ދިވެހިބަސް މަރުވަނީހެއްޔެވެ؟

ލިޔުނީ: މުޙަންމަދު އަޝްހަދު ނަޞީބު/ ޅ. ނައިފަރު | 22 މާރިޗު 2013

. ތަޢާރަފް:

"ދިވެހިބަސް މަރުވަނީ ހެއްޔެވެ؟" އަދި "ލެންގުއޭޖް ޑެތް" އާއި ބެހޭގޮތުން އެކިބޭބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތަކާއި ދިވެހިބަހުން މިހާރުކުރެވޭ ބޭނުންތަކީ ކޮބައިތޯ؟ މި މައުޟޫއުގައި ޢިލްމީގޮތުން އެކިބޭބޭފުޅުން ކުރައްވާފައިވާ ދިރާސާތަކުގެ މަޢުލޫމާތު ހިމަނާފައިވާނެއެވެ. މިގޮތުން ދިވެހިބަސް ދިރާސާކުރައްވާ ބޭބޭފުޅުންނާއި ދިވެހިބަހަށް ތަފާތު ގިނަގުނަ ޚިދުމަތްކުރެއްވި އަދި ކުރައްވަމުންގެންދަވާ ބޭބޭފުޅުންގެ ޚިޔާލާއި ޝުޢޫރު ހިމަނާލާފައިވާނެއެވެ. މީގެއިތުރުން ބަހުގެ ފަންނުގައި ފުންނާބުއުސް އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުން މިމަޢުޟޫޢުގައި ކޮށްފައިވާ ދިރާސާތަކަށްވެސް ބަލާލާފައިވާނެއެވެ.

މި ދިރާސީ މަޒުމޫނުގައި ހިމެނޭނީ މައިގަނޑު ހަތަރު ބައެކެވެ. އެގޮތުން ތަޢާރަފްގެ ބައިގައި އެންމެފުރަތަމަ މުޅިމަޒްމޫނުގެ ތަޢާރަފެއް ދީފައިވާނެއެވެ. އެއަށްފަހު މަޒްމޫނުގެ މައިގަނޑު، ދެވަނަ ބައެއްގެ ގޮތުގައި ގެނެސްފައިވާނެއެވެ. އަދި މައިގަނޑުގައި ބަސްއުފެދޭގޮތްތަކާއި، ބަސްމަރުވުން ނުވަތަ ބަސް އުވުމަކީ ކޮބައިކަމާއި، ބަހެއް އުވިގެންދާން ދިމާވާ ބައެއް ސަބަބުތަކާއި، ބަހެއް އުވިގެން ދާއިރު ކަޑައްތުކުރާ މަރުޙަލާތަކާއި، ބަހެއް އުވިގެންދިޔަ ނުދިނުމަށްޓަކައި ކުރެވިދާނެކަންތައްތަކާއި ދިވެހިބަސް މަރުވާކަަމަށް ދެކެވޭ ވާހަކަތަކަށް ޢިލްމީގޮތުން ކުރެވިފައިވާ ދިރާސާތަކާއި އެކަމުގެ މާހިރުން ވިދާޅުވާ ބަސްފުޅުތަކުގެ މައްޗަށް ބިނާކޮށް ދިވެހިބަހުގެ މިހާރުގެ ޙާލަތު ސާފުކޮށްދީފައިވާނެއެވެ. އަދި ނިންމާލުމުގެ ގޮތުން މުޅި ދިރާސީ މަޒްމޫނުގެ ޚުލާސާއެއް ގެނެސްދީފައިވާއިރު އެންމެ ފަހު ބައެއްގެ ގޮތުން މިދިރާސީ މަޒުމޫނު ލިޔުމަށްޓަކައި ޙަވާލީދީފައިވާ ގޮތުގެ ތަފްސީލްވެސް ހިމަނާފައިވާނެއެވެ.

2. މައިގަނޑު:

ދިވެހިބަހަކީ ދިވެހިންގެ ފަޚުރެވެ. ދިވެހިން ވާހަކަ ދައްކާ ދިވެހިންގެ މާދަރީ ބަހެވެ. ހަމައެހެންމެ ދިވެހި ޤައުމިއްޔަތުގެ މައި އެއް ތަނބެވެ. ދިވެހިންގެ ކާބަފައިން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުންދާ ދިވެހިންގެ އަމިއްލަ ތަރިކައެކެވެ. ކަންމިހެން ހުރުމާއިއެކު އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދީފައި ދިވެހިބަސް އަންނަން އޮތްޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އެހެންނަމަވެސް، ދިވެހިބަސް މިގޮތުގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންގެ ޙިއްސާ އޮތީ ކިހާވަރަކަށް ސުވާލުކުރެވުން އެބަދެއެވެ. ދިވެހިބަސް އުވިގެން ނުވަތަ މަރުވެގެން ދަނީކަމަށް ބުނެވެމުންދާއިރު، ދިވެހި ބަހުގެ މިހާރުގެ ޙާލަތަށް ބަލާއިރު ދިވެހިން ދިވެހި ބަހުގެ ބޭނުން ހިފާމިންވަރު ދެނެގަތުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންއެބަޖެހެއެވެ.

2.1 ބަސް އުފެދުން

ބަސް އުފެދުމާއި ބެހޭގޮތުން ދުންޔާ މަޢުމޫނު (2007) ބަޔާންކުރައްވާގޮތުގައި "އިންސާނީ ތާރީޚުން ދައްކާގޮތުގައި ދުނިޔޭގައި އަބަދުވެސް އާބަސް އުފެދެމުން އަނެއްބައި ބަސްބަސް އުވެމުން ނެތެމުން ގޮސްފައިވެއެވެ. މިސާލަކަށް ކުރީގެ ބައެއްބަސް ކަމަށްވާ ސާންސްކްރިތް ބަހާއި ލެޓިން ބަސް ފަދަ ބަސްބަހަކީ "މަރުވެފައިވާ" ބަސްބަހެވެ". މިގޮތުން ދިވެހިބަހަކީ ވެސް ދިގު ތާރީޚެއް އޮތް މުއްސަނދިބަހެކެވެ. ޢައްބާސް އިބްރާހިމް (2002) ވިދާޅުވާގޮތުގައި ދިވެހިބަހަކީ އިންޑޯ-އާރިއަން ބަހެކެވެ. ސާންސްކިރިތުން އުފެދިފައިވާ ބަސްތަކުގެ ތެރެއިން ހުޅަނގާއި ހުޅަނގު ދެކުނު ގޮފީގެ ބަހެކެވެ. ދިވެހިބަސް މުއްސަނދިވެފައިވަނީ، އެކިއިރު، އެކިޒަމާނުގައި މިރާއްޖެއަށް އައިސް ވަޒަންވެރިވި މީހުންނާއި، ގިނަދުވަސްތަކެއްވަންދެން ރާއްޖޭގައި ދިރިއުޅުނު މީހުން ގެނައި ބަސްބަހުންނެވެ. މިބަސްތަކުގެ ތެރޭގައި ޢަރަބި، ފާރިސީ، ސިންގަޅަ، ތަމަޅަ، މަލަޔާލަމް އަދި މެލޭބަސް ހިމެނެއެވެ. ޕޯޗުގީޒް ބަހާއި އިނގިރޭސި ބަސް ރާއްޖެއަށް އައީ މާފަހުންނެވެ. ދިވެހިބަސް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވާ ގޮތައް ބަލާއިރު، ޢައްބާސް އިބްރާހިމް (2007) ބަޔާންކުރައްވާ ގޮތުގައި "ޒަމާންތައް ބަދަލުވަމުންދިޔަނަމަވެސް، އަދި ބޭނުންކޮށް އުޅޭ ބައެއް ލަފްޒުތައް ބަދަލުވަމުން އައި ނަމަވެސް ދިވެހީން ބޭނުންކުރާ ބަހުގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ބަހަކީ ދިވެހިބަހެވެ". ރާއްޖޭގެ އެކިސަރަހައްދުތަކުގައި ވާހަކަދައްކާ އުޅޭ ބަހުރުވަ ތަފާތުވި ކަމުގައިވިޔަސް ދިވެހިރާއްޖޭގައި ބޭނުންކުރެވީ އެއްބަހެކެވެ. އެއީ ދިވެހިބަހެވެ. މުހަންމަދުޖަމީލް (2007) ވިދާޅުވާގޮތުގައި "ޤައުމެއްގެ ނިސްބަތުން އެ ޤައުމެއްގައި އުޅޭ އެންމެން އެއްބަހަކުން ވާހަކަދެއްކުމަކީ އެ ޤައުމަކަށް ލިބިފައިވާ ވަރަށްބޮޑު ނިޢުމަތެކެވެ. ވަރަށް ބޮޑު ނަސީބެކެވެ. މި ނިޢުމަތާއި މި ނަސީބުމިވަނީ އަޅުގަނޑުމެންގެ ޤައުމަށް ލިބިފައެވެ. ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެން ފަދަ ވަކިވަކި ޖަޒީރާތަކަކަށް ބެހިފައިވާ ޤައުމެއްގައި އެންމެންނަކީ އެއްބަހަކުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ދެމެހެއްޓިގެން އައިސްފައިވާކަމީ އޭގެ ޒާތުގައި ވަރަށް ބޮޑު "މުޢުޖިޒާތެކެވެ."

ބަސްއުފެދުމާއި ބެހޭގޮތުން ވާހަކަދައްކާއިރު މިހާތަނަށް އުފެދިފައިވާ ތަފާތުބަސްތައް އުފެދުމަށްފަހު ކުރުމުއްދަތެއްގެ ތެރޭގައި އުވެމުން ދިއުމުގެ ސަބަބުން، މިއަދުގެ ދުނިޔޭގައި މިކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވެމުންދާ ކަމެކެވެ. އަދި އެކަމަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާތީ ބަސްމަރުވުމުގައި ދިމާވާ ގޮންޖެހުންތަކަށް ބަލައިލާ ދެކެވިފައި ހުރި ވާހަކަތަކަށް ބަލައިލުން މުހިއްމު ކަމުގައިފެނެއެވެ.

2.2 ބަސް މަރުވުން ނުވަތަ އުވުން:

ބަހެއްމަރުވުމަކީ އެކަމާއިމެދު ކަންބޮޑުވާންޖެހޭކަމެކެވެ. ސަބަަބަކީ ބަހެއް އުވި ދިއުމުން އެބަހަކާއި ގުޅުން ހުރި ސަގާފީ، ދީނީ، ބޭސްވެރި އަދި ޒަމާންވީ ހުރިހާ އަދާދަކާދަޔާ ގުޅުންހުރި ލަފުޒުތަކާއި އަދި މިނޫން ވަރަށް ގިނަ ޢިލްމު ގެއްލިގެންދާތީއެވެ. ބަސްމަރުވާކަމަށް ބުނުމަކީ އެކަމުގެ ހައްލެނޫންކަމަށްބުނެ 2010 ވަނައަހަރު ބީބީސީ އިން ޢާއްމުކުރި ލިޔުމެއްގައިވެއެވެ. ދުނިޔޭގައި ވާހަކަދެއްކުމަށްޓަކައި 6000 އެއްހާ ބަސް ބޭނުންކުރެވެމުންދާއިރު މިދެންނެވި ބަސްތަކުގެ ތެރެއިން ގާތްގަނޑަކަށް 500 އާއި 1000 އާއި ދެމެދުގެ އަދަދުގެ ބަހުން ވާހަކަދައްކަނީ ވަރަށް މަދު ޢަދަދެއްގެ ބައެކެވެ. ކޮންމެ އަހަރަކު ބޮޑަތި ބަސްތަކުގެ ތެރެއިން 25 ބަސް ދުނިޔެއިން ނެތިގެންދެއެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެ މުއްދަތުގައި ތަފާތު ބިންހެލުންތަކުގެ ސަބަބުން 250 އަށްވުރެ ބަސް ވަނީ ދުނިޔެއިން އުވިގެން ގޮސްފައެވެ (ބީ.ބީ.ސީ، 2010). 21 ވަނަ ޤަރުނު ނިމެންވާއިރަށް ދުނިޔޭގައި މީހުން ވާހަކަދައްކާ ބަސްތަކުގެ ތެރެއިން މައިގަނޑު 6 ބަސް ނޫން އެހެން ހުރިހާބަހެއް އުވިގެންދާނެކަމަށް ބައެއް މާހިރުން ވިދާޅުވެއެވެ (ދުންޔާ މަޢުމޫނު، 2007). އަދިވެސް ބަސް މަރުވުމާއި ބެހޭގޮތުން ބީ.ބީ.ސީ އިން 2007 ހާމަކޮށްފައިވާ ރިޕޯރޓެއްގައިވާ ގޮތުން ދުނިޔޭގެ ޢާބާދީގެ 94 އިންސައްތަ މީހުން ބޭނުންކުރަނީ އެވަގުތު ދުނިޔޭގައި ވާހަކަ ދެކެވެމުންދާ ބަސްބަހުގެ އެންމެ 6 އިންސައްތައެވެ. އަދި 10 މީހުންނަށްވުރެ މަދުން ވާހަކަދައްކާ އުޅޭ 133 ބަސް އެދުވަސްވަރު ދުނިޔޭގައިވެއެވެ (ކޯލްސް، 2007). އަދިވެސް ދުނިޔޭގައި ފެތުރެމުންމިދާ "ގްލޯބަލައިޒޭޝަން" ގެ އޮއިވަރުގެ ސަބަބުން މިޒަމާނުގައި މާހަލުވި އަވަސް ބަސްތައް އުވެމުން ނެތެމުން ދާން ފަށައިފިކަމަށް ދިރާސާތަކުން ދައްކާކަމަށް ދުންޔާ މަޢުމޫނު (2007) ބަޔާންކުރައްވައެވެ.

ދިވެހިބަސް އުވިގެން ނުވަތަ މަރުވެގެން ހިގައިދާނެ ކަމާއިމެދު ބަހާއިމެދު ފިކުރުހިންގަވާ ބޭފުޅުން ސުވާލު އުފެއްދުމަކީ އެކަމާއިމެދު ކޮންމެ ދިވެއްސަކުވެސް ވިސްނާފިކުރު ކުރަންޖެހޭކަމެވެ. ދިވެހިބަހުގެ ފުންނާބު އުސްބޭފުޅެއްކަމަށްވާ ޢަބްދުﷲ ހަމީދު (2002) މިކަމާއިމެދު ވިދާޅުވެފައިވަނީ މިފަދައިންނެވެ. "އަޅުގަނޑަށް ވިސްނޭގޮތުގައި، ކުރީއްސުރެ ދިވެހިބަސް ބޭނުންކުރަމުން އައިސްފައިވާ ހަމަތަކާއި ޢުސޫލުތަކަށް ތަބަޢަ ނުވުމަކީ އެމީހަކަށް ފެންނަގޮތަކަށް އެމީހަކު ބަސް ބޭނުންކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. އެދޮރުން ބަހުގެ ޤަވައިދުތަކާއި އުޞޫލުތައް ނިކުމެގެން ގޮސް ބައެއް އެހެން ބަސްބަހަށް ވީހެން ދިވެހިބަސްވެސް އުވިގެން ނެތިގެން ހިނގައިދާނެއެވެ. މިއީ ކޮޅެއްނެތްފަދަ ބިރެކެވެ". އަދިވެސް ދިވެހިބަހުގެ ފުންނާބު އުސް ބޭފުޅެއްކަމުގައިވާ އަލްމަރްޙޫމް މުހަންމަދުޖަމީލް (2007) ވިދާޅުވާ ގޮތުގައި "ދިވެހި ބަހަކީވެސް ކޮންމެވެސް މިންވަރަކަށް ހަމަތަކާއި ގޮތްތަކެއް އެކުލެވިގެންވާ ބަހެކެވެ. ބަހަށް ގޮތްހަދައިލާން ހިތަށް އެރުމުގެ ކުރީގައި ބަލާންވާނީ ބަހުގައި އެކަން އޮތްގޮތެވެ. އެގޮތަށް ރަނގަޅަށް ނޭންގިހުރެ އަޅާކޮންމެ ފިޔަވަޅެއްް، ޒަމާން ފުހެމުން ދާނެއެވެ. ޒަމާން ދަމަހައްޓާނީ މޮޅު ހަރުދަނާ ފިޔަވަޅެކެވެ. މޮޅު ހަރުދަނާ ގޮތެކެވެ." ކަންމިހެން ހުރުމާއިއެކު ބަހެއް އުވިގެން ދާންދިމާވާ ސަބަބުތަކަށް ބަަލައިލުން މުޙިއްމު ކަމުގައި ދެކެމެވެ.

2.3 ބަހެއް އުވިގެންދާން ދިމާވާ ބައެއް ސަބަބުތައް:

މަޝްހޫރު ބަހުގެ މާހިރެއްކަމުގައިވާ ބްރޫކް ކޮނެލް (2007) ނިއުސްލެޓަރ - ޔޫކޭ - ފައުންޑޭޝަން ފޯރ އެންޑޭންޖަރޑް ލެންގުއޭޖްގައި ވިދާޅުވެފައިވާ ގޮތުގައި 4 ނޮވެމްބަރ 1995 ގައި ކެމަރޫންގެ މަންބީލާ ސަރަހައްދުގައި ވާހަކަ ދައްކާ ބަސްތަކުގެ ތެރެއިން ބަހެއް ކަމަށްވާ "ކަސާބޭ" ބަހުން ވާހަކަދައްކާ އެންމެ ފަހު މީހާ "ބޮގޮސް" ނިޔާވުމާއި ގުޅިގެން އެދުވަހުންފެށިގެން އެބަސްވަނީ މުޅިން ގެއްލިފައެވެ. ނުވަތަ މަރުވެފައެވެ. ޔުނެސްކޯގެ ސެކެޓްރީ ޖެނެރަލް މިސްޓަރ ކޮއިޗިރޯ ވަޓްސުރާގެ 2007 ފެބްރުއަރީ 21 ގައި ދެއްވާފައިވާ ޚިތާބަކާއި ޙަވާލާދީ ދުންޔާ މަޢުމޫނު (2007) ބަޔާންކުރައްވާގޮތުގައި ދުނިޔޭގެ ބަސްތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި ބޭނުންކުރާ، އިންސާނިޔަތު އުފެދިގެން އައި ކަމަށް ބުނާ އެފްރިކާ ބައްރުގައި ބޭނުންކުރާ ބަސްތައް އެބަސްބަހުން ވާހަކަދައްކާ މީހުން ވަރަށް ކުޅަދާނަކަމާއިއެކު އެމީހުން ޢާއްމު ދިރިއުޅުމުގައި ބޭނުންކުރި ކަމުގައި ވިޔަސް މިއިން އެއްވެސް ބަހެއް ތަޢުލީމީ ނިޒާމުގައި، އިދާރީ ކަންކަމުގައި، ޢަދުލު އިންސާފުގެ ނިޒާމުގައި، ނޫސްވެރިކަމުގައި މިއިން އެއްވެސް ދާއިރާއެއްގައި ބޭނުންކޮށްފައެއްނުވެއެވެ. މީގެ އިތުރުންވެސް ބަހެއް އުވިގެން ނުވަތަ މަރުވެގެންދާން ދިމާވާ ވަރަށް ގިނަ ސަބަބުތައްހުރެއެވެ. މިގޮތުން ދުންޔާ މަޢުމޫނު (2007) ބަޔާން ކުރައްވާގޮތުގައި ރޯގާއެއްގެ ސަބަބުން ނުވަތަ ތަދުމަޑުކަމެއްގެ ސަބަބުން ނުވަތަ ޤުދުރަތީ ކާރިޘާއެއްގެ ސަބަބުން އެބަހަކުން ވާހަކަދައްކާ އެންމެން މަރުވެ ހުސްވެއްޖެނަމަ އެފަދަ ބަހެއް އުވިގެން ހިނގައިދާނެއެވެ. އަދި ވަކިބަހަކުން ވާހަކަދައްކާ ބައެއްގެ ސަގާފަތަށާއި ބަހަށް ބޭރު އެހެން ޘަޤާފަތެއްގެ އަސަރު ބޮޑުވުމުގެ ސަބަބުން އެބައެއްގެ ބަހުގެ މައްޗައް ބޭރުގެ ބަސް ގަދަވާން ފަށާނެއެވެ. މީގެ އިތުރުން އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ސަބަބުތަކަށްޓަކައި އެފަދަ ބަސްދަސްކުރަން ބާރު އެޅުމާއި އެޤައުމެއްގައި އުޅޭ ޒުވާނުން އެފަދަ ބަހަކަށް ޝައުޤުވެރިވެ ޒުވާނުންގެ ބަހަކަށް މިދެންނެވި ބޭރުބަސްވެއްޖެނަމަ އެފަދަ ބަހެއް އުވިގެން ހިނގައިދާނެއެވެ.

ދިވެހިބަސް އުވިގެން ނެތިގެން ދާކަމުގެ ވާހަކަ ދެކެވޭ މިދަނޑިވަޅުގައި އިސްވެދިޔަ ސަބަބުތަކަށް ބަލައިލުން މުހިއްމުކަމަށް ފެނެއެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ވަރަށްގިނަ ރޯގާތަކާއި ތަދުމަޑުކަން ދިވެހިން ތަހައްމަލް ކޮށްފައިވެއެވެ. އަދި ޤުދުރަތީ ކާރިސާ ތަކުގައި ވަރަށްގިނަ ކާރިސީ ހިރާސް މެދުވެރިވެފައިވެސް އެބަހުއްޓެވެ. މިގޮތުން މިދެންނެވި ހާދިސާ ތަކުގައި ދިވެހިންގެ ބަޔަކު އަޅުގަނޑުމެންނާއި ވަކިވެގެން ދިޔަކަމުގައިވިޔަސް ދިވެހިބަސް އުވިގެން ދިޔަކަމަށް ނުވަތަ ބަހަށް މިކަމުގެ ސަަބަބުން ގެއްލުމެއް ލިބިފައިވާނަމަ އެކަމުގެ ވާހަކަ ދިވެހިބަހަށް ޚިދުމަތްކުރައްވާ ފަރާތްތަކުން ފާހަގަކުރައްވާނެއެވެ. އެހެންނަމަވެސް މިފަދަ ކަމެއް އެފަރާތްތަކުން މިހާތަނަށް ފާހަގަކޮށްފައިނެތުމަކީ މިކަންކަމުގެ ސަަބަބުން މިހާތަނަށް ދިވެހިބަހަށް މާބޮޑުއަސަރެއްކޮށްފައި ނެތުންކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް އިޖްތިމާޢީ އަދި އިޤްތިސާދީ ސަބަބުތަކަށްޓަކައި އެހެންބަސްބަސް ބޭނުންކުރުމުން އެފަދަ ބަސްބަހުގެ ހިޔަނި ދިވެހިބަހަށް އެޅި ދިވެހީންގެ ސަގާފަތަށް ނުރަނގަޅު އަސަރުކުރަމުންދާކަމަށް ދިވެހިބަސް ދިރާސާ ކުރާފަރާތްތަކުން ވިދާޅުވެއެވެ. ކަންމިހެންހުރިއިރު ވިސްނުންތެރިކަމާއިއެކު ބަހުގެތެރެއަށްވަންނަ މިފަދަ ބޭރުބަސްބަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަކީ ބަސްކުރިއެރުމަށް ލިބޭ ފުރުސަތެއްކަމަށްވެސް ދިވެހިބަހުގެ ފުންނާބުއުސް ބޭފުޅުން ވިދާޅުވެއެވެ. ދިވެހިބަހަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އަލްމަރުޙޫމް މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު (2004) ވިދާޅުވާގޮތުގައި "ބޭރު ބަސްބަސް ދިވެހިބަހާއި އެކުވަމުން ދިޔަކަމީ، އަދި އެކުވަމުން ދާކަމީ، އަޅުގަނޑުމެން ހިތާމަކުރާންވީ ކަމެއް ނޫނެވެ. އަދި އެކަމަކީ ދިވެހިބަހަށް ޚާއްޞަވެފައިވާ ކަމެއްނުމެ ނޫންމެއެވެ. މިހެނީ ބޭރުބަސްބަހުގެ އެހީތެރިކަމާއި ލައިގެން މެނުވީ، މުއްސަނދިވެފައިވާ، އަދި މުއްސަނދި ވަމުންދާ އެއްވެސް ބަހެއް ދުނިޔޭގައި ނެތެވެ. ބަހެއް މުއްސަނދި ކުރެވޭނީ، ބަހެއް ޒަމާނާއި އެއްގޮތުގެ މަތީން ކުރިއަށް ގެންދެވޭނީ ޟަރޫރަތުގެ ގޮތުން ބޭނުންވާ ބޭރުބަސްތަކުގެ ބޭނުން ހިފައިގެންނެވެ". ކަން މިހެން ހުރުމާއިއެކު ދިވެހިބަހުގެ ތެރެއަށް އެހެން ބަސްބަސް ވަނުމަކީ ބަސް އުވިގެން ދާންޖެހޭނެ ސަބަަބެއްކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ބަހެއް މުޅިން އުވިގެން ނުދިޔަނަމަވެސް މިފަދަ ޙާލަތްތަކުގައި ޢަމަލުކުރޭ ގޮތުގެ ސަބަބުން ބަސް އެވަގުތަކު އޮންނަ މަރުހަލާ ނޫން އެހެން މަރުހަލާއަކަށް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ.

2.4 ބަސް އުވިގެންދާއިރު ކަޑައްތުކުރާ މަރުޙަލާތައް:
ލިންގުއިސްޓުން ވިދާޅުވާގޮތުގައި މި ޤަރުނުގެ ތެރޭގައި އެތައް ބައެއްގެ ބަހާއި ޘަޤާފަތް އުވި ނެތިގެން ދާނެއެވެ. މިހެންކަމަށް ވާއިރު ދިވެހިބަހަށްވެސް މިފަދަ ކަމެއް ދިމާވުމުން އެއީ ވެދާނެ ކަމެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަޖެހެއެވެ (ދުންޔާ މަޢުމޫނު، 2007). މަޝްހޫރު ލިންގުއިސްޓެއް ކަމަށްވާ ޕްރޮފެސަރ ޑޭވިޑް ކްރިސްޓަލް (2000) އަށް ހަވާލާދީ ދުންޔާ މަޢުމޫނު (2007) ބަޔާންކުރައްވާ ގޮތުގައި ބަހެއް އުވިގެން ދާއިރު ތިން މަރުޙަލާއެއް ކަޑައްތުކުރެއެވެ. މިގޮތުން ފުރަތަމަ މަރުޙަލާގައި ތަފާތު އިޤްތިސާދީ އަދި އިޖްތިމާޢި ސަބަބުތަކަށްޓަކައި ބޭރުބަހެއް ނުވަތަ ބަސްތަކެއް ދަސްކުރުމާއި، ދަރިންނަށް ދަސްކޮށްދޭން ބާރުއަޅައެވެ. ދެވަނަ މަރުޙަލާގައި އަމިއްލަ މާދަރީ ބަހާއި ބޭރުބަހާއި ދެބަހުން ވާހަކަދައްކަން ފެށުމުން ބޭރުބަހަށާއި އަމިއްލަ މާދަރީބަހަށް ކުޅަދާނަ މީހުންތަކެއް އުފެދެއެވެ. މިގޮތުން މިމަރުހަލާގައި ދުވަސްކޮޅެއް ވޭތުވާނެއެވެ. ތިންވަނަ މަރުޙަލާގައި ޢަމިއްލަ މާދަރީބަހަކީ މުހިއްމު އެއްޗެއް ނޫންކަމަށް ޒުވާނުން ދެކެންފަށާނެއެވެ. އަދި ބައިނަލް އަޤުވާމީ މު ވާސަލާތަށާއި އިޤްތިޞާދީ އިޖްތިމާޢީ ހުރިހައި ކަމަކަށް އެބަސް މުހިއްމު ބަހެއްކަމަށްދެކި އެބަހަށް ދޭސަމާލުކަން ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ މާދަރީބަސް ފަހަތައް ޖެހިގެންދެއެވެ.

އިސްވެދިޔަ މަރުހަލާ ތަކަށް ނަޒަރު ހިންގާލާއިރު ދިވެހި މައިންބަފައިން އެބައިމީހުންގެ ދަރިންނަށް ތަފާތު އިޤްތިސާދީ އަދި އިޖްތިމާޢި ސަބަބުތަކަށްޓަކައި ބޭރުބަސް ދަސްކޮށްދޭން ބާރުއަޅާކަމަށް ދެންނެވިދާނެއެވެ. އެހެންނަމަވެސް ދެބަހުން ވާހަކަދައްކަން ޖެހޭތީ ބޭރުބަހަށާއި އަމިއްލަ މާދަރީބަހަށް ކުޅަދާނަ މީހުންތަކެއް އުފެދޭނެކަމަށް ވިދާޅުވެފައިވީނަމަވެސް ދިވެހީންގެ ނިސްބަތުން އަދިވެސް ދިވެހިބަހަށް އަހުލުވެރި ނުވަތަ ބަހުގެ ޤަވައިދާއި އެގޮތަށް ދިވެހިބަސް ބޭނުންކުރާމީހުން މަދުކަމުގައި ދެންނެވިދާނެއެވެ. އެހެންނަމަވެސް އަމިއްލަ މާދަރީބަހަކީ މުހިއްމު އެއްޗެއް ނޫންކަމަށް ދެކޭ ޒުވާނުންގިނަކަން ފާހަގަކުރެވެއެވެ. މިހެން ދަންނަވަންޖެހުނީ ޒުވާނުން ބައިވެރިވާ ތަފާތު ހަރަކާތްތަކުގައި ދިވެހިބަސް ބޭނުންކުރާލެއް މަދުވުމާއި، ދިވެހިބަސް ބޭނުން ކުރާ ޙާލަތްތަކުގައިވެސް ދިވެހިބަހުގެ ފާލުން ނެއްޓިގެންދާތީ ކަމަށްވެސް ދެންނެވިދާނެއެވެ. ދިވެހިބަހުގެ އުސްތާޛު އަލްމަރްޙޫމް މުޙައްމަދު ޖަމީލް (1985) ވިދާޅުވެފައިވެއެވެ. "ތާނައިގެ ހާގެ މަތީގައި އަޅުގަނޑުމެން ތިއްކެއް ޖަހައިފީމެވެ. ބޭނުމަކީ، ޚިޔާލު، ޚަބަރު، ޚިދުމަތް ފަދަ ބަސްތައް ހެޔޮ އަޑުން ކިޔުމެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި "ހެދޭކުރި" ތަކެއްގެ ގޮތުގައި ތިއްބެވި ގިނަ ޒުވާނުންގެ ބަހުގެ ތެރޭގައި މުޅީންވެސް ހުންނަނީ ހަބަރާއި، ހިޔާލެވެ. ހިދުމަތާއި، ހަތިމެވެ. ހާގެ މަތީގައި ޖެހި ތިކި ކޮބައިތޯއެވެ؟ ތިން ރިޔަލާ ފެހުރުނަގައި ގާދޫކޮލުން ނިިކުމެ ގޯވަރަޔަށްގޮސް މުޅީން ގެއްލިއްޖެއެވެ. ނޫންނަމަ ލަސްތަކެއްނުވެ ގެއްލިދާނެއެވެ." ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2012) ވިދާޅުވެފައިވަނީ "ދިވެހިބަހަށް ދިވެހި ރާއްޖޭގައި ދެވަނަ ދަރަޖަ ލިބޭތަން، ދިވެހި މުޖުތަމަޢުން ބައެއް ފަހަރު ނަމަވެސް ފެންނަން ފަށައިފި އެވެ. ދިވެހި ލަފުޒުތައް ހަނދާންނައްތައިލައި (ނުވަތަ ނޭނގޭތީ) ދިވެހިބަހާ ބީރައްޓެހިި ބައެއް ލަފުޒުތައް ބަހުގެ އުޞޫލުތަކާ ޚިލާފަށް ބަހުގައި ބޭނުންކުރެވެންވެސް ފަށައިފި އެވެ. ދިވެހީންނަށް އަމާޒުކޮށް ދިވެހިބަހުން ފޮނުވާ ބައެއް ޕްރޮގްރާމްތަކަށް ކިޔައިފައި ހުރި ބައެއް ނަންތައްވެސް މުޅިން އިނގިރޭސިވާން ފަށާއިފި އެވެ. އަދި ކޮންމެވެސް ސަބަބަކާ ހުރެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުވެސް އުވިގެން ހިނގައްޖެ އެވެ."

ކަންމިހެންހުރި އިރު ދިވެހިބަހާއިމެދު އިހްމާލުވެވޭކަމުގެ އިޙްސާސް ކުރެވެއެވެ. އަދި މިކަމުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަކީ ހަމަ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ވީމާ ދިވެހިބަސް އުވިގެން ދިޔަނުދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މައްޗައް ބަލައިލުމަކީ މުޙިއްމު ކަމެކެވެ.

2.5 ބަހެއް އުވިގެންދިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތައް:
ބަހެއް އުވިގެން ދިޔަނުދިނުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. މަޝްހޫރު ލިންގުއިސްޓެއް ކަމަށްވާ ޕްރޮފެސަރ ޑޭވިޑް ކްރިސްޓަލް (2000) އޭނާ ލިއުއްވި " ލެންގުއޭޖް ޑެތް" މިފޮތުގައި ބުނެފައިވާ ގޮތުން ބަހެއް އުވިގެން ދިޔަނުދިނުމަށްޓަކައި ވަރަށްގިނަ ކަންތައްކުރެވިދާނެއެވެ. މިގޮތުން އަމިއްލަ ބަހާއިމެދު މީހުން ދެކޭގޮތް ރަނގަޅުކުރުމުގެ އިތުން ތަޢުލީމީ ދާޢިރާގައި އަމިއްލަ މާދަރީބަހުގެ ދައުރު ފުޅާ ކުރެވިދާނެއެވެ. އަދި އަމިއްލަ މާދަރީބަސް ދިރާސާކޮށް އެބަހާއިބެހޭ ފޮތްފޮތް ލިޔުމާއި، އެކިއެކި ސަގާފީ ކަންތައްތައް ކުރިއަރުވަން މަސްއްކަތްކުރުން ހިމެނެއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2012) ބަޔާންކުރައްވާގޮތުގައި ދިވެހި ކާބަފައިން ފަރާތުން ދިވެހިންނަށް ވާރުތަވެފައިވާ އެންމެ އަގުބޮޑު ތަރިކަ ކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ ޙިމާޔަތްކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުމަކީ ދިވެހީންގެ ވާޖިބެކެވެ. އަދި ބަހުގެ ޙާލަތު އޮތް ހިސާބަށް ބަލާއިރު މިކަމަށް ޤާނޫނީ ބާރެއްލިބުން މުޙިއްމުކަމަށް ފެނެއެވެ. އަދިވެސް އަޙުމަދު ސަމީރު (2011) ބަޔާންކުރައްވާގޮތުގައި "ދިވެހިބަސް މުއްސަނދިކުރެވޭނީ ދިވެހިބަސް ހިމާޔަތްކުރުމެއް ޤާނޫނެއް ހަދައި ދިވެހިބަސް ކުރިއަރުވަން މަސައްކަތް ކުރާނެ ގޮތްތަކެއްވެސް އެޤާނޫނެއްގައި ހިމަނައިގެންނެވެ. އަދި ދިވެހިބަސް މިނިވަންކަމާއިއެކު ބޭއްވުމަކުން ދިވެހިބަސް މުއްސަންޖެއް ނުވާނެއެވެ. އެހެންކަމުން ދިވެހިބަސް ކުރިއެރުވުމަށްޓަކައި ކުރިމަތިވާ ހުރިހާ ހުރަހެއް ގިރާކޮށް އެކަމަށްޓަކައި ހުޅުވިފައިވާ ހުރިހާ ދޮރަކުން ވަންނަންއެބަޖެހެއެވެ". އަދި ގިނަ ބަހުގެ މާހިރުން ވިދާޅުވާގޮތުގައި ބަހުގެތެރެއަށް ބޭރުބަސްބަސް ވިސްނުންތެރިކަމާއިއެކު ވައްދަން އެބަޖެހެއެވެ. އަލްމަރުޙޫމް މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު (2004) ވިދާޅުވާގޮތުގައި "ބަސް މުއްސަނދި ކުޅައުމަށްޓަކައި، ބޭރުބަހުގެ ބޭނުން ހިފަންވާނީ ވަރަށްވެސް ވިސްނުންތެރިކަމާއި އެކުގައެވެ. އެބަހަކާއި ޤުދުރަތީގޮތުން އޮމާންކަމާއެކު، އެކުވެގެންދާފަދަ ލަފުޒުތަކެއް މެނުވީ ބޭނުން ނުކުރުމަށް ވިސްނުންތެރިކަން ހިނގަން ތިބޭ ޙާލެއްގައެވެ. ދީނީ ގޮތުން އެބަހަކާއި އެކުވުން އެދެވޭ ބަހެއްގެ ލަފުޒުތަކަށް މަރުޙަބާ ކިޔުމަށް އެދިއެދި ތިބި ޙާލެއްގައެވެ. އެއްބިންގަލެއްގެ މައްޗަށް ބިނައުވެފައިވާ ބަސްބަހުގެ ލަފުޒުތަކެއްމެނުވީ، ބަހާއި އެކުވިޔަ ނުދިނުމަށް ގަދައަޅައި ތިބޭ ޙާލެއްގައެވެ." އަދިވެސް ޢަބްދުﷲ ޙަމީދު (2002) ބަޔާންކުރައްވާގޮތުގައި "ބަސް ދިރެމުން ބަދަލުވަމުން އުނިއިތުރު އަންނަމުން ދިއުމާއި ކަނޑައެޅިފައިވާ ހަމަތަކާ އުޞޫލުތައް ނޭންގިނަމަވެސް އެހަމަތަކާ ކަނޑައެޅިގެން ދެކޮޅަށް ލިޔުމާ ވަރަށްވެސް ތަފާތެވެ. މިމެސެޖް މިއަށްވުރެ ކުރުކޮށް ދަންނަވާނެ ގޮތެއް ނޭންގެއެވެ." ކަންމިހެންހުރުމާއިއެކު ޚަޤީޤަތުގައިވެސް ދިވެހިބަސް މަރުވާކަމަށް ދެންނެވިދާނެތޯއެވެ؟

2.6 ދިވެހިބަސް މަރުވަމުންދާކަމަށް ދެންނެވިދާނެތޯ؟

ދިވެހިބަސް މަރުވާކަމަށް ދެކެވޭ ވާހަކަތަކަށް ވިސްނާލުމުން ދިވެހިބަހަށް ބަދަލުތަކެއް އަންނަމުންދާކަމަށް ޤަބޫލުކުރެވެއެވެ. ދިވެހި ބަހަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ އަދި ދިވެހިބަސް ދިރާސާ ކުރައްވާ ބޭފުލެއްކަމުގައިވާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) "ދިވެހި ބަހުގެ މަޚްރަޖް ގެއްލެނީއެވެ. ދެރައެއްނުވޭ ހެއްޔެވެ؟" މިމަޢުޟޫއަށް ލިޔެފައިވާ ލިޔުމެއްގައި ވިދާޅުވެފައިވެއެވެ. "އާދޭހެވެ! މި ކަމަށް ސަމާލުކަން ދިނުން ލަސްކޮށްފިނަމަ "ދިވެހީންގެ ޚާއްޞަ މަޚުރަޖު ގެއްލެނީ އެވެ." މިކަމާމެދު އަޅުގަނޑު އެކަނި ހިތާމަކުރިޔަސް އަދި ފީކުކުޅެއް ހަޅޭއްލެވިޔަސް ޙައްލެއް ނެތެވެ. ޙައްލުއޮތީ "ބާރުހުރި" ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވި މިންވަރަކުންނެވެ. "ރީތި ނަލަ އަޑުފުޅުން" "ހާލެއް ގޮވައިލައިގެންނެވެ."

