ބ.ކިހާދޫ ޓިވެކް އިމާރާތުގެ ބޭރު – ފޮޓޯ ހުސެއިން ވަހީދު/ މިހާރު

ޓިވެކްގެ ކެރިއާ ޑޭ އަންނަ އާދީއްތަ ދުވަހު ބާއްވަނީ

ހިތާދޫ އޮންލައިން | 22 އޮކްޓޯބަރ 2018

ބ. ކިހާދޫގައި ހުންނަ ރާއްޖޭގެ އެންމެ ބޮޑު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގައި ކިޔަވާ ދަރިވަރުންނަށް އަންނަ އާދީއްތަ ދުވަހު ކެރިއާ ޑޭ އެއް ބާއްވަން ނިންމައިފި އެވެ.

ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތައް ހިންގާ އެ ސެންޓަރުގައި ހިލޭ ކިޔަމަމުން އަންނަ 12 އަތޮޅެއްގެ 45 ދަރިވަރުން މިހާރު ވަނީ ތަމްރީނުވެފަ އެވެ. އަދި އެ ދަރިވަރުން މިހާރު އަންނަނީ މަސައްކަތުގެ މާހައުލުގައި، އިތުރު ތަމްރީން ހޯދުމަށް ރިސޯޓްތަކާއި ކުންފުނިތަކުގައި އަމަލީ ތަޖުރިބާ ހޯދަމުންނެވެ.

އެ ސެންޓަރުން ބުނީ އެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ކެރިއާ ޑޭ އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ން މެންދުރުފަހު 3:00 އަށް ކަމަށެވެ.

ޓިވެކް ވޮކޭޝަނަލް ސެންޓަރުގައި ބާއްވާ މި ހަރަކާތުގައި، ފުރަތަމަ ބެޗުން ތަމްރީނުވި ދަރިވަރުން ވަޒީފާތަކަށް ނެގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ޓިވެކުން ބުންޏެވެ.

ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ ކެރިއާ ޑޭގެ އެންމެ ބޮޑު ބޭނުމަކީ ޓިވެކްގެ ދަށުން ރިސޯޓްތަކާއި ކުންފުނިތަކުން ތަމްރީނުވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ޓިވެކުން އަންނަނީ އެ ސެންޓަރުގެ ފުރަތަމަ ބެޗްގެ ގުރެޖުއޭޝަން މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކިހާދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން، ދެ ލައްކަ އަށް ވުރެ ބޮޑު އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ އެ ސެންޓަރު އަމާޒުކޮށްފައިވަނީ، ރަސްމީ ތައުލީމް ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށެވެ.

އެގޮތުން އެ ސެންޓަރުގެ ފުރަތަމަ ބެޗްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އިރު، އިންޓަވިއުކޮށް ހޮވާފައިވަނީ 50 ދަރިވަރުންނެވެ. ނަމަވެސް ކޯސްޓްލައިން ފައުންޑޭޝަންގެ އަމާޒަކީ 200 ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :