ޢިޚްލާޞްތެރި ކަމެއްހުރިނަމަ އިބޫ ބަޖެޓު އިސްލާހު ކުރާނެ!؟

ޢާމިރު ޢަބްދުއްލަޠީފު | 16 ނޮވެންބަރ 2018

އަންނަ އަހަރަށް ލަފާކޮށް މިހާރު ހުށައަޅާފައިވާ ބަޖެޓުގެ ބަލަދު ވެރިފަރާތް ވަނީ މިހާރު އޮޅިފައެވެ. ރަށްމެދު ވެފައެވެ. އެއްބަޔަކު ބުނަނީ މިއީ ޔާމީނު ސަރުކާރުން ބޭނުންވާ ގޮތަށް ބައްޓަން ކޮށްފައި އޮތް ބަޖެޓެއްކަމަށެވެ. އަނެއްބަޔަކު ބުނަނީ މިއީ އިންތުޚާބީ ރައީސް ފޮނުއްވި ބަދަލުތަކަށް ބަދަލު ނުގެނަސް ހުށައެޅި ބަޖެޓެއްކަމަށެވެ.

ކޮންމެއަކަސް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު (އިބޫ) ހުވާ ކުރުމާއި އެކު ބަޖެޓު ވެގެންދާނީ އިބޫ ތަންފީޒު ކުރައްވަން ޖެހިވަޑައި ގަންނަވާނެ ބަޖެޓަކަށެވެ. އެހެންކަމުން މިހާރުން މިހާރަށް އެބަދަލުތަށް ގެންނަން ޖެހޭނެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދެވި އިރު ކޯލިޝަނުން ބުނަމުން ދިޔައީ ޖަޒީރާ ރާއްޖޭގެ ރަށްތަކަށް އިސްކަން ދޭނެކަމަށެވެ. ނަމަވެސް 2019 ވަނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

މި ބަޖެޓުން ފާހަގަ ކުރެނީ ރާއްޖޭގައި 197 ވަރަކަށް ރަށް އޮނަނަ އިރު އެހުރިހާ ރަށަކަށް 900 މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައި ވީއިރު ހުރިހާ ޚިދުމަތްތަކާއި އެކު ތަރަށްޤީ ކޮށްފައިވާ މާލެއަށް އެކަނި 2 ބިލިއަން ރުފިޔާ ޖަހާފައިވުމެވެ. މިއީ އިބޫގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓު އޮންނަން ޖެހޭނެ ގޮތްތޯއެވެ؟ ގައުމު އިޞްލާހު ކުރުމުގެ ނަން ވިއްކައިގެން ވެރިކަމުގައި ހުންނެވި ބޭފުޅަކު ކަންތަށް ކުރައްވަން ވާނެގޮތްތޯއެވެ؟

ކުރީގެ ޚުދުމުޚްތާތު ވެރިކަންތަކުގައި އަބަދުވެސް ފެންނަނީ މާލެ ތޮއްޖައްސައި ރާއްޖެތެރޭ މީހުންގެ ލޭބޮއިގެން މާލޭ ގެދޮރުވެރިން އުފާފާގަތި ކަންމަތީ އުޅޭތަނެވެ. ސަރުކާރުގެ ވާޖިބަކަށް ވަނީ ރާއްޖެތެރޭ ނިކަނެމެތި ރައްޔިތުން އިނދަ ޖައްސާ މާލޭ ބޭފުޅުންގެ ފައިބުޑަށް ވެއްޓި ސަލާން ޖަހާނެ ގޮތްގޮތަށް ސިޔާސަތު ބައްޓަން ކުރުމެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މިޙައްމަދު ޞޯލިހަށް ތާއީދުކޮށް ރައީސްގެ މަގާމަށް އިންތިޚާބު ކުރީ ފޮނި އުންމީދެއްގައެވެ. ރާއްޖެތެރޭ މީހަކަށް ވީތީވެސް ރާއްޖެތެރަށް ވިސްނާ ކޮންމެވެސް ވަރެއްގެ ރަހުމެއް ހުރެދާނެތީއެވެ. ނަމަވެސް އާޚިރުގައި މަގުއޮޅި ކުރީގައިވެސް ވެރިކަން ކުރެއްވި ބޭފުޅުންގެ މަގަށް އިބޫވެސް ދީލާ ލައްވަނީތޯއެވެ؟ ނޫނީ ކީލިޝަންގައި ތިއްބެވި މާލޭ ބޭފުޅުންގެ ނުފޫޒުން ސަލާމަތްވެ ވަޑައި ނުގެންނެވުނީތޯއެވެ؟ ނުވަތަ ނިކަމެތިން ނިކަމެތި ކުރުމުގެ ވިސްނުން އިބޫވެސް ގެންގުޅުއް ވަނީތީއެވެ؟

ސަރުކާރަށް ޓެކްސް ދައްކަނީ ހަމައެކަނި މާލޭގެ ގެދޮރު ވެރިންނެއް ނޫނެވެ. ރާއްޖެތެރެ ވިޔަސް ނިކަމެތި ރައްޔިތެއް ވިޔަސް ސަރުކާރަށް އަންނަނީ މާލޭ ބޭފުޅެކޭ އެއްފަދައިން ޓެކްސް ދައްކަމުންނެވެ. އެހެން ކަމުން އަސާސީ ހުރިހާ ޚިދުމަތްތަކެއް ފުރިހަމަ ކޮށް ތަރައްގީ ކޮށްފައި ވާ މާލެއަށް 2 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިން އިރު އަސާސީ ޚިދުމަތްތަށްވެސް ނުލިވާ ރާއްޖެތެރޭ ހުރިހާ ރަށަކަށް ބައިކުޅަބައި ހަމަނުވުމީ އިންސާފެއްނޫނެވެ. އިންސާފު ވިއްކައިގެން ވެރިކަމަށް ވަޑައިގެންނެވި ސަރުކާރަކުން ކޮށްގެން ވާނެކަމެއްނޫނެވެ.

އަޅުގަނޑުމެން ރާއްޖެތެރޭ ރައްޔިތުންގެ އާދޭހަކީ އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު (އިބޫ) މިބަޖެޓު އިސްލާހު ކޮށްދެއްވައި މަނިކުފާނުގެ ތިރީރި ނަން ކިލަނބު ނުކޮށްލުމެވެ. އިންސާފުން ހުރިހާކމެއް ކުރެއްވުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ޖަލު ބައްތި

ސާބަހޭ އިބޫ... ހިފާއްޓާ ލެވޭނީ ކިތައް ދުވަސް ވަންދެންބާ

Ahmed

ފުރިހަމަ ލިޔުމެއް.

Rashumeehaa

ވަރަށް ބޮޑު ތެދެއް ހަމަ ހަމަހަގީގަތުގަވެސް ކަންވެގޮސްފަ އޮތްގޮތް ތިޔަލިޔެދެވުނީ އުއްމީދުމިކުރަނީ މިފަހަރު ރާއްޖެ ތެރޭގެ ފަހަރުކަމަށް