމަ، ވަރަށް ބޭރަށް ދަމައިގަތުމުގެ ފުރުސަތު އަބަދުވެސް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެ ކުދިން އޮޔާ ބޭރަށް ދަމައިގަތްތަން ފެނުނީ ޒުވާނަކަށެވެ. އަދި އެ ކުދިންނާ ހަމައަށް އެ ޒުވާނާ ދިއުމަށް ވެސް ގިނަ ވަގުތުތަކެއް ހޭދަވީ އޮއިގަދަވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒުވާނާ އަށް ދެ ކުދިންނާ ހަމައަށް ދެވެން ދެން، ހަގު ކުއްޖާ ގެނބުނަ ނުދީ ފެންމަތީގައި ގެންގުޅުނީ ދޮށީ ކުއްޖާ. ފަހުން ޒުވާނާ ގޮސް، އެ ކުދިން ހިފަހައްޓައިގެން ތިބީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ދެ ކުދިން ވެސް ސަލާމަތް ކުރީ ޑިންގީއެއް ގެނެސްގެން ކަމަށެވެ.

"ނަސީބަކުން ދެ ކުދިން ކުރެ އެއްވެސް ކުއްޖެއްގެ ލޮނު ބޮވި، ގެނބުން ފަދަ ކަމެއް ދިމައެއް ނުވޭ،" މާޅޮހު ކައުންސިލަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :