އަޅުގަނޑުގެ ކާފަދަރިފުޅު އުދައްޔު އަށް ދީލަތި އެހީއެއް ވެދެއްވާ- ހުސައިން ގާސީމް

ޢާމިރު ޢަބްދުއްލަޠީފު | 03 އޯގަސްޓު 2018

" އަޅުގަނޑުގެ ކާފަދަރިފުޅު އުދައްޔު އަށް ދީލަތި އެހީއެއް ވެދެއްވުން އެދެން - ޙުސައިން ޤާސިމް " މިއީ ހިތާދޫ ސްކޫލުގެ އ. ޕްރިންސިޕަލް ކަން ކުރެއްވި ބ. ހިތާދޫ ކުރިކީލަގެ ޙުސައިން ޤާސީމްގެ އެފްބީ ސްޓޭޓަސް އެވެ. ކާފަ ދަރިފުޅަށް އެހީ ތެރިވެދެއްވުމަް އެދި އެންނެވި އާދޭހެވެ. 10 މަހުގެ ތުެއްތު ތުއްތު ކަާފަ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެއްވުމަށް ކުރެއްވި އާދޭހެވެ.

ޙުސައިން ޤާސިމުގެ ދަރިފުޅު އާމިނަތު ނަޝްފާ އާއި މުހައްމަދު ޝުޖާއުގެ ދެވަނަ ދަރިފުޅު، އުމުރުން އެންމެ 10 މަހުގެ އުދައްޔު ދާވޫދު ބިން މުހައްމަދު ޝުޖާއު ދަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ޕްރައިމަރީ ހައިޕައޮގްޒަލުރިއާ ޓައިޕް 1 ތަހައްމަލް ކުރަމުންނެވެ. އުދައްޔުގެ ކިޑްނީ ފެއިލްވެފައިވާއިރު ވީހާވެސް އަވަހަށް ކިޑްނީ އާއި ލިވާ ޓްރާންސްޕާންޓް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ.

އުދައްޔުގެ މަންމަ އަމިނަތު ނަޝްފާ ބުނި ގޮތުގައި ދަރިފުޅަށް ސިއްހީ މައްސަލަތަކެއް ދިމާވީ ކުއްލިއަކަށެވެ. އުދައްޔުގެ އުމުރުން ހަތަރު މަހުގައި ރޯގާ ޖެހި ވަރަށް ބޮޑަށް ކެއްސަން ފެށިއެވެ. އަދި ކޮންމެވެސް ވަރަކަށް ހޮޑުލެވެން ފެށިއެވެ. އޭރު އެ އާއިލާ ދިރިއުޅެމުން އައީ ހުޅުމާލޭގައި ކަމުން ހުޅުމާލޭ ހޮސްޕިޓަލަށް ދެ ފަހަރު ދެއްކުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް އުދައްޔު ދެއްކިއެވެ.

އޭޑީކޭއިން ހެދި ޓެސްޓްތަކުގެ ނަތީޖާއިން ހާމަވި ގޮތުގައި އުދައްޔުގެ ކްރިއާޓިނިން މިންވަރު ވަަރަށް މައްޗެވެ. އަލުން ޓެސްޓްތައް ހެދުނެވެ.

"ދެން ރިޕީޓް ކޮށްފަ ނަތިޖާ ލިބުނީމަ ޑޮކްޓަރުން ވިދާޅުވީ އުދައްޔުގެ ކިޑްނީ ސްކޭނެއް ހަދަން ޖެހޭ ވަގުތުން. ކިޑްނީގެ ސްކޭން ހެދިއިރު ކިޑްނީ މަސައްކަތް ނުކުރާ ކަަމަށް ޑޮކްޓަރުން ވިދާޅުވި" ނަޝްފާ ބުންޏެވެ. ކިޑްނީ މަސައްކަތް ކުރޭތޯ ޑޮކްޓަރުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި ކަމަށްވެސް ނަޝްފާ ބުންޏެވެ.

އުދައްޔު އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، އުދައްޔު ކުޑަކަމުދިޔުން ހުއްޓާލިއެވެ. އެއާއެކު ދަރިފުޅު ވަރަށް ބޮޑަށް ދުޅަވި ކަމަށާއި އަދި ދަރިފުޅު އައިސީޔޫއަށް ބަދަލު ކުރެވުނު ކަމަށް ނަޝްފާ ބުންޏެެވެ.

އުދައްޔުއަށް ފަރުވާ ދިނުމަށްޓަކައި ޕްރިޓޯނިއަލް ޑައިލެސިސް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ. ނަމަވެސް އެކަމަށްޓަކައި ލައްވަންޖެހޭ ހޮޅިކޮޅު ލެއްވޭ ޑޮކްޓަރެއް އެވަގުތު ރާއްޖޭގައި ނެތުމުން ރާއްޖެއިން ބޭރަށް ވީހާވެސް އަވަހަށް ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ.

"އޭޑީކޭގެ ޑޮކްޓަރުންނާއި އިސްބޭފުޅުންވެސް މަސައްކަތް ކޮށްދެއްވައިގެން އާސަންދަ ވަރަށް އަވަހަށް ހަމަޖެހި ޖެހިގެން އައި ދުވަހު އިންޑިއާގެ ކިމްސް އަށް އަޅުގަނޑުމެން ދިޔައީ" ނަޝްފާ ބުންޏެވެ.

އިންޑިއާގެ ކިމްސް އިން ހެދި ސީޓީ ސްކޭންގެ ނަތީޖާއަށްފަހު އެ ހޮސްޕިޓަލުން ބުނެފައިވަނީ އުދައްޔުގެ ކިޑްނީ އަލުން ރަނގަޅު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ޑައިލިސިސް ހެދުމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވި ކަމަށް ނަޝްފާ ބުންޏެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް އުދައްޔުއަށް ޖެހިފައިވާ ކަމަށް ބެލެވިގެން ޓެސްޓްތަކެއް ހެދުމަށްޓަކައި ސާމްޕަލްތައް ޖަރުމަނަށް ފޮނުވުނެވެ.

ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު، ޑައިލެސިސް ހެދުމަށްޓަކައި އުދައްޔުގެ ބަނޑަށް އެކަމަށް ހާއްސަ ހޮޅިކޮޅެއް ލައްވާ ޑައިލެސިސް ހަދަން ފެށިއެވެ. އޭރު އުދައްޔުއަށް ފަރުވާ ދެމުން ދިޔައީ ކިމްސް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އުދައްޔުގެ ހާލު ކުޑަކޮށް ރަނގަޅު ވުމުން އައިސޮލޭޝަން ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. އަދި އުދައްޔުގެ ޑައިލެސިސް ހެދުމަށް މުހައްމަދު ޝުޖާއު އާއި އަމިނަތު ނަޝްފާ ތަމްރީނު ކުރެވުނެވެ.

"ހޮސްޕިޓަލުން ބޭރުގައި އަޅުގަނޑުމެން އަމިއްލައަށް ޑައިލެސިސް ހަފުތާއެއް ވަންދެން ހެދުމަށްފަހު ދަރިފުޅުގެ ޓެސްޓްތައް ހެދުމަށް ޑޮކްޓަރަށް ދަށްކަން ބުނި" ނަޝްފާ ބުންޏެވެ.

އޭގެ ފަހުން އުދައްޔު އާއެކު އާއިލާއިން ރާއްޖެއައެވެ. ނަމަވެސް ރާއްޖޭގައި އުދައްޔުގެ ކަންކަން ބެލެހެއްޓުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިއެވެ. އެގޮތުން ކިޑްނީ ޑޮކްޓަރަކަށް ކޮންމެ ހަފުތާއަކު ދެއްކުމާއި އަމިއްލައަށް ޑައިލެސިސް ހަދާއިރު އެކަމަށް ބޭނުންވާ ބައެއް ތަކެތި ނުލިބުމުގައި ދަތިތައް ކުރިމަތިވިއެވެ.

ލަންކާއަށް ދިރިއުޅުން ބަދަލުކުރުމަށް ނިންމައި މިއަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެ އާއިލާއިން ލަންކާއަށް ދިރިއުޅުން ބަދަލުކުރިއެވެ. ލަންކާއަށް ދިރިއުޅުން ބަދަލުކުރި ފަހުން އުދައްޔުގެ އިލެކްޓޯލިއޭޓްސް އިމްބެލެންސް ވެގެން ފަސް ފަހަރު އެޑްމިޓް ކުރެވުނެއެވެ. ލަންކާގައި ތިއްބާ އިންޑިއާއިން ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުނެވެ.

"ނަތީޖާއިން ހާމަވި ގޮތުގައި އުދައްޔުގެ ބައްޔަކީ ޕްރައިމަރީ ހައިޕައޮގްޒަލުރިއާ ޓައިޕް 1 އެއް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް. މި ބަލީގައި ކިޑްނީ އެހާ އަވަހަށް ފެއިލް ކޮށްލުން ނުވަތަ ދަރިފުޅު ކުޑައިރު ބަލި އެޑްވާންސްވުން އެއީ މީގެ ކުރިން ފެނިފައިނެތް ކަމެއް ކަމަށް އެތައް ޑޮކްޓަރުންނެއް ބުނި" ނަޝްފާ ބުންޏެވެ.

ބަލި ކަށަވަރުވުމުން ޑޮކްޓަރުން ވަނީ ވީއެންމެ އަވަހަށް އުދައްޔުގެ ކިޑްނީ އަދި ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ލަފާ ދެއްވާފައެވެ.

"ކުރިން ނިންމީ ދަރިފުޅުގެ އުމުރުން ދެ އަހަރުވުމުން ޓްރާންސްޕްލާންޓް ހެދުމަށް. ނަމަވެސް ޑޮކްޓަރުން މިހާރު ބުނަނީ ޑައިލެސިސް މަސައްކަތް ނުކުރާ ކަމަށް. އަދި ދަރިފުޅުގެ އެހެން ގުނަވަން ނުރައްކާ ވަމުންދާ ކަމަށް ވިދާޅުވި. އަބަދުވެސް ދަރިފުޅުގެ ހިތް ޓެސްޓް ކުރޭ އެހެންވީމަ. މިހާރު އެހެން ގުނަވަންތަކަށް ގެއްލުންވެދާނެތީ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. " ނަޝްފާ ބުންޏެވެ.

އުދައްޔުއަށް ކިޑްނީ އާއި ލިވާ ހަދިޔާ ކުރުމަށް އުދައްޔުގެ މަންމަ އާއި ބައްޕަގެ އާއިލާގެ މެންބަރުން ތިބީ ތައްޔާރަށެވެ.

ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ ޗެންނާއީގެ ގެލެނީގަލްސް ގްލޯބަލް ހެލްތު ސިޓީ ގައެވެ. ޓްރާންސްޕްލާންޓް އޮޕަރޭޝަންގެ ހަރަދުތައް އާސަންދައިން ހަމަޖައްސައިދީފައި ވީނަމަވެސް ގިނަ ދުވަސްތަކެއް އިންޑިއާގައި ހޭދަ ކުރަން ޖެހޭނެކަމަށް ބެލެވޭތީ އެ އާއިލާ ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. ޓްރާންސްޕްލާންޓް އޮޕަރޭޝަނަށް ހޭދަވާނެ ދުވަހެއް ހޮސްޕިޓަލުން އަދި ހާމަ ނުކުރާ ކަމަށް ނަޝްފާ ބުންޏެވެ.

މިހާރު އުދައްޔު ދިރިހުންނަނީ ދުވާލަކު 19 ގަޑިއިރު ޕްރިޓޯނިއަލް ޑައިލެސިސް ހަދައިގެންނެވެ. އަދި ދުވާލަކު 22 ފަހަރު ބޭސްދޭންޖެހެއެވެ. އެހެންކަމުން އުދައްޔުއަށް 24 ގަޑިއިރު ހުސްވެ ހުންނަން ޖެހޭތީ މުހައްމަދު ޝުޖާއު އާއި އާމިނަތު ނަޝްފާ އަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ.

އުދައްޔު ބަލިވީސުރެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީ އާއިލާ އަދި ރައްޓެހިންނާއި އާންމުންގެ އެހީ ލިބިގެން ކަމަށް އުދައްޔުގެ މަންމަ ނަޝްފާ ބުންޏެވެ. އެކަމަށްޓަކައި އެއާއިލާއިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އުމުރުން 10 މަހުގެ އުދައްޔުއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އުދައްޔުގެ އާއިލާއާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

މުހައްމަދު ޝުޖާއު (އުދައްޔުގެ ބައްޕަ)
ރުފިޔާ އެކައުންޓް: 7704140918001
ޔޫއެސް ޑޮލަރު އެކައުންޓް: 7704140918002
ފޯނު ނަންބަރު: މުހައްމަދު ޝުޖާއު (އުދައްޔުގެ ބައްޕަ) ވައިބާ 7866418

މަސްދަރު : ވީއެފްޕީ


ކިޔުންތެރިންގެ ޚިޔާލު...


ނަން :