ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް، ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތެރިވަނީ – ފައިލް ފޮޓޯ: ރާއްޖެ.އެމްވީ

ބަޣާވާތައް 5 އަހަރު: ބޮޑުން ތިބީ ޖަލުގައި!

ހިތާދޫ އޮންލައިން | 07 ފެބުރުއަރީ 2017

މާތްﷲ ކަމެއް ޙަރާމް ކުރައްވަނީ އެކަމުގެ ފަހަތުގައި ބޮޑެތި ދަތިތަކާއި އުނދަގުލާއި ވޭނާއި ހިތާމަ އެކުލެވިފައިވާތީއެވެ. އިންސާނުންނަށް ކަމެއް ވުމުގެ ކުރިން ނޭނގުނަސް ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ އިލާހު ބަޣާވާތް ކުރުން ޙަރާމް ކުރެއްވީ މިސަބަބައްޓަކައެވެ.

މިއަދަކީ ދީނާ ގައުމައްޓަކާއި ބަޔަކު ނުކުމެ ބަޣާވާތުން އެމްޑީޕީގެ ސަރުކާރު ވައްޓާލިތާ 5 އަހަރު ފުރުނު ދުވަހެވެ. މިއަދުގެ ހަނދާންތައް އެއްބަޔަކު މޮޅިވަރިކަމާއި އެކު އާކުރަމުން ދާއިރު އެނެއްބަޔަކަށް މިއަދު ފާހަގަ ވަނީ އެބައިމީހުންގެ ބޮޑު ޢީދުގެ ގޮތުގައެވެ.

މީގެ ފަސް އަހަރު ކުރިން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ފެނިގެންދިޔަ ބަޤާވަތް ރޭވި ގޮތާއި، އެކަމުގައި އުޅުނީ ކޮން ބަޔެއްކަން ދިވެހިންނަށް އޮޅިފައެއް ނުވާނެއެވެ. ނަމަވެސް އެ ބަޤާވަތްކުރި މީހުން މިއަދު ތިބި ހާލަތާއި ކޮންތާކުތޯ ބަލާލުން މުޙިއްމެވެ. އަދި އެ ބަޤާވާތުގެ ނަތީޖާއަށް ބަލާލުން މުހިންމެވެ.

ބަޤާވަތްކުރި ދުވަހު، ޖުމްހުރީ މައިދާން ސަރަހައްދުގައި ތިބެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ގޮވަލީ، ފަރާތްތަކާއި، އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތް ކަމަށް ގޮވި މީހުންނަށް، ކޮމާންޑް ސެންޓަރު ހަދައިގެން ތިބި މީހުންނާއި، ވެރިކަން ބަދަލުކުރުމަށް ދީނީ ނަސޭހަތް ދެއްވަމުންގެންދިޔަ ބޭފުޅުންގެ ހާލަތާއި، ރައީސް ނަޝީދުގެ އިސްތިއުފާ ދެއްވާކަން އިއުލާންކުރެއްވުމާއެކު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ތިބެ ހަމްދު އެޅި ބޭބޭފުޅުން މިއަދު ތިއްބެވި ހާލު ބަލާލަން ޖެހެއެވެ.

ލިބިފައިވާ މުސްހަނދިކަމާއި، ތަނަވަސްކަމުގައި އެމްޑީޕީ ސަރުކާރުގެ ވެރިކަން ބަދަލުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު މަހުޖަނު ޤާސިމް އިބްރާހިމެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުނުކޮށް، ލޮލު ފިޔަ ނުޖެހިގެން ޤާސިމް އުޅުއްވިއިރު، އޭނާ ވަނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކުރެއްވުމާއެކު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ހުންނަވާ ކަރުނަ އަޅާ ކީރިތި ކުރައްވާފައެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމުން ހަމްދު އަޅައި، އަނިޔާވެރިޔެއްގެ ކިބައިން ސަލާމަތް ވެއްޖެކަން އިއުލާން ކުރައްވައި، ﷲ އަކްބަރ ގޮވާ ހަދާފައެވެ.

އުފެދޭ ސުވާލަކީ ޤާސިމް ހުންނެވީ ކޮން ހާލެއްގައިތޯ އެވެ؟ ރައީސް ނަޝީދުގެ ވެރިކަމުގައި ޤާސިމަށް ބަސްބުނުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދިޔައެވެ. ބޭނުން ސިޔާސީ ފިކުރެއްގައި ހުރުމުގެ މިނިވަންކަން ލިބިގެންދިޔަ އެވެ. އޭނާގެ އެއްވެސް ވިޔަފާރިއެއް ހަލާކުކޮށްލާފައެއް ނުވެއެވެ. ކޮންމެ ސިޔާސީ ފިކުރެއްގައި ހުންނެވި ނަމަވެސް ޤާސިމްގެ ވިޔަފާރިތަކަށް މިނިވަން މާހައުލެއް އޮތީ ގާއިމްވެފައެވެ. ހާލަތު ބަދަލުވެ، ޤާސިމް މިއަދު ހުންނެވި ހާލަތަށް ވިސްނާ ބައްލަވާށެވެ. އޭނާއަށް ޖެހިފައިވާ ހާލަށް ވިސްނާލާށެވެ.

ބަސް ބުނުމުގެ މިނިވަން ކަމެއް ނެތްއިރު، ބުނެވޭ ބަހެއްގެ ސަބަބުން އޭނާގެ މުޅި ވިޔަފާރީ ހަލާކުކޮށް، ނެތިކޮށްލަނީއެވެ. ސަރުކާރުން ނުރުހޭ އެންމެ ފިޔަވަޅެއްވެސް އެޅުމަށް މިއަދު ޤާސިމަށް ފުރުސަތެއް ނެތެވެ. ބޮޑު އަޅުވެތިކަމެއްގެ ތެރެއަށް ވެއްޓި، މުޅި މީހާ އާއި ވިޔަފާރި ހަލާކު ވަނީ އެވެ.

ދެން އޮތީ ރައީސް ނަޝީދު ވަރުގެ އަނިޔާވެރި ވެރިޔަކު، އަދި ލާދީނީ ވެރިޔަކު ނެތް ކަމަށް ވިދާޅުވީ މަގުތަކުގައި މުޒާހަރާކޮށް، ކޯޓުތަކަށް ވަޑައިގެންނެވި އޭރުގެ މަޝްއޫރު ޤާނޫނީ ވަކީލް އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ ވާހަކައެވެ. މިއީވެސް އެބަޣާވާތުގެ އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅެކެވެ. އަމިއްލަ ޤައުމުގައި ނުހުންނެވުމުގެ ސަބަބުން، މިއަދު ހުންނަވަންޖެހުނީ އެހެން ޤައުމެއްގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. ޤައުމުގައި ފައިޖައްސަވާލައްވާއިރަށް، ހައްޔަރުކުރައްވާނެކަމުގެ ބިރުގައެވެ.

އެއްވެސް ޝަރުތަކާއި ނުލާ ރައީސް ނަޝީދު ޖެހިވަޑައިގަންނަވާނީ އިސްތިޢްފާ ދެއްވަން ކަމަށް ވިދާޅުވެ މަދުވަގުތު ކޮޅެއްގެ މުޙުލަތު ދެއްވި ކުރީގެ ޑިފެންސް މިނިސްޓަރުގެވެސް ހާލާމެދު ވިސްނާލަމާ ހިނގާށެވެ.

"ތިމާ ފޭހުނު އިލޮށިގަނޑު ހެރޭނީ ތިމާގެ ލޮލަށޭ" މިއީ އަބަދުވެދް ދިވެހި މުދައްރިސުން ކިޔަވާ ދެއްވާ ހަރުބަހެކެވެ. ނަމަވެސް މިވާހަކަ ގަބޫލު ކުރެވޭ މީޙުން ވަރަށް މަދެވެ. އެހެން ނަމަވެސް މިއަދު މިވަނީ ލޮލުން ފެނި އަތުން ހިފިފައެވެ. އެބަސް ގަބޫލު ކުރަން ޖެހިފައެވެ. 2012 ވަނަ އަހަރު ފޭއްސި އިލޮށިގަނޑު އެ ފޭއްސި މީހުންގެ ލޮލަށް ހެރިފައެވެ.

ފަހުގެ ތާޜީޚުގައި ދިވެހިންދުއް ބަޣާވާތުގެ ހަނދާން އާކުރެވޭ ހިނދު ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާގެ ސިޓީ ހިފައިގެން ވަޑައިގެންނެވި ކަމަށް ބުނެވޭ، ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ހުންނެވީ ކޮންތާކުތޯ އެވެ؟ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުއްﷲ ހުންނެވީ މިއަދު ކޮންތާކުތޯއެވެ. އޭނާއަކީ ބޮޑު ޖަލު ހުކުމެއް ތަންފީޒް ކުރައްވާ ބޭފުޅެކެވެ. ޝެއިޚް ޝަހީމު ހުންނެވީވެސް އެފަދަ ހާލެއްގައެވެ. އިސްލާމްދީން މޮޑިފައި ކޮށްގެން ނަމަވެސް ރައީސް ބޭނުންވާ ގޮތް ނޫން ގޮތަކަށް ފަތުވާ ދެވޭކަށް ނެތެވެ. އަނގައިން ބަހެއް ބުނެވޭކަށް ނެތެވެ.

އެ ދުވަހުގެ ކޮންމެ ބޭފުޅަކަށް ބަލާލި ކަމުގައިވީ ނަމަވެސް ފެންނަ އޮތީ އެއް މަންޒަރެކެވެ. އެ ބޭފުޅުންނަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތި ހާލުވެ. ހަވާ ނަފްސައް ހެއްލި އަމިއްލަ ފައިދާއަށްކުރި ކަމެއްގެ ސަބަބުން، ތަހަމަލްކުރަންޖެހިފައިވާ ހިތްދަތިކަމުގެ މަންޒަރެކެވެ. މިއިން ކޮންމެ ކަމަކީ ވެސް ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތުން ފުރިފައިވާ މަންޒަރުތަކެކެވެ.

ބަޤާވާތަކަށްފަހު، އަދި ވެރިކަމުގެ ދައުރަކަށްފަހު، އޭގެ ފަސް އަހަރު ފަހުން މިއަދުވެސް ފެންނަން އޮތީ ހަމަ އެންމެ މަންޒަރެކެވެ. ބަޣާވާތުން އަރައި ނުގަނެވިގެން އުޅޭ މަންަޒަރެވެ. ބަޣާވާތް ކުރުވި މީހުން ރުއްސަން ކުރަންޖެހިފައިވާ ކަންތައްތަކުގެ ބޮޑުކަމުން އަދުލުވެރި ޝަރީޢަތެއް ނުހިންގޭ މަންޒަރެވެ. ގައުމުގައި އަމާން ކަންނެތި ވަކިބައެއްގެ މުށުތެރޭގައި މުޅި ގުއުމު ތާށިވެފައިވާ މަންޒަރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :