ބ. މިރިއަންދޫގައި ހަދާ ވެސްޓިން މޯލްޑިވްސް. ފޮޓޯ: ވެސްޓިން މޯލްޑިވްސް

ވެސްޓިންގ މޯލްޑިވްސް މިރިއަންދޫ ރަސްމީ ކޮށް ހުޅުވާއިފި

ހިތާދޫ އޮންލައިން | 13 އޮކްޓޯބަރ 2018





ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި އޮންނަ މިރިޔަންދޫގައި ހެދި މަތީ ފެންވަރުގެ ރިސޯޓް ޓޫރިސްޓުންނަށް މިއަދު ހުޅުވާލައިފި އެވެ.

މިރިއަންދޫ ރިސޯޓަށް އިއްޔެ އައި ފުރަތަމަ ފަތުރު ވެރިޔާއަށް ވަނީ އެ ރިސޯޓުން ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވެސްޓިން މޯލްޑިވްސް މިރިއަންދޫގެ ނަމުގައި ހިންގާ މި ރިސޯޓުގައި 70 ވިލާ އާއި 29 ވޯޓާ ވިލާގެ އިތުރުން 41 ސުއިޓް ހުންނައިރު، އެއް ލަގްޒަރީ ރެސިޑެންޓް ވިލާ އެއް ވެސް ހުރެ އެވެ. މީގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް މަތީ ފަންތީގެ ތިން ރެސްޓޯރެންޓް ވެސް ހުރެއެވެ.

ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު (693.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހެދި އެންމެ މަތީފެންވަރުގެ މި ރިސޯޓުގެ ވިލާތަކަކީ ވަރަށް ހިތްގައިމު ޑިޒައިނަކަށް ގުދުރަތީ ވައި ލިބޭ ގޮތަށް، ހަދާފައިވާ ތަންތަނެވެ. އަދި އެ ވިލާތަކުގެ އިންޓީރިއާ ތައްޔާރުކޮށްފައިވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ހޯދި ލަކުޑި ބޭނުންކޮށްގެންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ މަޝްހޫރު ވެސްޓިން ބްރޭންޑްގެ ރިސޯޓު ޑިޒައިންކޮށްފައި ވަނީ އިޓަލީގެ ޑިޒައިން ސްޓޫޑިއޯއެއް ކަމަށްވާ ޕެލާ އެސޯސިއާޓީ ކިޔާ ކުންފުންޏަކުންނެވެ.

މިއީ މިއަހަރު ތެރޭ ބ. އަތޮޅުގައި ހުޅުވި ދެވަނަ ރިސޯޓެވެ. މި ރިސޯޓާއެކު މިއަތޮޅުގައި ޖުމްލަ 16 ރިސޯޓު މިހާރު ހިންގަމުންދެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :