ޙަޔާތުގެ ދެޞަފްޙާ...

ލިޔުނީ: ކިޔުންތެރިއެއް | 12 ފެބުރުއަރީ 2013





ގިޓާ ކޮނޑުގައި އަޅުވާލުމަށްފަހު އެއްވެފައިވާ މީހުންތަކާ ދިމާލަށް އަތް ހޫރުވާލީމެވެ. މުޅި ފަޒާ ގުގުމައިގެން ދާވަރަށް އެންމެންތައް ހަޅޭއްލަވައިގަތެވެ. ޒުވާން އަންހެންކުދިންތައް އުފުރަ އުފުރައިގެން އަހަރެންނާ ދިމާލަށް އަންނަހެންވެސް ހީވެއެވެ.އިނގިލިތަކުން ނަރުތަކުގައި ކޮއްޓައިލުމާއެކު އަނެއްކާވެސް މުޅިތަން ފަޅައިދެން ދިޔައެވެ. އަހަރެންގެ ސަޕޯޓަރުން އެހައި ވެސް ގިނައެވެ. އަހަރެންގެ އިނގިލި ކުރީގެ ކުޑަކުޑަ އިޝާރާތަަށް ވެސް މުޅިތަން ކައްކައި ލައެވެ. ޚާއްސަކޮށް ޒުވާން އަންހެންކުދިންގެ ސަޕޯޓު އޮހެނީއެވެ. ބައެއްފަހަރު އެކުދިން އުޅޭގޮތުން އަހަރެން ރޮލާ ކައިފާނެހެން ވެސް ހީވެއެވެ. ޝޯ ރަނގަޅަށް ވައިގައި ނުހިފަނީސް ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ވިދާ ގުގުރަން ވެސް ފަށައިފިއެވެ. ދެން ޖެހުނީ ޝޯ މެދުކަނޑައިލާށެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން އެރޭގެޝޯ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހެވެ. ރަށުގެ ދެޖިންސުގެ ޒުވާނުން އެކުވެގެން ވަރަށް ވަރުގަދަ ޕިކުނިކް ދަތުރެއް ރޭވިއެވެ. އަހަރެންވެސް ރައްޓެހި ގްރޫޕަކާއެކު އެދަތުރުގައި ބައިވެރިވުމުގެ ތައްޔާރީތައް ފެށީމެވެ. ދެޖިންސުގެ ޒުވާނުން ދަތުރުރޭވުމުގައި ހެލިފެލިވެ އުޅޭގޮތުން މިދަތުރު "މަޖާ" ވާނެކަން ޔަގީންވިއެވެ. ދަތުރުގެ ޕްރޮގްރާމް ރޭވިފައި އޮތްގޮތުން ދެޖިންސުގެ ޒުވާނުން މަސްހުނިވެގެން ކުޅެވޭގޮތަށް ހުރި ކުޅިވަރިތައް ގިނަކަން ވެސް ފާހަގަ ކުރެވުނެވެ.ދަތުރުގެ ޓިކެޓް ވިއްކުމުގައިވެސް "ކަޕްލްސް" އަށް ޚާއްސަ ޑިސްކައުންޓެއް އޮވެއެވެ. ޒުވާން ފިރިހެނަކާއި ޒުވާން އަންހެނަކު އެކުގައި ޓިކެޓް ގަންނަން ދިއުމުން ބަލަނީ އެއީ ކަޕްލްސް ގެ ގޮތުގައެވެ. ކޮންމެއަކަސް ފުރަން އޮތްދުވަހު ވަރަށް ފަތިހު ކުއްލިއަކަށް މަންމަ ވަރަށްބަލިވެގެން އަހަރެންނަށް އެދަތުރު ދެވޭގޮތެއް ނުވިއެވެ. އެދުވަހު ހަތަރުދަނމު އުޅެންޖެހުނީ ހޮސްޕިޓަލުގައެވެ.

