ރޭގެ ޖަލްސާގައި ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކު ވާހަކަ ދައްކަނީ ފޮޓޯ- ހިތާދޫ އޮންލިން

މި ސަރުކާރު ޛިންމާދާރު ކުރަން ސާޖިދަށް ވޯޓު ދޭން ޖެހޭ- މަބްރޫކު

ހިތާދޫ އޮންލައިން | 18 އޯގަސްޓު 2017





މިސަރުކާރު ޛިންމާދާރު ކުރުންވަން ކަމަދޫ ކައުންސިލުގެ ހުސްވައިވާ ގޮނޑިއަށް މެންބަރުން އިންތިހާބު ކުރުމަށް މާދަމާ ބާޢްވަ ބައި އިލެކްޝަންގައި އަޙްމަދު ސާޖިދަށް ވޯޓު ދޭން ޖެހޭ ކަމަށް ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކު ނަސީރު ވިދާޅުވެއްޖެވެ.

މަބްރޫކު މިހެން ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ފަރާަތްތުން ރޭ ބ. ކަމަދޫގައި ބޭޢްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަބްރޫކު ވިދާޅުވީ މިސަރުކާރު ޛިންމާދާރު ކުރުވުމަށް ބޭނުންވަނީ ކެރޭ ބަސްބުނާނެ މީހުން ކަމަަށާއި އަޙްމަދޫ ސާޖިދަކީ އެފަދަ ފަހުލަވާނެއް ކަމަށެވެ.

ރޭގެ ޖަލްސާގައި އަތޮޅުގެ އެކި ރަށްރަށުންނާއި ބ. ހިތާދޫގެ އެމްޑީޕީ މެންބަރުންނާއި އެމްޑީޕީއަށް ތާއީދު ކުރާ ގިނަބަޔަކު ވަނީ ބައިވެރި ވެފައެވެ.

ހިތާދޫ ކައުންސިލުގެ ނައިބުރައީސް މުޙައްމަދު ހަސަން ވިދާޅުވީ ރޭގެ މި ޖަލްސާގައި ހިތާދޫން ބައިވެރި ވުމުގެ ބޭނުމަކީ މިސަރުކާރަށް ރައްޔިތުން ނުރުހޭ ކަން އަންގައި ދިނުމާއި ކަމަދޫގެ ރައްޔިތުންނަށް ހިތްވަރު ދިނުން ކަމަށެވެ.

ރޭގެ ޖަލްސާގައި އެމްޑީޕިގެ އިސްވެރިންނާއި ގުޅިފައިވާ އިދިކޮޅު ޕާޓީތުގެ އިސް ބޭފުޅުން ވަނީ ބައިވެރި ވެފައެވެ.

މިޖަލްސާގަިއ ވާހަކަ ދައްކަަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ވަނީ އެމަނިކުފާނު ވެސް އޮޅިފައި ކަމަށާއި، އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާކަން ވެސް އެމަނިކުފާނުގެ ހަނދާނުގައި ނެތް ކަމަށެވެ.

އަދި އެމަނިކުފާނު ކުރައްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާއަކު ކުރައްވާވަރުގެ ކަންކަން ނޫން ކަމަށް ޝިފާޒް ވިދާޅުވި އެވެ. އެގޮތުން މިސާލުޖައްސަވަމުން ޝިފާޒް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން މެމްބަރުން ހައްޔަރު ކުރުމަކީ ރައީސަކު ކުރައްވާވަރުގެ ކަމެއް ނޫންކަމަށެވެ.

"ރައީސް ޔާމީނަށްވަނީ ރައީސް ޔާމީނަކީ ކާކުކަން ވެސް އޮޅިފައި. އެއީ ރައީސުލްޖުމްހޫރިއްޔާކަން މިހާރު ވަނީ އޮޅިފައި. ރައީސް ޔާމީނަކަށް ސާފެއް ނޫން. ހަމަގައިމު ވެސް ރައީސަކު ކުރާ ޖާތުގެ ކަންކަމެއް ނޫން އެ ކުރަނީއެކީއެއް." ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި، ރައީސް ޔާމީނާއެކު އެމަނިކުފާނު ދުއްވާ އޮޑި މިހާރު ގޮސް ފަރަށް އަރާފައިވާ ކަމަށެވެ. އަދި އެމަނިކުފާނާއެކުގައި އެ އޮޑިއަށް ރައްކާތެރިކަމެއް ލިބެން ނެތް ކަމަށާއި، އެ އޮޑީގައި ތިބި ހުރިހާ މީހުން މިހާރު އޮޑިން ފައިބަމުންގެންދާ ކަމަށް ޝިފާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ކަމަދޫ ބައި އިލެކްޝަންގައި ވާދަކޮށްގެން ނުވާނެކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވި، ރައީސް ޔާމީނަށް ނިމުނު ކައުންސިލް އިންތިހާބުގައި ލިބުނު ނަތީޖާގެ ސަބަބުން ކަމަށެވެ. އަދި އެ ނަތީޖާ ލިބުނު ގޮތުން ލަދުން، އަނބިކަނބަލުން ވެސް މިހާރު ސިޔާސީ ޕޯޑިއަމް އިން ނުފެންނަ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމާއި ގުޅެގޮތުން ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އެމްޑީޕީން ކުރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް، ރައްޔިތުންގެ ހައްޤު މިންވަރު ހޯދައިދިނުމަށް އެންމެ ރަނގަޅު ނިޒާމް ކަމަށް ޝިފާޒް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :