މައިޝާ ( ދެވަނަބައި )

ލިޔުނީ : ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 26 ފެބުރުއަރީ 2013





" ހޫނ........... އަހަރެން ގުޅާނަމޭ ............. މައި މަތިން އަހަރެން ހަނދާން ނެތޭނެތަ........ އަހަރެން އަބަދުވެސް މައި މަތިން ހަދާންކުރާނަން " އަފްލަޙް މިހެން ބުނުމުން އޯކޭ އޭ ބުނުމަށްފަހު ، މިސްވާކަމަށް ބުނެ މައިޝާ ފޯނު ބޭއްވިއެވެ.

ދުވަސްތައްމިގޮތުގައި މާޟީއާއި އެކުވެގެން ދާވަރަކަށް އަފްލަޙް އާއި މައިޝާގެ ގުޅުންވެސް ބަދަހިވަމުން ކުރިއަށް ދެއެވެ. މިގޮތުގައި މާގިނަ ދުވަހެއް ނުވެއެވެ. އެންމެފަހުން އެ ދެމެދުގައި އޮތް އެކުވެރިކަން ލޯތްބައްބަދަލުވެގެން ދާކަށް މާގިނަދުވަހެއް ނުވިއެވެ. ކޮންމެ މަހެއްގައި ލިބޭ އޮފް ޑޭގެ ދުވަސްތައް އަފްލަހް މާލެ ގައި ހޭދަކުރަން ފަށައިފިއެވެ. ދެލޯބިވެރިންގެ ބަދަލުވުންތައް އާޓިފިޝިއަލް ބީޗުގެ އިތުރުން މާލޭގެ މަޝްހޫރު ރެސްޓޯރެންޓް ތަކުގައިވެސް ކުރިއަށް ދާން ފަށައިފިއެވެ. ދެމީހުންގެ ގުޅުން ބަދަހިވަމުން ދިޔަ ދިޔަހެން މައިޝާ މާލެއައިސް ހުރި އަސްލު ބޭނުންވެސް ހަނދާނުން ފިލައިފިކަހަލައެވެ. މައިންބަފައިން ބުރަމަސައްކަތްކޮށްގެން ކިޔަވަން މާލެ ފޮނުވުމުން އެކަމާ އިހުމާލު ވެވެން ފަށައިފިއެވެ. އަފްލަޙްގެ ލޯބީގައި ޖެހި ދީވާނާ ވެވުމުންނެވެ. އަފްލަޙް ބުނި ކޮންމެ ކަމަކަށް މައިޝާ ހުންނަނީ ތައްޔާރަށެވެ. އެންމެފަހުން އަފްލަޙްގެ އެދުމަށް މަޝްހޫރު ގެސްޓްހައުސްތަކުގައި އަފްލަޙާއެކު ރޭގަނޑުގެ ގިނަވަގުތުތައް މައިޝާ ހޭދަކުރެވެން ފަށައިފިއެވެ. މައިޝާ އުޅޭ ގޭގައި ގެ ދައްތައަށް އެތައް ދޮގެއް ހެދުމަށްފަހުގައެވެ.

ބޭރުގައި ގިނަވަގުތު ހޭދަކުރާތީވެ، އެކަމާ ހިތްހަމަނުޖެހިގެން އެވާހަކަ މައިޝާ މާލޭގައި މައިޝާ ހުންނަ ގޭގެ ދައްތަ ދައްކައިފިއެވެ. އަދި ރަށަށް ގުޅާފައި މައިޝާގެ މައިންބަފައިން ކައިރީގަވެސް އެވާހަކަ ބުނެފިއެވެ. އެހެންކަމުން މައިޝާގެ މަންމަ ގުޅާފައި މައިޝާއަށް އެތަކެއް ނަޞޭހަތެއް ދިނެވެ. ކިޔެވުންނޫން އެހެންކަމަކާ ނޫޅުމަށް ނަޞޭހަތްތެރިވިއެވެ. ކިޔަވައިގެން ރަގަނޅުކުއްޖަކަށްވުމަށް އެދުނެވެ. ދައްތަމެންގެ ބަސްއަހައިގެން އުޅުމަށް ތަކުރާރުކޮށް ނަޞޭހަތްދިނެވެ.

އެހެނަސް މައިޝާ ވަނީ އަފްލަޙްގެ ލޯބީގެ ޖާދޫގައި ރަގަނޅަށް ކަސްތޮޅުއެޅިފައެވެ. އެދެމީހުންވަނީ ދުވަހަކު ވަކިނުވެވޭނެފަދަ ގުޅުމަކުން ގުޅި ފައެވެ. އެހެންކަމުން މަންމަ ދެއްކިވާހަކައަކީ ކަހިރުވަކެކޭވެސް މައިޝާ ހިތަކަށް ނޭރިއެވެ.

" ހަލޯ ... އަފޫ ........... ކޮބާ މިރޭ އާދެވޭތަ؟ ... " މައިޝާ ގުޅީ އޭނަގެ ލޯބިވެރިޔާ އަފްލަޙް އާއެވެ. ހީވަނީ އަފްލަޙް އާއި ބައްދަލުނުވެގެން ކެތްކުކުރެވިފައި ހުރި ހެންނެވެ. ވާނީވެސް އެހެންނެވެ. މިހާރު އަފްލަޙް އާއި ދުރުގައި ހުރުމަކީ މައިޝާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހާވެސް ބޮޑަށް މައިޝާ އަފްލަޙް ދެކެ ލޯބިވެއެވެ. ނޫނެކެވެ. އޭނާގެ ލޯބީގެ ފިރުމުންތަކަށް އެދެވެއެވެ.

" ހޫނ... ދެން ކޮންމެގޮތެއް ހަދާފަވެސް އަފޫ ދާނެއެއްނު މައި ކައިރިއަށް .......... އަފޫ ނުލާހިކު ލޯބިވޭ ވީއްޔަ މައި ދެކެ....... އެހެންވީމަ މިއުޅެނީ މިހާރުވެސް ރެޑީވާން ..... އެއިޓް ތާޓީގައި އަފޫ ހުންނާނީ އެތާގަ .. މިބުނީ އެއްކަލަ ގެސްޓް ހައުސްގައޭ .......... މައި އާދޭ އެގަޑިއަށް އެތަނަށް "
" އަހަރެން އެކަނި .... އެކަމަކު ނުކެރޭނެ ..... އަފޫ އަށް އާދެވޭނެއެއްނު މައި ބަލާ ޕްލީޒް އަންނަށްޗޭ އެނގޭ ލޯބީ " މައިޝާ ބޮޑާހާކާލީ ކުޑަކުއްޖެއް ފަދައިންނެވެ.
" ދެން އަޅެ މައީ އަންޑަސްޓޭންޑް ވެބަލަ . ޔޫގެ ދައްތަމެންނަށް ފެނުނީމަ ކަމަކު ނުދާނޭ ... އަހަރެން ބުނާގޮތް ހަދާ ބަލަ އެހެންނޫނީ ބަސްޓް ވެދާނެ " އަފްލަޙް އެތައް ގޮތަކަށް ވާހަކަ ދެއްކުމުން މައިޝާ އެންމެފަހުން އެކަން ގަބޫލުކޮށްފިއެވެ.
"އެހެންވީމަ އަހަރެން ދާނަން އޯކޭ އެއްނު .. މިހާރު ހެޕީތަ " މައިޝާ އެހިއެވެ
" ހޫނ އޯކޭ ... ހެޕީ .. އެހެންވީމަ މާލެ ގޮސްފަ އަހަރެން ގުޅާނަން ..... ލަވްޔޫ ބައި " އަފްލަޙް ފޯނު ބޭއްވިއެވެ.

"އަދި ހާދަ ގިނައިރެއް އެބައޮތޭ ދޯ " ފެންވަރަން ފާޚާނާއަށް ވަންނަމުން މައިޝާއަށް ހިތާހިތުން ކިޔާލެވުނެވެ.

މެންދަމު ބާރަގަޑި ބައި ހާކައްހާއިރެވެ. ފައިޞަލް (މައިޝާ ހުންނަގޭގެ ދައްތަގެ ފިރިމީހާ) ޑިއުޓީ ނިއްމާފައި ގެއަށް ދަނިކޮށް ، ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. މައިޝާ އާއި ކޮންމެވެސް ފިރިހެނަކު ވަރަށް ގައިގޯޅިގޮތަކަށް ގެސްޓްހައުސް އަކުން ނުކުމެގެން ދާތަން ފެނުމުންނެވެ. މައިޝާ މެން ހަދާގޮތެއް ބަލަން މަގުގެ އެއްފަރާތެއްގައި ސައިކަލު މަޑުކޮށްލައިގެން ފައިސަލް ކޮޑައިރުކޮޅަކު ހުރުމަށްފަހު ގެއާއި ދިމާއަށް ދިއުމަށް ދުއްވާލިއެވެ. އޭރު އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާންހުއްޓެވެ.

"މައި ދެން އަހަރެން ދަނީ ........ ވަރަށް ލަސްވެއްޖެ އެއްނު ދޯ .......... މައި ހުންނަގޭގެ ގޯޅިގަނޑާ ހަމައަށްވެސް މިހުރީ އާދެވިފައި .... ދެންދަނީ " އަފްލަޙް ވާހަކަދެއްކީ މައިޝާ އާއެވެ.

" އަދި މަޑުކޮށްބަލަ.....ލޯބީ .......... އަދި އެހާލަހެއް ނުވެއެއްނު............ މާދަމާ އެއީ ހުކުރޭ........ އަޅެ މިތާ ވާހަކަ ދައްކާލަން މަޑުކޮށްލާފައި ދޯ ދާނީ.." މައިޝާ ހުރީ އެހާއަވަހަށް އަފްލަޙް ފޮނުވާކަށެއް ނޫނެވެ.
" ދެން މައީ........... މިހާރު މައި އައިފަހުންވެސް ކިހާއިރެއް ވެދާނެ ދެން ދޭ އަދި ގުޅާނަމޭ....... ލަވްޔޫ " އަފްލަޙް އެތަކެއް އާދޭހެއްކުރުމުން އެންމެފަހުން މައިޝާ ހިތާދެކޮޅަށް ނަމަވެސް ދިއުމަށް ހިނގައިގަތެވެ.

މައިޝާ ގެއަށް ވެދުނުއިރު، އެހެން ރޭރެއާއި ޚިލާފަށް ދައްތައާއި ބޭބެ ސިޓިންރޫމްގައި ނުނިދާ ހުރުމުން ކުޑަކޮށް ސިހޭގޮތްވެ ހުއްޓުންއަރާގޮތްވިއެވެ. ދެމީހުންގެ މޫނަށް ބަލާލުމަށްފަހު މައިޝާ ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.
" މައިޝާ......... މިއޮށްދަންވަރު ކޮންތާކަށް ގޮސްފައި ތިއައީ" ދައްތަގެ އަޑަށް މައިޝާ ހުއްޓިފައި ދައްތައާއި ދިމާއަށް ބަލާލިއެވެ. ދައްތަގެ އަޑުގައި އެހެންޏާ ނުހުންނަ ހަރުކަށިކަމެއް ހުރިކަން މައިޝާ ދެނިގަތެވެ.

" މައިޝާ ........ މައިޝާ އާއޭ ދައްތަ މިވާހަކަ ދައްކަނީ......... ކޮންތާކުންހޭތިއައީ" މައިޝާ އަގައިން ނުބުނުމުން ދައްތަގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ.
"އަ...އަ..އަހަ،،ރެން ... ދިޔައީ... ޓި...ޓިއުޝަނަށް... އެތާ ....... ރައްޓެހި ..ކުދިންނާއެކު ........ މަޖާކުރަން ތިބެވުނީ" މައިޝާ ދޮގު ހެދިއެވެ. އެދޮގު ފަޅާ އަރައިފިކަން ނޭންގި ހުރެގެންނެވެ. ދައްތަ ކައިރިން ފަސޭހަގޮތަކަށް ސަލާމަތްވެވޭނެ ކަމަށެވެ.
" ދޮގު...... ހުސް ދޮގު ....... މައިޝާ ތިވަރަށް ދޮގުހަދަންޏާ ކިހިނެއްދެން ދައްތަމެންނަށް މައިޝާ ގެންގުޅެވޭނީީ....."
" އަހަރެން ދޮގެއް ނުހަދަމޭ ދައްތާ ......... ކީއްކުރަންތަ އަހަރެން ދައްތަމެންނަށް ދޮގުހަދަންވީކީ " މައިޝާ ހަމަޖެހޭގޮތް ދައްކަމުން ވާހަކަ ދެއްކިއެވެ.
" މައިޝާ ........ އަދިވެސް ދިއުޅެނީ އޮޅުވާލަންތަ ބޭބެ ދެކުނޭ މައިޝާ މިރޭ ފިރިހެނަކާއެކު ..."
" ހޫނ... އެއީ އަހަރެންގެ ރައްޓެއްސެކޭ.......... މިތާ މަގުމަތިން ދިމާވެގެން އަހަރެން ވާހަކަ ދައްކާލަން މަޑުކޮށްލީ "
" މައިޝާ މަޑުކުރޭ ...... ތިޔަބުނާ ރައްޓެއްސަކާ އެއްކޮށް މައިޝާ ގެސްޓް ހައުސަކަށް ދިއުމުގެ ބޭނުމަކީ ކޮބާ ........ މައިޝާ މޮޔަވީތަ....... އެއީ ތަ މައިޝާ އާއި މެދު މައިޝާގެ މައިންބަފައިން ކުރާ ފޮނި އުންމީދުތަކަކީ........ މައިޝާ ހެޔޮނުވާނެ ތިހެން އުޅޭކަށް .......... މައިޝާ މައިންބަފައިން ބުނާނީ ކީކޭ ދެނެއް އަހަންނަކަށް މައިޝާއެއް މިގެއަކު ނުބެހެއްޓޭނެ " ފާތުމަތު ފޯނުނެގިއެވެ . ދައްތަ އެއުޅޭނީ މަންމަމެންނަށް ގުޅަންކަން އެނގުމުން މައިޝާ އަކަށް ކެތެއްނުކުރެވުނެވެ.

" ނޫން ... ނޫން .. ދައްތާ ... އެއްވެސް ވާހަކައެއް މަންމަމެން ކައިރީގައި ނުބުނައްޗޭ..... އަހަރެން ދެން ދުވަހަކުވެސް އެހެންނެއް ނޫޅޭނަން ޕްލީޒް ދައްތާ " މައިޝާ ގޮސް ދައްތަ ގައިގާ އޮޅުލައިގަތެވެ.

އޭނާއަށް ޔަގީނެވެ. ދައްތައަށް ވަނީ ހުރިހާކަމެއް އެނގިފައެވެ. ދެން އޭނާ އެގެއަކު ނުބަހައްޓާނެއެވެ. މަންމަ މެންނަށް މިކަންތައްގަޑު އެގިއްޖެނަމަ އެމީހުންނަށް ވާނެ ގޮތްވެސް ނޭންގެއެވެ. ހިތާމައިން އެމީހުންގެ ހިތް ކުދިކުދިވެގެން ދާނެއެވެ. މައިޝާ އަށް ކުރި އުތުބާރާއި މައިޝާ އާއި މެދު ދެކުނު ހުވަފެންތަށް ވިއްސި ވިހާލިވެގެން ދާނެއެވެ. މިހުރިހާކަމެއް ހިތައްއެރުމާއެކު މައިޝާއަށް ބާރަށް ގިސްލަގިސްލާފައި ރޯންފެށުނެވެ.

މައިޝާގެ މިއަޑެއް ފާތުމަތެއް ނޭއްސެވެ. ވާނީވެސް އެހެންނެވެ. މައިޝާގެ ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން މައިޝާގެ މައިންބަފައިނާއި އެމީހުންނާއި ދެމެދުގައިވާ ދުވަސްވީ ރަޙުމަތްތެރިކަންވެސް ކިލަބުވެގެން ނުގޮސް ނުހުންނާނެކަންނޭންގެއެވެ. ރާޝިދާމެން ދެމަފިރިން ، މައިޝާ ކިޔަވަން މާލޭގައި ބެހެއްޓީ އެމީހުންގެވެސް އެދުމުގެ މަތިން ވަރަށް ބޮޑަށް އެމީހުންނަށް އިތުބާރުކުރާތީއެވެ. ފާތުމަތު ފޯނުކުރި ފުރަތަމަ ފަހަރު ފޯނު ރިންގ ވެވި ވެވިފަ ކެނޑުނީއެވެ. ވެދާނެއެވެ. ރަޝީދާ ނިދާފައި އޮތީއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށްވެސް ފާތުމަތު ގުޅާލިއެވެ. މިފަހަރު ދެތިން ފަހަރު ރިންގު ވާއިރަށް އެކޮޅުން ފޮނު ނަގައިފިއެވެ.

" ހަލޯ . .. ރަޝީދާތަ . ވަރަށް ދެރަވޭ މިހެންބުނަންވެސް އެކަމަކު ... " ފާތުމަތު ބުނަން އުޅުނު ވާހަކަ ނުބުނެވެގެން ހުއްޓާލިއެވެ. އޭނައަށްވަނީ އެހާވެސް ފުން އަސަރުތަކެއް ކޮށްފައެވެ.
" ކީކޭ ފާތުމަތު ބުނަންތިއުޅެނީ .... އެނެއްކަ ކިހިނެއްވީ .. މަގޭ މައިޝާއަށް ކަމެއްވީތަ " ރަޝީދާ ހާސްވެއްޖެއެވެ. ފާތުމަތު ބުނަންއެއުޅެނީ ކީއްކަމެއް ނޭންގިގެންނެވެ.
" އަހަރެމެން ނަކަށް ... މައިޝާ މިގޭގައި ބެހެއްޓޭކަށް ނެތް . "
" ކީކޭ ފާތުމަތު ......... ތިހެން ހަދާކަށް ނުވާނެއްނު ....... ކިހިނެއްވީތަ " ރަޝީދާ ހުރީ ވީގޮތެއް އޮޅުންފިލުވަން ކެތް މަދުވެފައެވެ.

އެހެންކަމުން ފާތުމަތުވެސް އެއްވެސްކަމެއް ސިއްރުނުކޮއް ކަންހިގައި ދިޔަގޮތް ތަފްޞީލް ކޮށް ކިޔާ ދިނެވެ. ފާތުމަތު ވާހަކަ ދައްކައި ނިމުނު އިރު ރަޝީދާއަށް ހުރީ ހަމަރަގަނޅައްވެސް ރޮވިފައެވެ. ބުނާނެ އެއްޗެއް ނޭންގި ބަސް ހުއްޓެފައެވެ.
" ހަލޯ . ރަޝީދާ .. ރަޝީދާއަހަރެން ދައްކާ ވާހަކަ އަޑު އެބަ އިވޭތަ " ރަޝީދާގެ ހަބަރެއް ނުވުމުން ފާތުމަތު ދެތިން ފަހަރަކު ރަޝީދާއަށް ގޮވާލިއެވެ.
" ހޫނ .... އެކަމަކުވާދޯ ........ އަހަރެން ދިންހާ ތަރުބިއްޔަތޯ ...... ދިންހާ ނަޞޭހަތޯ ..... ކުރިހާ އާދޭ ހޯ އަހަރެމެން ދެމަފިރިން ދެކުނުހާ ހުވަފެންތަކޯ . މިކަންތައްކަނޑު ގެ ޚަބަރު ފަރުހާދަށް އެނިއްޖައްޔާ ރުޅިއައިސްގެން ހަދާނެ ގޮތެއްވެސް ނޭންގެ... ފާތުމަތު . އަޅެ މައިޝާ އެނބައުޅޭތަ މިހާރު ގޭގަ .... އޭނަ އަތަށް ފޯނު ދީބަލަ " ރޮވިފައި ވާހަކަ ދައްކަމުންދިޔަ ރަޝީދާ އެންމެފަހުން މައިޝާ އަތަށް ފޯނުދިނުމަށް އެދުނެވެ. އެހެންކަމުން މައިޝާ އަތަށް ފޯނުދިނުމަށްފަހު ،ފައިސަލަށް އައުމަށް އިސާރާތް ކޮށްލާފައި ފާތުމަތު ބަދިގެފަރާތައް ދިއުމަށް ހިނގައިގަތެވެ.
'ހަލޯ ދަރިފުޅާ ........... " ރަޝީދާގެ ކުރަކިވެފައިވާއަޑު ޖެހުމާއެކު މައިޝާއަކަށް ކެތެއް ނުކުރެވުނެވެ. އަޑުން އަޑުނަގާފައި ރޮއިގަނެވުނެވެ. އެކަމަކުވެސް ވަގުތު ފާއިތުވީ ފަހުންކަން ގައިމެވެ.

ނުނިމޭ


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ބަބުރު ކަލޯ

???????????? ???????? .. ???????????????????? ???????????????????? ???????????? .. ???????????? ???????????????????????? ???????????????????? ???????????????????????????????? ????????