ބ. ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އަޅަނީ!

ހިތާދޫ އޮންލައިން | 10 އޮކްޓޯބަރ 2017

ބ. ކިހާދޫ ކިޑްސް ޖަމިއްޔާ އާއި ބ. ކިހާދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކިހާދޫ ކާށި ގުދަނުގެ އިރުމަތީ ކޮޅުގައި ތަރައްގީ ކުރާ މި ޕާކު ހެދުމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އިބްރާހިމް ފަޒީލުއެވެ.

ކިހާދޫ ކައުންސިލުން ބުނީ، އެރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަކީ ކައުންސިލްގެ ކުރިއަށް އޮތް ތިން އަހަރުގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި ކިޑްސް ޖަމިއްޔާއިން މި މަސައްކަތަށް ކައުންސިލައް އެބާރުލުން ދިނުމަށް އިސްނެގީތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ޕާކުގެ ވަށާފާރު ރާނައި ވޯކްވޭ ހަދައި ނިންމާލެވޭނެ އެވެ. މި މަސައްކަތަށް ޚަރަދު ކުރާނީ ކިހާދޫ ކައުންސިލުންނެވެ.

ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ކުޅެ މަޖާކޮށްލާ އާއިލާ އާއެކު ހިތްގައިމު ވަގުތު ކޮޅެއެއް ހޯދައިދިނުން ކަމަށް އެރަށޫ ކައުންސިލުން ބުނެ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރުމަށް ހަމަޖެހިފައިވާ މި ޕާކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ކިހާދޫ ކައުންސިލާ ކިޑްސް ޖަމިއްޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޑްސްއަކީ 2015 ވަނަ އަހަރުން ފެށިގެން ކިހާދޫގައި ހިންގަމުން އަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔައިން އަންނަނީ ކިހާދޫގައި އިޖްތިމާއި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :