ޓިވެކްގެ ގޯތިތެރެ: އެއީ ކޯސްޓްލައިން ފައުންޑޭޝަނުން ގާއިމްކުރި ސެންޓަރެއް.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރ ކިހާދޫގައި ހުޅުވައިފި

ހިތާދޫ އޮންލައިން | 10 އޯގަސްޓު 2018

ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، ބ. ކިހާދޫގައި އިއްޔެ ހުޅުހުޅުވައިފި އެވެ.

މީގެ ފަސް އަހަރު ކުރިން އުފެއްދި ކޯސްޓްލައިން ފައުންޑޭޝަނުން ގާއިމްކުރި، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ހުޅުވައިދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތައް ހިންގާ ސެންޓަރުގައި 12 އަތޮޅަކުން 50 ދަރިވަރުން އަންނަނީ މިހާރު ހިލޭ ކިޔަވަމުންނެވެ.

އެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ މިއަދަކީ ތައުލީމީ ދާއިރާ އަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސެންޓަރުން ޒުވާނުންނަށް އިތުރު އުއްމީދުތަކެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަދި ގުޅިފައިވާ އެހެނިހެން ދާއިރާތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށް އެންމެ މުހިއްމު ކަމަކީ އިންސާނީ ވަސީލަތްތައް ބިނާކުރުން ކަމަށާއި އެގޮތުން ކޯސްޓްލައިންގެ އަގު ބޮޑު ހަދިޔާއަކީ، އެކަމަށް އެޅިގެންދާ ވަރަށް މުހިއްމު ބިންގަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެ ފަދަ ގުދުރަތީ ވަސީލަތްތައް މަދު، ކުޑަކުޑަ ގައުމަކަށް ހުނަރުވެރި އުފެއްދުންތެރި ރައްޔިތެއްގެ ބޭނުންތެރިކަން އަދި މާ ބޮޑު. ތަރައްގީ އަށް ބޭނުންވާ ހަކަތަ އުފައްދައިދޭނީ އެ ގައުމެއްގެ ރައްޔިތުންގެ ކެރުމާއި ހުނަރުން،" އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ކިހާދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ކިހާދޫ ހިމެނެނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސަރަހައްދެއްގައި ކަމަށްވުމުން، ޓިވެކްގެ ސަބަބުން ގިނަ ވަޒީފާތަކަށް ޒުވާނުން ތަމްރީނު ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން، ދެ ލައްކަ އަށް ވުރެ ބޮޑު އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ އެ ސެންޓަރު އަމާޒުކޮށްފައިވަނީ، ރަސްމީ ތައުލީމް ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށް ކަމަށެވެ.

ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފެށިކަމުގައި ވިއަސް، ކުރިމަގުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒީފް ވިދާޅުވި އެވެ.

އެގޮތުން އެ ސެންޓަރުގެ ފުރަތަމަ ބެޗްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އިރު، އިންޓަވިއުކޮށް ހޮވާފައިވަނީ 50 ދަރިވަރުންނެވެ. ނަމަވެސް ކޯސްޓްލައިން ފައުންޑޭޝަންގެ އަމާޒަކީ 200 ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ.
(ޚަބަރު މަސްދަރު: މިހާރު)


ކިޔުންތެރިންގެ ޚިޔާލު...


ނަން :