ފެހެންދޫ ޗެމްޕިއަން ޝީލްޑާއެކު އުފާފާޅުކުރަނީ– އީޓީ ފޮޓޯ/ޒުހުދާ

ފެހްންދޫ ޒޯން ޗެމްޕިއަން ތަށި ނަގައިފި!

ހިތާދޫ އޮންލައިން | 03 އޭޕްރީލް 2018





އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދައި ބ. ފެހެންދޫ މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކޮށްފިއެވެ.

ފެހެންދޫ ޒޯން ތިނެއްގެ މުބާރާތް ކާމިޔާބު ކުރީ ހަވީރު ނައިފަރު ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 3-2 ގެ ނަތީޖާއަކުން ރ. މީދޫ ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ފެހެންދޫ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެހެންދޫގެ އާދަމް ނިޒާމް (ކިތުނާ) ލަނޑެއް ވައްދާލައި ނަމަވެސް އެސިސްޓެންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފައެވެ. ފެހެންދޫ ޓީމުން ޖެހި ލަނޑު އޮފްސައިޑްކަން އެނގުނީވެސް އެޓީމުން އުފާފާޅު ކުރިތާ އިރުކޮޅެއް ފަހުންނެވެ. މި ނިންމުމާމެދު ފެހެންދޫ ޓީމުން ވަރަށް ބޮޑަށް ދެކޮޅު ހެދި ނަމަވެސް ރެފްރީގެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު 45 ވަނަ މިނެޓުގައި ޖެހީ ފެހެންދޫ ޓީމުގެ ޙުސައިން ޝިފާހް އެވެ. ޒޯން މުބާރާތާއި ފައިނަލް ބުރުގައި މިދިޔަ ދެ އަހަރުވެސް އޭދަފުށީ ޓީމަށް ކުޅުނު ޝިފާހް މި ލަނޑު ޖެހީ ޢަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މީދޫ ޓީމުން ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރު ކުރިއެވެ. މީދޫ ޓީމަށް މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެއްވަރު ކޮށްދިނީ ނާޖިހު މުޙައްމަދު އެވެ. މެޗު އެއްވަރުވާން ދަނިކޮށް ފެހެންދޫން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. މެޗުގެ 84 ވަނަ މިނެޓާއި 90 ވަނަ މިނެޓުގައި މި ލަނޑުތައް އެޓީމަށް ޖަހައިދިނީ މީގެ ކުރިން އޭދަފުށީ ޓީމަށްވެސް ގިނަ ލަނޑުތަކެއް ޖަހައިދީފައިވާ ކިތުނާ އެވެ. ކިތުނާގެ ދެ ލަނޑު ޖަހަންވެސް މަގުފަހި ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އަހްމަދު ޝާނެވެ. ދެ ލަނޑުގެ ތަފާތަކުން ފެހެންދޫ މެޗުން މޮޅުވާން ދަނިކޮށް މީދޫ ޓީމުން ވަނީ މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަހްމަދު އާސިފް އެވެ. ނަމަވެސް ފެހެންދޫން ވަނީ އެޓީމުގެ ލީޑު ހިފަހައްޓައި މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

300 މީހުން ރަޖިސްޓްރީގައި އޮންނަ ފެހެންދޫ އަކީ ރާއްޖޭގެ ނިސްބަތުންވެސް އެންމެ އާބާދީ ކުޑަ އެއް ރަށެވެ. އެރަށުން މިފަހަރުގެ އަތޮޅު މުބާރާތް ކާމިޔާބު ކުރީ ފުޓްބޯޅައިގައި ނަން މަޝްހޫރު އޭދަފުށި ބަލިކުރުމަށް ފަހުއެވެ. އަދި ޒޯން މުބާރާތުގައި އެޓީމުން ވާދަކުރި ނައިފަރާއި މީދޫ އަކީވެސް މުބާރާތަށް ވަރުގަދައަށް ތައްޔާރުވި ދެޓީމެވެ. ފެހެންދޫ މި ހޯދި ކާމިޔާބީއާއެކު އެޓީމު ދެން ވާދަކުރާނީ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލް ބުރުގައެވެ.
(ޚަބަރު - އީޓީ)


ކިޔުންތެރިންގެ ޚިޔާލު...


ނަން :


އާދަނު

ކޮންތާކުން ނެގީ