ޒަމާނަށް އަންނަ ބަދަލުތަކާއި ގުޅިގެން ބަހަށް ބަދަލު އަންނަމުން ދާނެކަމަށް ބަހުގެ މާހިރުން ވިދާޅުވެއެވެ. "ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ބަހަކަށްވެސް ޒަމާނާއިއެކު ބަދަލުތަކެއް އަންނަމުންދެއެވެ. މިގޮތަށް ބަސް ބަދަލުވިކަމުގައިވިޔަސް އެއީ ބަސް ހަލާކުވަނީކީއެއް ނޫނެވެ" (ދުންޔާ މަޢުމޫނު، 2007). އަދިވެސް ބަހެއް އުވުން ނުވަތަ މަރުވުމާއިމެދު ދުންޔާ މަޢުމޫނު (2007) ބަޔާންކުރައްވާގޮތުގައި " ބަހެއް އުވުނުކަމަށް، ނުވަތަ "މަރުވި" ކަމަށް ބެލެވެނީ އެބަހަކުން ވާހަކަދައްކާ އެއްވެސް ބަޔަކު ނެތުމުންނެވެ". ކަންމިހެންހުރުމާއިއެކު ދިވެހިބަހަށް އަންނަ ބަދަލުތަކަކީ ދިވެހިބަސް މަރުވުންކަމުގައި ދެންނެވުމުގެ ފުރުސަތު ވަރަށްކުޑައެވެ. އަދި ޢަބްދުﷲ ޙަމީދު (2006) ވިދާޅުވާގޮތުގައި ދިވެހިބަހުން ވާހަކަދައްކައިއުޅޭ އެންމެ މީހަކު ވެސް ދިރިހުއްޓައި ދިވެހިބަހެއް ނުއުވޭނެއެވެ. ދިވެހިބަސް އުވިގެން ނުވަތަ މަރުވެގެން ދަނީކަމަށް ދެކެވޭ ވާހަކަތަކަށް ރައްދެއްގެ ގޮތުން ދިވެހިބަސް ދިރާސާކުރައްވާ ދިވެހިބަހަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ މިފަދަ ބަސްފުޅުތައް ފުދެއެވެ.

3. ނިންމުން:
ދިވެހިބަހަކީ ދިވެހިންގެ ފަޚުރެވެ. ދިވެހިން ވާހަކަ ދައްކާ ދިވެހިންގެ މާދަރީ ބަހެވެ. ހަމައެހެންމެ ދިވެހި ޤައުމިއްޔަތުގެ މައި އެއް ތަނބެވެ. ދިވެހިންގެ ކާބަފައިން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުންދާ ދިވެހިންގެ އަމިއްލަ ތަރިކައެކެވެ. ކަންމިހެން ހުރުމާއިއެކު އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދީފައި ދިވެހިބަސް އަންނަން އޮތްޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.
އިންސާނީ ތާރީޚުން ދައްކާގޮތުގައި ދުނިޔޭގައި އަބަދުވެސް އާބަސް އުފެދެމުން އަނެއްބައި ބަސްބަސް އުވެމުން ނެތެމުން ގޮސްފައިވެއެވެ. ޒަމާންތައް ބަދަލުވަމުންދިޔަނަމަވެސް، އަދި ބޭނުންކޮށް އުޅޭ ބައެއް ލަފްޒުތައް ބަދަލުވަމުން އައި ނަމަވެސް ދިވެހީން ބޭނުންކުރާ ބަހުގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ބަހަކީ ދިވެހިބަހެވެ.

ބަހެއްމަރުވުމަކީ އެކަމާއިމެދު ކަންބޮޑުވާންޖެހޭކަމެކެވެ. ސަބަަބަކީ ބަހެއް އުވި ދިއުމުން އެބަހަކާއި ގުޅުން ހުރި ސަގާފީ، ދީނީ، ބޭސްވެރި އަދި ޒަމާންވީ ހުރިހާ އަދާދަކާދަޔާ ގުޅުންހުރި ލަފުޒުތަކާއި އަދި މިނޫން ވަރަށް ގިނަ ޢިލްމު ގެއްލިގެންދާތީއެވެ. ދިވެހިބަސް އުވިގެން ނުވަތަ މަރުވެގެން ހިގައިދާނެ ކަމާއިމެދު ބަހާއިމެދު ފިކުރުހިންގަވާ ބޭފުޅުން ސުވާލު އުފެއްދުމަކީ އެކަމާއިމެދު ކޮންމެ ދިވެއްސަކުވެސް ވިސްނާފިކުރު ކުރަންޖެހޭކަމެވެ.

ބަހެއް އުވިގެންދާ ވަރަށްގިނަ ސަބަބުތައް ހުރެއެވެ. މިގޮތުން ރޯގާއެއްގެ ސަބަބުން ނުވަތަ ތަދުމަޑުކަމެއްގެ ސަބަބުން ނުވަތަ ޤުދުރަތީ ކާރިޘާއެއްގެ ސަބަބުން އެބަހަކުން ވާހަކަދައްކާ އެންމެން މަރުވެއްޖެނަމަ އެބަހެއް އުވިގެންދާނެއެވެ. އަދި ބޭރުބައެއްގެ ސަގާފަތާއި އަސަރު ބައެއްގެ ތެރެއަށް ވަދެއްޖެނަމަވެސް އެބައެއްގެ ބަސް އުވިގެން ހިނގާދާނެއެވެ. މީގެއިތުރުން އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ސަބަބުތަކަށްޓަކައި އެފަދަ ބަސްދަސްކުރަން ބާރު އެޅުމާއި އެޤައުމެއްގައި އުޅޭ ޒުވާނުން އެފަދަ ބަހަކަށް ޝައުޤުވެރިވެއްޖެނަމަވެސް އެފަދަ ބަހެއް އުވިގެން ހިނގައިދާނެއެވެ.

ބަހުގެ ޢިލްމުވެރިން ދެކިލައްވާގޮތުގައި ބަސްތަރައްޤީ ކުރުމަށްޓަކައި ބޭރުބަސްބަހުގެ ބޭނުން ހިފަންޖެހެއެވެ. އެހެންނަމަވެސް ވިސްނުންތެރިކަމާއިއެކުގައެވެ. ބަހެއް އުވިގެން ދާއިރު ތިން މަރުޙަލާއެއް ކަޑައްތުކުރެއެވެ. މިގޮތުން އިޤްތިސާދީ އަދި އިޖްތިމާޢި ސަބަބުތަކަށްޓަކައި ދަރިންނަށް އެހެން ބަހެއް ދަސްކޮށްދިނުމާއި، ދެބަހަކުން ވާހަކަ ދައްކަށްފެށުމުން ބޭރުބަހަށާއި އަމިއްލަ މާދަރީބަހަށް ކުޅަދާނަ މީހުންތަކެއް އުފެދުމާއި އަދި ޢަމިއްލަ މާދަރީބަހަކީ މުހިއްމު އެއްޗެއް ނޫންކަމަށް ޒުވާނުން ދެކެންފެށުން ހިމެނެއެވެ.

ބަހެއް އުވިގެން ދިޔަނުދިނުމަށްޓަކައި ވަރަށްގިނަ ކަންތައްކުރެވިދާނެއެވެ. މިގޮތުން އަމިއްލަ ބަހާއިމެދު މީހުން ދެކޭގޮތް ރަނގަޅުކުރުމުގެ އިތުން ތަޢުލީމީ ދާޢިރާގައި އަމިއްލަ މާދަރީބަހުގެ ދައުރު ފުޅާ ކުރެވިދާނެއެވެ. އަދި އަމިއްލަ މާދަރީބަސް ދިރާސާކޮށް އެބަހާއިބެހޭ ފޮތްފޮތް ލިޔުމާއި، ޚާއްޞަ އެކިއެކި ސަގާފީ ކަންތައްތައް ކުރިއަރުވަން މަސައްކަތްކުރުން ހިމެނެއެވެ.

ދިވެހިބަސް މަރުވާކަމަށް ދެކެވޭ ވާހަކަތަކަށް ވިސްނާލުމުން ދިވެހިބަހަށް ބަދަލުތަކެއް އަންނަމުންދާކަމަށް ޤަބޫލުކުރެވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ބަހަކަށްވެސް ޒަމާނާއިއެކު ބަދަލުތަކެއް އަންނަމުންދެއެވެ. ދިވެހިބަހުގެ މާހިރުން ބަސް މަރުނުވާނެކަމަށް ވިދާޅުވެ އެކަމުގެ ހެކިދައްކަވާފައިވާއިރު ބަހުގެ ހަމަތަކާއި މަޚްރަޖް ގެއްލެމުންދާކަމަށް ވިދާޅުވެއެވެ. ކަންމިހެން ހުރުމާއިއެކު އިސްވެދިޔަ ބޭބޭފުޅުން މިކަންކަމާއިމެދު ކުރައްވާފައިވާ ޢިލްމީ ދިރާސާތަކާއި ހޯދުންތަކުގެ ޢަލީގައި ދިވެހިބަސް މަރުވާކަމަށް ކުރެވޭ ސުވާލުތަކުގެ ޖަވާބަކަށް ދެންނެވޭނީ ދިވެހިބަސް މަރުވެގެން އަދި އުވިގެންވެސް ނުދާކަމަށެވެ. އެހެންނަމަވެސް ބަހުގެ ބަހުގެ ހަމަތަކާއި މަޚްރަޖް ގެއްލެމުންދާކަމަށް ދެންނެވިދާނެއެވެ.


ޙަވާލާދިނުން (ރެފަރެންސް)

ބްރޫކް ކޮނެލް(2007)އެންޑޭޖަރޑް ލެންގުއޭޖް. ޔޫކޭ: ނިއުސްލެޓަރ ފައުންޑޭޝަން
ބްރިޓިޝް ބްރޮޑްކާސްޓިންގ ކޯޕަރޭޝަން(2010)ބަސްމަރުވާ ކަަމަށް ބުނުމަކީ ހައްލު ހެއްޔެވެ؟. ބީ.ބީ.ސީ ޑޮޓް ކޮމް. http://www.bbc.co.uk/news/magazine-11304255
ބްރިޓިޝް ބްރޮޑްކާސްޓިންގ ކޯޕަރޭޝަން(2009)ބަސްމަރުވުން. ބީ.ބީ.ސީ ޑޮޓް ކޮމް. http://news.bbc.co.uk/today/hi/today/newsid_8311000/8311069.stm
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.(2012)ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ވުޖޫދަށް އައި ގޮތް. ފަންވަތް ޑޮޓްކޮމް. http://www.liyuntherin.org/index.php?view=article&catid=7%3A2012-01-30-18-23-29&id=288%3A2012-05-31-16-28-18&option=com_content&Itemid=16
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.(2011)ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ވުޖޫދަށް އައި ގޮތް. ފަންވަތް ޑޮޓްކޮމް. http://www.fanvai.info/dhivehi/maadhareebas/2338-2011-10-14-06-33-58.html
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.(2011)ދިވެހި ބަހުގެ މަޚްރަޖް ގެއްލެނީއެވެ. ދެރައެއްނުވޭ ހެއްޔެވެ؟. ފަންވަތް ޑޮޓްކޮމް. http://www.fanvai.info/dhivehi/maadhareebas/2338-2011-10-14-06-33-58.html
ޢަބްދުﷲ ޙަމީދު.(2002)ބަހުގެ މުހިއްމުކަން. ފަތްތޫރަ، 283، ޞ. 4.
ޢަބްދުﷲ ޙަމީދު.(2006)ދިވެހިބަހުގެ ކުރިމަގާއިމެދު. ފަތްތޫރަ، 329، ޞ. 1.
ޢައްބާސް އިބްރާހިމް.(2002)ދިވެހިބަސް އުފެދުން. ދިވެހީންގެ ތަރިކަ 2، ޞ. 44.
ޢައްބާސް އިބްރާހިމް.(2007)ދިވެހިބަސް ދިވެހީންގެ މާދަރީބަސް. ފަތްތޫރަ، 337، ޞ. 14.
މުޙައްމަދު ޖަމީލް(1985)ދިވެހިބަސް ޒަމާނުގެ އޮއިވަރާއިއެކު. ފަތްތޫރަ، 74، ޞ. 1.
މުޙައްމަދު ޖަމީލް(2007)ދިވެހިބަސް ދިވެހީންގެ މާދަރީބަސް. ފަތްތޫރަ، 337، ޞ. 15-16.
ޕްރޮފެސަރ ޑޭވިޑް ކްރިސްޓަލް.(2000)ބަސް އުވިގެން ދިޔަނުދިނުމަށް ކުރެވިދާނެ މަސައްކަތްތައް. ލެންގުއޭޖް ޑެތް، ޞ. 127-167.
ދުންޔާ މަޢުމޫނު.(2007)ދިވެހިބަހުން ވާހަކަ ދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ދުންޔާ މަޢުމޫނު.(2007)ދިވެހިބަހުން ވާހަކަ ދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟. ފަތްތޫރަ، 337، ޞ. 17.
ދުންޔާ މަޢުމޫނު. (2007). ދިވެހިބަހުން ވާހަކަ ދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟. ފަތްތޫރަ، 337، ޞ. 18.
ދުންޔާ މަޢުމޫނު.(2007)ދިވެހިބަހުން ވާހަކަ ދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟. ފަތްތޫރަ، 337، ޞ. 21.
މިލިޔުމަކީ http://www.fanvai.info/dhivehi/maadhareebas/2589-2012-12-07-09-50-42.html ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ފާތިމާ

މައުލޫމާުތުން ފުރިގެންވާ ލިޔުމެއް..

ހަވާ

ވަރަށް ރަނގަޅު