ބ. އޭދަފުށީ

އިންތިޚާބާ ދިމާކިށް އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރަނީ

ހިތާދޫ އޮންލައިން | 18 ސެޕްޓެންބަރ 2018





ރިޔާސީ އިންތިހާބާ ދިމާކޮށް، ބ. އޭދަފުށީ ހިއްކި ބިމުން 80 ގޯތި ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިރަށު ހިއްކި ބިމުން 1400 އަކަފޫޓްގެ 80 ގޯތި ދޫކުރުމުގެ ހުއްދަ ސަރުކާރުން މިއަދު ދީފައިވާ ކަމަށެވެ.

“މިވަގުތަށް މި ލިބުނީ 80 ގޯތި ދޫކުރުމުގެ ހުއްދަ. ވަރަށް އަވަހަށް އެ 80 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ. ހައުސިން މިނިސްޓްރީން އެކަން ކުރިއަށް އެބަ ގެންދޭ. އުއްމީދު ކުރަން އަވަސް މުސްތަގުބަލެއްގައި އިތުރު ގޯތިތަކެއް ދޫކުރަން ހުއްދަ ލިބޭނެ ކަމަށް”

އެނގިފައިވާ ގޮތުގައި މިރަށު ހިއްކި ބިމުން 150 އަށްވުރެ ގިނަ ގޯތި ދޫކުރަން ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައިވެ އެވެ.

އޭދަފުށިން 26 ހެކްޓަރުގެ ބިން ހިއްކައި، ނިންމާފައި ވަނީ 2014 ވަނަ އަހަރުއެވެ. ދައުލަތުގެ ބަޖެޓުނގާތްގަޑަކަށް 126 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއާ އެކު އޭދަފުށީ ބިމުގެ ބޮޑުމިން 56 ހެކްޓަރަށް އަރައެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް، އޭދަފުށިން އިން ގޯތި ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ ބިން ހިއްކުމަށް ފަހު، ގޯތި ދޫނުކޮށް ހުރި ރަށްތަކުން ބިން ދޫކުރައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފައި ވަނިކޮށެވެ. އިބޫ އެ ވައުދުވެވަޑައިގެންފައި ވަނިކޮށް، ރަށްތަކުން ގޯތި ދޫކުރަން ކައުންސިލްތަކަށް ހައުސިން މިނިސްޓްރީން ދަނީ އަންގަމުންނެވެ.
ޚަބަރު: އީޓީ


ކިޔުންތެރިންގެ ޚިޔާލު...


ނަން :