ބ. އަތޮޅު ހޮސްޕިޓާ

ސަމާލުވޭ: ބ. އަތޮޅުގައި ޑެންގޫ ހުން ފެތުރެނީ!

ހިތާދޫ އޮންލައިން | 06 އޮކްޓޯބަރ 2018





ބ.އަތޮޅުގައި ޑެންގީހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ބ.އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހާ ހަމައަށް 4 ޑެންގޫ ކޭސް ރެކޯޑް ކުރެވިފައިވާކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ކޭސްތައް ރިކޯޑް ކުރެވިފައިހުރީ ރިސޯޓްތަކުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ޑެންގީ ހުން ފެތުރެމުންދާ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުންކަމަށެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު ވަޙީދު ވިދާޅުވީ ޑެންގޫ އަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ހުމަކަށްވުމުން އާންމުން މިކަމަށް ހޭލުންތެރި ކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް އެ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުން ހިންގުމަށް ރާވަމުންދާކަމަށެވެ.

އެގޮތުން ބ.އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށާއި ރިސޯޓްތަކަށް އަމާޒުކޮށްގެން، ކުރިއަށްގެންދާ މި ޕްރޮގްރާމުގެދަށުން، އާންމުން ހޭލުންތެރިކުރުވުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ޚާއްޞަ މަސައްކަތްތަކެއް ރާވާފައިވާކަން ވަޙީދުވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަންވެސް ވަޙީދުވަނީ ފާހަގަކުރައްވާފައެވެ.

ޑެންގޫ ހުމުގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުން ފަދަ އަލާމަތްތައް ހިމެނޭކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި ހުން އަންނަ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި އަރާމުކުރުމަށް ސަމާލުކަންދީ، ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން ލަފާދެއެވެ.

މީގެއިތުރުން ހުން މަޑުނުވެ 3 ދުވަހަށް ވުރެ ގިނަދުވަސް ވެއްޖެނަމަ ލަސްނުކޮށް، ޑޮކްޓަރަށް ދެއްކުމަށްވެސް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައިވެސް ގިނަ ފިޔަވަޅުތަކެއް އެޅިދާނެއެވެ. އެގޮތުން ތިމާ ދިރިއުޅޭ ގެއާއި ގޯތިތިރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކޮށް، ނައްތާލުމާއި، ފެން ހުސްކޮށް، ކުނި އަޅަން ޚާއްސަކޮށްފައި ހުރި ތަންތަން ފިޔަވަ އެހެން ތަންތަނަށް ކުނި ނޭޅުމާއި، ޑަސްބިނަށް ފެން ނޭޅޭ ގޮތަށް ބެހެއްޓުން ހިމެނެއެވެ.

މަދިރި ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އަޅާ، މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަކީވެސް ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅިދާނެ މުޙިންމު ފިޔަވަޅުތަކެއް ކަމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :