ބ. މެންދޫ– ފޮޓޯ/ބަޔޮސްފިއާ ރިޒާވް އޮފީސް

ބ. މެންދޫ ސަރަހައްދު ބޭނުން ކުރެވޭނެ ގޮތުގެ ޕްލޭނެއް ހަދައިފި!

ޢާމިރު ޢަބްދުއްލަޠީފު | 31 އޮކްޓޯބަރ 2018

ބަޔޮސްފިއާ ރިޒާވްގެ ދަށުން ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ މެންދޫ ސަރަޙައްދަށް ރައްކާތެރިކޮށް ބަލަހައްޓަން މެނޭޖްމަންޓް ޕްލޭނެއް އެންވައަރމަންޓު މިނިސްޓްރީން އާއްމުކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި މެނޭޖްމަންޓް ޕްލޭންގެ ދަށުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން ފީއެއް ނަގައި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަށް ޖަމާކުރެވޭނެ އެވެ. އަދި މި ފައިސާ ބޭނުންކުރެވޭނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، މުޖްތަމަޢުގެ އާންމު މަންފާއަށްޓަކައި ބ. އަތޮޅުގައި ހިންގޭ އެކި އެކި މަޝްރޫޢުތަކަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި މެނޭޖްމަންޓް ޕްލޭންގައި މި ސަރަޙައްދަށް ޒިޔާރަތްކުރެވޭނެ ވަގުތުތަކާއި، އެންމެ ގިނަވެގެން މި ސަރަޙައްދުގައި ޙަރަކާތްތެރިވެވޭނެ މީހުންގެ ޢަދަދާއި، މި ސަރަޙައްދުގައި މީހުން ޙަރަކާތްތެރިވުމުގައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ ތަފްޞީލް ބަޔާކޮށްފައި ވެއެވެ.

މެންދޫ ސަރަހައްދުގައި ހިމެނެނީ ބ. އަތޮޅު މެންދޫ އާއި މެންދޫ ވަށައިގެންވާ ފަރު، ބ. އަތޮޅު މެންދޫ ބިންމަތީފަރު، ބ. އަތޮޅު ކަނބުރުފަރު އަދި ބ. އަތޮޅު ނިބިލިގާ (ފިނޮޅު) އާއި ނިބިލިގާ ވަށައިގެންވާ ފަރާއި އަދި މި ރަށްތަކުގެ ފަރުގެ ނުވަތަ މި ފަރުތަކުގެ އުރަފަށުން ފެށިގެން 111 މީޓަރގެ ސަރަހައްދެކެވެ.

މި ސަރަޙައްދަކީ ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ކޯއޭރިއާ ގެ ގޮތުގައިވެސް ހިމެނޭ ސަރަޙައްދެކެވެ. މެންދޫ ސަރަޙައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުތަކަކާއި، ޙިމާޔަތްކޮށްފައިވާ ދޫނި އަދި ވެލާ ބިސްއަޅާ އާލާވާ ސަރަޙައްދެކެވެ.

މެންދޫ ސަރަހައްދަކީ 2011 ވަނަ އަހަރު ޖޫން މަހު ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :