މައިޝާ - ތިންވަނަބައި

ލިޔުނީ : ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 06 މާރިޗު 2013





" މައިޝާ ރޯނަކަމެއް ނެތް ........ ދެން މަންމަ ބޭނުމެއް ނޫން މައިޝާ މާލޭގައި ބަހައްޓާކަށް..... އެންމެ އަވަހަށް މާލެ ފުރާ ބޯޓުން ބައްޕަ ފޮނުވާނަށް މައިޝާ ބަލާ ...... ރަށަށް އަންނަށް ތައްޔާރުވެގެން ހުންނާތި " ރަޝީދާ އަޑު ބާރުވިއެވެ. އެއަޑުގައި ވަނީ ރުޅިވެރިކަމެވެ.

" ނޫން މަންމާ ތިހެން ނުހަދާ އަދި އެއްއަހަރު އެބައޮތެއްނު . މަންމާ އަހަންނަށް އެހެންނެއް ދެން ނޫޅޭނަމޭ .... ޕްލީޒް މަންމާ ....... އަހަރެން ބަހައްޓާ .......... ކިޔެވުންވެސް ނުނިމެއެއްނު ޕްލީޒް " މައިޝާ އާދޭސް ކުރިއެވެ. އަފްލަޙް ނުފެންނަ ހިސާބަށް ދިއުމަކީ މިހާރު މައިޝާއަށް ކުރުން އުދަގޫ ކަމަކަށް ވާތީއެވެ.

" މިހެން ކަންތައްކުރަން މިޖެހުނީ ހަމަ ދަރިފުޅުގެ ސަބަބުން .... ކުރިންވެސް މަންމަ ކިހާ ނަޞޭހަތެއް ދިނިން.އެކަމަކު ދަރިފުޅު މަންމަމެން ދެއްކި ވާހަކަ ޤަބޫލު ނުކޮށް އުޅެމުން ތިގެންދަނީ ކިހިނެއް ...... ދެން މަންމަމެންނަކަށް އެހެން ފުރުޞަތެއް ދެވޭކަށް ނޯންނާނެ....... މިރަށުގަވެސް މިހާރު ޖީސީއާއި ހަމައަށް ކިޔެވޭނެ ... " ރަޝީދާ ގެ ހިތުގައިވާ ޝަކުވާތަކާއެކު އެނިންމުން ބަދަލު ނުވާނެ ކަމުގައި ބުންޏެވެ.

އެހެންކަމުން މާޔޫސްވެފައި މައިޝާއަށް ޖެހުނީ ހުންނާށެވެ.
" ބައްޕަ ވީ މަހައްގޮސްފައި .. އައީމަ މަންމަ ބުނާނަން ބައްޕަ ކައިރީގައި ... ނޭންގެ ބައްޕަ ކަންތައްކުރާނެ ގޮތެއްވެސް " މައިޝާ ވާހަކަ ނުދައްކާ ހުރުމުން އެނެއްްކާވެސް ރަޝީދާ ވާހަކަ ދައްކަން ފެށިއެވެ.
" ބައްޕަ ރުޅި އަންނާނެ .. ބައްޕަ ކައިރީގައި ނުބުނާތި ވެގެން އުޅޭ ގޮތް........ ބުނޭ އަހަރެން ބޭނުން ނޫނީޔޭ މާލޭގައި ހުންނަން " ބައްޕަ ރުޅިއަންނާނެކަން އެގޭތީ މައިޝާ ބޭނުންވަނީ އަސްލު ހަޤީޤަތް ބައްޕައަށް ނާންގާށެވެ.
" އެއީ ބައްޕައޭ މައިޝާ ... ކަންތައްވީ ގޮތް ބައްޕައަށް ވެސް އެނގެންވާނެއެއްނު .......... އެހެންނޫނަސް މަންމައަކީ ބައްޕައަށް ކަންތައްތަށް އޮޅުވާލާނެ މީހެއްނޫން .... ދުވަހަކުވެސް ނުހުންނާ އެކަހަލަ ކަމެއް ކޮށްފައެވެ......... މައިސާ ތިއުޅެނީ އަހަރެމެން އުޅޭ ގޮތައްތަ ..... ތިއީ އަހަރެމެން ދިން ތަރުބިއްޔަތުތަ .... މިހާރު މާލަސްވެސް ވެއްޖެ ދެންބާއްވަނީ .... " ރަޝީދާ ފޯނު ކަނޑާލާފައި ބޮލުގައި އަތް ޖައްސާލައިގެން އެނދުގައި އޮށޯވެލިއެވެ.

މައިޝާ ދައްތައަތަށް ފޯނު ދިނުމަށްފަހު ދުުވެފައި ގޮސް ކޮޓަރިއަށް ވަދެ އެނދުމަށްޗަށް ބަނޑުފުއްވަތަށް ވެއްޓިގަނެގެން އޮވެ ރޯން ފެށިއެވެ. އެތަށް އިރަކު މިހެން ރޯންއޮތުުމަށްފަހު މައިޝާ ފޯނުނަގާ އަފްލަޙްގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ފޯނު ރިންގް ވެފައި ކެނޑުނު އިރުވެސް އަފްލަޙް އެއް ފޯނެއް ނުނެގިއެވެ. އެތަށް ފަހަރަކު މިގޮތަށް މައިޝާ މަސައްކަތް ކޮށްކޮށްވެސް އަފްލަޙް ފޯނެއް ނުނެގިއެވެ. އެހެންކަމުން މައިޝާ އިތުރަށް މާޔޫސް ވެއްޖެއެވެ.

ނުނިދިގެން ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ މައިޝަ އޮތެވެ. ގޮތް ހުސްވެފައި އޮތް ހެންނެވެ. މިގޮތަށް އޮއްވާ މައިޝާއަށް ނިދުނު އިރުވެސް ނޭންގެއެވެ. ހޭލެވުނީ ގަޑިން ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށް ، ފޯނު ރިންގުވާ އަޑަށެވެ. އަފްލަޙް ގުޅީކަމަށް ހިތާ އަވަސް އަވަހަށް ފޯނުނަގަން ބަލާލިއިރު ރަށުން ނެވެ. ބައްޕަ އަށް ވެދާނެތީވެ ނަގަން ނުނަގަން ފޯނަށް ބަލަހައްޓައިގެން ހުރެފައި އެންމެފަހުން މައިޝާ ފޯނު ނެގިއެވެ.
" ދަރިފުޅުތަ ..... ކިހިނެއް " ހީކުރިގޮތަށް އިވުނީ ބައްޕަ ، ފަރުޙާދު ގެއަޑެވެ. އެކަމަކު އެއަޑުގައިވަނީ ހިމޭން ކަމެވެ. މަޑުމައިތިރިކަމެވެ. އެހެންކަމުން މައިޝާވެސް އުރީ ހައިރާން ވެފައެވެ.
"ރަނގަޅު . ބައްޕަމެން ކިހިނެއްތަ " މައިޝާ އެއްސެވެ.
" ރަގަނޅު . އެކަމަކު ދަރިފުޅާ .. ކީއްވެ ދަރިފުޅު އެހާ ދަށު ދަރަޖައަކަށް ވެއްޓެންވީ .... މިއަދު ބައްޕަ ލަދުން ބޯހަލާކު ވާވަރުވެއްޖެ ........ " ފަރުހާދުގެ ހިތުގެ ރިހުމުގެ އަޑު ބޭރުވިއެވެ. އެއަޑުގައި ވަނީ ހިތާމައެވެ.
" ބައްޕާ އަހަރެން އަފްލަޙް ދެކެ ލޯބިވެޔޭ " ފުރަތަމަ ފަހަރަށް މައިޝާ އޭނާގެ މައިން ބަފައިން ކައިރީގައި އަފްލަޙް ދެކެ ލޯބިވާކަން ހާމަ ކުރިއެވެ. ރޭގައި މައިޝާއަށް އައި ހިޔާލެއްކަމަށްވެސް ވެދާނެއެވެ.

" އެ ލޯބި ވަނީކީ ނޫނޭ ދަރިފުޅާ ......... އެހެން ގެސްޓްހައުސްތަކަށް ގޮހެއް ނޫޅޭނެ ދަރިފުޅުދެކެ ތިބުނާ މީހަކު ލޯބިވާނަމަކަ.. ދަރިފުޅު ތިއޮއްބޮޑު މާލެއަށް ބޭޒާރު ކުރުންތަ ލޯތްބަކީ... ދަރިފުޅު ކުޑަކަމުން އަދިއެއް ނުވިސްނޭނެ " ދުވަސްވެފައި ހުރި މީހެއްގެ ހައިސިއްޔަތުން އޭނާގެ ތަޖުރިބާ އާއިއެކު ފަރުހާދު ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ބައްޕާ. އަފްލަޙަކީ ގޯސް މީހެއް ނޫނޭ " އެއްވެސް މީހަކު އަފްލަޙަކީ ގޯސްމީހެކޭ ބުނާ އަޑު އަހަން މައިޝާ ބޭނުން ނުވާ ކަހަލައެވެ.

" ބައްޕަ އަށް އެނގެޔޭ މައިޝާ ދަރިފުޅާ ... ދަރިފުޅުގެ އިޙްސާސްތައް ބައްޕައަށް ވަޒަން ކުރެވެޔޭ . އެކަމަކު ދަރިފުޅުވެސް ވިސްނަބަލަ ... މިދުވަސްވަރު ކިޔެވީމަ ކިޔެވޭނީ .......އޭރުން ދަރިފުޅަށްވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭނީ ..... މިހާރު ނުކިޔަވާ ހުރީ މަ މީހަކަށް ވެސް ނުވާނެ .......... މިކޮޅަށް އައިސްގެން ނޫނީ މައިޝައަކަށް ދެން ނުކިޔެވޭނެ..... އެހެންވީމަ އަންނަ ހުކުރު ދުވަހު ފުރާ ބޯޓުން ދަރިފުޅު ބަލާ ބައްޕަ ދާނަން....... ދެން ބޭއްވީ " މިހެން ބުނުމަށްފަހު މައިޝާ ވާހަކަ ދައްކަން އެންމެ ފުރުޞަތެއްވެސް ނުދީ ފަރުހާދު ފޯނު ކަނޑާލިއެވެ.

ބައްޕަ ފޯނުކަނޑާލުމުން ، އެނދުގައި ފޯނު ބާއްވާފައި މައިޝާ ހިނގައިގަތީ ފާޚާނާ އާއި ދިމާއަށެވެ. ފާޚާނާއަށް ވަދެވަދެ ހުއްޓާ އަނެއްކާވެސް ފޯނު ރިންގު ވާން ފެށުމުން މައިޝާ އައިސް ފޯނު ނެގިއެވެ. އެކޯލަކަށް އިންތިޒާރު ކުރަމުންއައި އޭނާގެ ލޯބި ވެރިޔާ ، އަފްލަޙްގެ ފޯނަކަށް ވުމުން ހިނިތުންވެ ހުރެއެވެ.
" ހާދަ ފޯނު ބިޒީއޭ........... ކިހިނެއްވީ " ފުރަތަމަވެސް މައިޝާގެ ކަންފަތުގައި ޖެހުނީ ޝަކުވާގެ އަޑެވެ
" ރަށުން ބައްޕަމެން ގުޅައިގެން " މައިޝާގެ އަޑުގައިވަނީ ހިތާމައެވެ. އެކަން އަފްލަޙްވެސް ދެނެގަތެވެ.
" ލޯބި ހާދަ ދެރަވެފައި ..... ގޭ މީހުންނަށް ކަމެއްވީތަ .. މަންމަމެން ގަދަތަ ..ކީއްވެ ދެރަވެފައި ތިހުރީ " އަފްލަޙް ކުރިމަތިކުރުވީ އެއްފަހަރާ އެތަކެއް ސުވާލުތަކެކެވެ.

" ލޯބީ ...... މަންމަ .......... މަންމަމެން ......... މަންމަމެން " މައިޝާއަކަށް ވާހަކައެއް ނުދެއްކުނެވެ. ބަޑިފަލާއިގެން ހިގައްޖެއްެވެ. އެހެންކަމުން ވީގޮތެއް ނޭންގިފައި ހުރި އަފްލަޙް އިތުރަށް ހާސްވެއްޖެއެވެ.
" ލޯބީ ނުރޮއިބަލަ.. ވެގެން އުޅޭގޮތެއް ބުނެބަލަ ޕްލީޒް އޭރުންނެއްނު އަފޫއަށް ހެލްޕެއްވެސް ވެދެވޭނީ... ޕްލީޒް ހުއްޓާލާދެން." އަފްލަޙް އެތަކެއް އާދޭހެއް ކުރުމުން އެންމެފަހުން މައިޝާ ރުއިން ހުއްޓާލިއެވެ.
" ލޯބީ .. މަންމަމެންނަށް އަހަރެމެންގެ ގުޅުން ފަޅާ އަރައިފި .... މަންމަ މެން ބޭނުމެއް ނުވޭ އަހަރެން މާލޭގައި ބަހައްޓާކަށް.... އަހަރެން ބަލައި ބައްޕަ އެބައާދޭ .. ދެން އަހަންނަކަށް ލޯބިއެއް ނުފެންނާނެ .... ލޯބީ ކިހާދެރަ.... "
"ކީކޭ މައިގެ މަންމަމެން ނުގަބޫލީތަ " އަފްލަޙް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

" ވީގޮތަކީ މިގޭ ބޭބެއަށް އަހަރެން ގެސްޓް ހައުސްއިން ނުކުންނަނިކޮށް ފެނިގެން އެވާހަކަތައް މަންމަ ކައިރީގައި ބުުނީ " މައިޝާ ވީގޮތް އޮޅުން ފިލުވާދިނެވެ.
" ހޫނ ... ތިގޭ މީހުން ކުޓުވީދޯ ......... ދެން ކީއްކުރާނީ ........ މައި ޖެހޭނީ ދާންވީއްޔަ ............... ފޯނުން ވާހަކަ ދެއްކޭނެއްނު "
" އެކަމު އަފޫ ... އަހަރެން ބޭނުމޭ އަފޫއާއި ޑައިރެކްޓްކޮށް މީޓްކުރަންވެސް " މައިޝާ ބޮޑާހޭކިއެވެ. އެކަމަކު އެހެންގޮތެއްނެތް ކަންވެސް އެނގޭ ހާލުގައެވެ.
" އަހަރެންވެސް ބޭނުމޭ ... ކާކު ބޭނުން ނުވާނީ މައިކަހަލަ ރީތި ކުއްޖެއް ކައިރީގައި ހުންނަން ... އެކަމަކު އަހަރެމެން ޖެހޭނީ މިގޮތަށް ކެއްތެރިވާން .. ދެރަނުވޭ ތީ އަބަދުވެސް އަފޫގެެ ލޯބި ... އަފޫ ދުވަހަކުވެސް ލޯބިއާ ވަތްކެއް ނުވާނަން " މިއީ އަފްލަޙް މައިޝާ ހިތްހަމަ ޖައްސައި ދިނުމަށް ބުނި އެއްޗެއް ނޫނެވެ. އަފްލަޙްގެވެސް ހިތުގެ ގޮވުމެވެ. އެހިތުގެ އާދޭހެވެ.
" މައިވެސް އަބަދުވެސް ލޯބިވަނީ ..... އަފޫ ދެކެ...... މައި ބަލާ އަފޫ އަންނަ ދުވަހެއް ވަންދެން ހުންނާނަށް އަފޫގެ އިންތިޒާރުގައި ...... އެކަމަކު ބުނަންތަ އެހާ ދިގު އިންތިޒާރެއް ކުރުވަން ނަހަދައްއްޗޭ " މައިޝާ ހީގަތެވެ.
" އަސްލުވެސް .... ޕްތޮމިސްތަ"
"ހޫނ ... ޕްރޮމިސްއޭ..... އަހަރެން ދައްކާ ވާހަކައިގައި އިތުބާރެއްވެސް ނޯވޭތަ.." މައިޝާ ބުންޏެވެ.
"ނޫނޭ ......... ދެން މައިއަށް އިތުބާރު ނުކޮށް އަހަރެން ކާކަށްތަ އިތުބާރު ކުރާނީ ............ އޭނ ދެން މިވަގުތު ފޯނު ބޭއްވީއޭ ... އެބަޖެހެ މަސައްކަތެއް ކޮށްލަން .... އޯކޭ .....ބައި ލަވްޔޫ "
" މީޓޫ ........" މައިޝާ ފޯނު ބޭއްވުމަށްފަހު ފާޚާނާއަށް ވަނެވެ. ތާޒާވެލުމަށެވެ.

=ނުނިމޭ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :