މި ލޯތްބާ މެދު ވިދާޅުވާނީ ކީކޭތޯ؟

ހިތާދޫ އޮންލައިން | 02 ނޮވެންބަރ 2018

ކީރިތި ރަސޫލާ ދެކެ ލޯބިވި މީހުން ލޯބިވެފައިވަނީ އެކަލޭގެފާނުގެ މަތިވެރި ޝަޚްޞިއްޔަތާއި، މާތް އަޚްލާޤާ ހެދި އެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އިންސާފުވެރިކަން ދެކެފަ އެވެ.

އަބޫބަކުރުގެފާނު ގެ ލޯބިފުޅު

ސައްޔިދުނާ އަބޫބަކުރުގެފާނު ވިދާޅުވަނީ : ރަސޫލުﷲގެފާނާއި ތިމަންކަލޭގެފާނު ހިޖުރައިގެ ދަތުރުފުޅު މަތީގައި އުޅުއްވަނިކޮށް ވަރަށްބޮޑަށް ކަރުފުޅު ހިކި ފެންފޮދުހިއްޕަވަން ބޭނުންފުޅުވި އެވެ. ރަސޫލުﷲގެފާނު ވެސް ވަނީ ކަރުފުޅުހިއްކައިގެންފަ އެވެ. އެ ވަގުތު އަތްޕުޅުގައި ހުރި މަދުކިރުފޮދު ރަސޫލުﷲގެފާނަށް އެރުއްވެވީމެވެ. ރަސޫލުﷲގެފާނު ހިތްޕެވުމުން ދެން ތިމަންކަލޭގެފާނަށް އެއްޗެއް ނެތެވެ.

މިއީ އަބޫބަކުރުގެފާނުގެ ބަސްފުޅެވެ. މި ބަސްފުޅު ދޮގުކުރަން ނޫޅޭށެވެ. އަބޫބަކުރުގެފާނުގެ އުފާފުޅަކަށްވީ ރަސޫލުﷲގެފާނު ސަލާމަތް ކުރެއްވުމެވެ. އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅު ޤުރްބާން ކުރައްވައިފަ އެވެ. މި ބާވަތުގެ ފޮނިލޯތްބެއް ދެކެވަޑައިގަތީމުތޯ އެވެ؟ މިއީ ޚާއްޞަލޯތްބެކެވެ. އަމިއްލަ އެދުމެއް ނެތް ލޯތްބެކެވެ. މި ފަދަ ލޯބީގެ މައިދާނުގައި ތިބާގެ މަޤާމަކީ ކޮބައިތޯ އައްސަވާލައްވާށެވެ!

މައްކާ ފަތަޙަ ކުރެއްވި ދުވަސް

އަބޫބަކުރުގެފާނުގެ ބައްޕާފުޅު އަބޫޤުޙާފާ އިސްލާމްވެ ވަޑައިގަތީ މައްކާ ފަތަޙަކުރެއްވި ދުވަހު އެވެ. ވަރަށް މުސްކުޅިފުޅުވީ ފަހުންނެވެ. އޭރު އަބޫ ޤުޙާފާ ވަނީ ކެޓަރެކްޓްގެ ސަބަބުން ލޯފުޅު އަނދިރިވެފަ އެވެ. ރަސޫލުﷲގެފާނު އަރިހަށް ގެންދެވީ އަބޫބަކުރުގެފާނެވެ. އިސްލާމްކަން އިޢުލާނުކުރައްވާ، ބައިޢަތު ހިއްޕެވުމަށްޓަކަ އެވެ. ރަސޫލުﷲގެފާނު ވިދާޅުވި އެވެ. މިތަނަށް ބައްޕާފުޅު ނުގެންނަވާ ގޭގައިނުބެހެއްޓެވީ ކީއްވެތޯ އެވެ. ތިމަންކަލޭގެފާނު، ކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެންފާނަމެވެ. ޖަވާބުގައި އަބޫބަކުރުގެފާނު ދެންނެވި އެވެ. ކަލޭގެފާނު އަރިހަށް ބައްޕާފުޅު ވަޑައިގަތުން މާ އައުލާކަން ބޮޑެވެ. އަބޫ ޤުޙާފާ އިސްލާމްވެވަޑައިގަތުމުން އަބޫބަކުރުގެފާނަށް ކީރިތިކުރެއްވުނެވެ. މީސްތަކުން އަބޫބަކުރުގެފާނަށް ދެންނެވި އެވެ. މިއީ އުފާވެރި ދުވަހެއް ނޫންތޯއެވެ؟ ކަލޭގެފާނުގެ ބައްޕާފުޅު އިސްލާމްވެ ވަޑައިގެން ނަރަކައިން ސަލާމަތްވެ ވަޑައިގެންފި އެވެ. އެކަމާ އުފާފުޅު ނުކުރައްވާ ތިޔަ ކީރިތިކުރައްވަނީ ކީއްވެތޯ އެވެ؟ އެހިނދު ޖަވާބުގައި ވިދާޅުވި އެވެ. މި އަދު ރަސޫލުﷲގެފާނަށް ބައިޢަތު ހިއްޕެވީ، ތިމަންކަލޭގެފާނުގެ ބައްޕާފުޅު ކަމުގައިނުވެ، ރަސޫލުﷲގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނު ކަމުގައި ވީ ނަމަ މާ ރަނގަޅުވީހެވެ. އޭރުން ރަސޫލުﷲގެފާނު މާބޮޑަށް އުފާފުޅުވީހެވެ. سبحانالله! ރަސޫލާ ގެ އުފާފުޅުވުން އެކަލޭގެފާނަށް މާ މުހިއްމުވި އެވެ.

ޘަޥްބާނުގެފާނު

ކީރިތި ރަސޫލާ އަށް ޚިދްމަތް އަރުއްވަން އުޅުއްވި ޘަޥްބާން ނަމަކަށް ކިޔާ ޞަޙާބީއަކު އަރިހުން ރިވާވެގެންވާގޮތުގައި ރަސޫލުﷲގެފާނު އެއްފަހަރަކު މުޅިދުވަހު ދުރުގައި އުޅުއްވާފައި ވަޑައިގަތުމުން ޘަޥްބާން ކީރިތިކުރެއްވި އެވެ. އެ ހިނދު ރަސޫލުﷲގެފާނު ވިދާޅުވި އެވެ. ތިމަންކަލޭގެފާނު ނެތި އެކަނިވެރިވެގެން ރޮވުނީހެއްޔެވެ؟ ޘަޥްބާން ދެންނެވި އެވެ. ނޫނެކެވެ. އެކަމަކު ސުވަރުގޭގައި ކަލޭގެފާނުގެ މަޤާމާއި އަޅުގަނޑުގެ މަޤާމުގެ މަތިން ހަނދާންވީ އެވެ. އެ ދުވަހު ކަލޭގެފާނުގެ އަރިހުގައި ނުވާނެތީ، ލިބޭނެ އެކަނިވެރިކަމާ ހެދި ރޮވުނީ އެވެ. މިކަމާ ވިދިގެން މާތްﷲ ނިސާ ސޫރަތުގެ 69 ވަނަ އާޔަތް ބާވައިލެއްވ ިއެެވެ. { وَمَن يُطِعِ اللّهَ وَالرَّسُولَ فَأُوْلَئِكَ مَعَ الَّذِينَ أَنْعَمَ اللّه عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاء وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا }- ﷲ އަށާއި ރަސޫލާއަށް ކިޔަމަންވާމީހުން ފަހެ، ދަންނާށެވެ! ފަހެ، އެބައިމީހުން ވާނީ ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތް ލެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގަ އެވެ. އެ ބޭކަލުންނީ، އެކުވެރިންކަމުގައި ވުމަށް ހާދަ ރަނގަޅުބަޔެކެވެ."

ސަވާދުގެފާނު

އުޙުދު ހަނގުރާމާގައި ރަސޫލުﷲގެފާނު ސަފުތައް ސީދާކުރައްވަމުން ގެންދެވި އިރު ސަވާދު ބިން ޢަޒިއްޔާ ހުންނެވީ ސަފުގެ މެދު ތެރޭގަ އެވެ. ލަޝްކަރަށް ސަފުތައް ސީދާކުރުމަށް ރަސޫލުﷲގެފާނު ގޮވައިލެއްވި އެވެ. ލަޝްކަރުގެ އެންމެން ސަފު ސީދާކުރި ނަމަވެސް ސަވާދު ސަފު ރަނގަޅު ނުކުރައްވާ ހުންނެވި އެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި އެވެ. އޭ! ސަވާދެވެ! ސަފު ސީދާކުރާށެވެ. ސަވާދު އާދޭހޭ ދެންނެވި އެވެ. ނަމަވެސް ސަފުތެރެއަށް ރަނގަޅަށް ވަދެވަޑައި ނުގެން ހުންނެވި އެވެ. ދެން ރަސޫލުﷲގެފާނު ވަޑައިގެން ސަފުތެރެއަށް ވަދެވަޑައިގަންނަވާށޭ ޙަދީޘްކުރައްވާ އަތްޕުޅުގައި އޮތް ސިވާކު ދަނޑިކޮޅު، ސަވާދުގެ ބަނޑުފުޅުގައި ބީއްސަވާލެއްވި އެވެ. އެ ހިނދު ސަވާދު ދެންނެވި އެވެ. އަޅުގަނޑަށް ތަދުވެއްޖެ އެވެ. ކަލޭގެފާނުގެ ކިބައިން ބަދަލު ހިފުމަށް ތަން ދެއްވާށެވެ. އެ ހިނދު ރަސޫލުﷲގެފާނު އެކަލޭގެފާނު ހެދުންކޮޅު އުފުއްލާލައްވާފައި ބަނޑުފުޅު ދައްކަވާފައި އެވަރަށް ޖެއްސެވުމަށް ވިދާޅުވި އެވެ. އެހިނދު ސަވާދު ރަސޫލާގެ ބަނޑުފުޅުގައި ބޮސްދެއްވާފައި ދެންނެވި އެވެ. އަޅުގަނޑު ކުރަން ބޭނުންވާ ކަންތައް ކުރެވިއްޖެ އެވެ. އޭ ﷲގެ ރަސޫލާ އެވެ!. މި އަދަކީ ޝަހީދުވުމުގެ ފުރްޞަތު އޮތްދުވަހެކެވެ. އެހެންކަމުން އަޅުގަނޑު ބޭނުންވީ އެންމެފަހު ކަމަކަށް ކަލޭގެފާނުގެ ގައިކޮޅުގައި ހުރަހަކާ ނުލައި ބީހިލުމެވެ.

ކަދުރުރުކުގެ ބުޑުގަނޑު ވަރު ވޭތޯ ބަލާށެވެ!

ރަސޫލާ އަށް މިންބަރެއް ހަދައިދިނުމުގެ ކުރިން ޚުޠުބާދެއްވަން ހުންނަވަނީ ކަދުރުރުކެއްގެ ބުޑުގަނޑުގައި ހިއްޕަވައިގެންނެވެ. އެކަމަކު މީހަކު ރަސޫލުﷲގެފާނަށް މިންބަރެއް، ވެދުމަށް އެރުވުމުން މި ބުޑުގަނޑު ދޫކޮށްލައްވާފައި އެ މިންބަރަށް އަރައިވަޑައިގަތެވެ. އެހިނދު މި ބުޑުގަނޑު ގިސްލާ ރުއިި އަނޑު އިވުނެވެ. ރަސޫލުﷲގެފާނު ވަގުތުން މިންބަރުން ފައިބާވަޑައިގެން އެ ބުޑުގަޑު ކައިރިއަށް ވަޑައިގެން އޭގައި ފިރުމާލައްވާފައި ވިދާޅުވި އެވެ. މި ތާނގައި ތިމަންކަލޭގެފާނާ އެކު ވަޅުލެވި ތިމަންކަލޭގެފާނާ އެކު ސުވަރުގޭގައި ވުމަށް ނުރުހެމު ހެއްޔެވެ؟ އެހިނދު މި ބުޑުގަނޑު ހަމަހިމޭންވި އެވެ.

މި ލޯތްބާ މެދު ވިދާޅުވަނީ ކީކޭތޯ؟

މިއީ ރަސުލުﷲގެފާނު ދެކެ މީހުންނާއި އެއްޗެހި ލޯބިވެފައިވާ މިންވަރެވެ. މިއީ ވަރަށް ބޮޑު ބަގީޗާ އަކުން ބިދެދިން ދެތިން މަލެކެވެ. މިއަށް ވުރެ ވަސްމީރު މައުތައް ވެސް އެ ބަގީޗާ ގައި ފޮޅިފައިވެ އެވެ.
-------------------
(ނިމުނީ)
ލިޔުމުގެ މަސްދަރު: http://fanvai.info/dheen/siyarath/1921-2010-12-23-21-19-30


ކިޔުންތެރިންގެ ޚިޔާލު...


ނަން :