ދެންއައީ ބޮޑުޢީދެވެ. އަހަރެމެންގެ ގްރޫޕް ދިޔައީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގައި ޝޯ ދޭން އޮތްރޭ އަހަރެން ކުއްލިއަކަށް ބަނޑުގައިރިއްސައި ހޮޑުލަވާން ފައްޓައިފިއެވެ. ގަދައަށް ހުންވެސް އަތުވައްޖެއެވެ. މާބޮޑަށް ވަރުދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ. ވަރަށް ގިނަމީހުން އަހަރެންގެ ޙާލު ބަލަން ހޮސްޕިޓަލަށް އައެވެ. ދެދުވަހު އެތާ އޮތުމަށްފަހު ކުޑަކޮށް ރަނގަޅުވެލުމުން ދެންދިޔައީ ދިއްދުއަށެވެ. އެރަށުގެ ސްޓޭޖް ވަރަށް ފުރިހަމައެވެ. އެދުވަހު މެންދުރުފަހު ޝޯއަށް ތައްޔާރުވުމުގެ ގޮތުން ސައުންޑު ޓެސްޓު ކުރަން އުޅުމުގެ ތެރޭގައި، އަހަރެންގެ ފައިމައްޗަށް ދަގަނދު ހަރުގަނޑެއް ވެއްޓި ވަރަށް ބޮޑަށް ތަދުވެއްޖެއެވެ. ފައިގައި މާގަދައަށް ރިއްސާތީވެ، ހަވީރު އަހަރެން ކުޅުދުއްފުއްޓަށް ގެންގޮސްފިއެވެ. އެރޭވެސް ޝޯގައި ބައިވެރި ވެވޭގޮތެއް ނުވިއެވެ. ޢީދުގެ އެއްވެސް "އުފަލެއް"ގައި ބައިވެރިވެވޭގޮތް ނުވެވި، އަހަރެން ރަށަށް އައީއެވެ.

ދެން ދިމާވީ އަހަރެންގެ ދިރިއުޅުން އަނެއްފުށަށް ޖަހާލި ހާދިސާއާއެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގައި އަހަރެން ޖަލަށް ދާންޖެހުނެވެ. ނަމަވެސް، އަހަރެން މަސްތުވާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރަމެވެ. އެކަހަލަ ވިޔަފާރިއެއްވެސް ނުކުރަމެވެ. ހަގީގަތުގައި އެކަން ނުކުރެވި އެއޮތީ އަހަރެންގެ ހެޔޮލަފާކަމަކުން ނޫނެވެ. އެކަހަލަ ފުރުސަތެއް ފަހިވެފައި ނެތީމައެވެ. މިދުނިޔޭގައި އުޅޭ އިރު، ނުކުރާ ކުށަކަށްވެސް އަދަބެއް ލިބިދާނެއެވެ. އަހަރެން ކުރި އެތަށް ކުށަކަށް އަދަބު ނުލިބިވެސް އެބަހުއްޓެވެ.ބައެއްފަހަރު ހީލަތްތެރި ރޭވުމަކުން އެކަމުން ރެކިގަންނަނީއެވެ. އަނެއްބައި ފަހަރު ބަޔަކަށް ރިޝްވަތު ދީގެން އަހަރެން އެފަދަ ކުށެއްނުކުރާކަމަށް އެއްބަސް ކުރުވަނީއެވެ. ނަމަވެސް މިފަހަރު މިއޮތީ ޖަލަށް ދާން ޖެހިފައެވެ.

ޖަލުގެ މާހައުލަކީ ކިހާ ފޫހިތަނެއްކަން އިނގޭނީ ދިރިއުޅުމުގެ އުންމީދެއް ހުރި މީހުންގެ ތެރެއިން އެތަނަށް ދެވުނު މީހަކަށެވެ. ދިރިއުޅުމުގެ އެއްވެސް އުންމީދެއް، ޚިޔާލެއް ފިކުރެއް ނެތް މީހަކަށް ޖަލެކޭ މަގުމައްޗެކޭ ވަކި ތަފާތެއް ނެތެވެ. އަހަރެންނަކީ އެއްއިރެއްގައިވެސް ދީނީ ކަންތައްތަކަށް ފަރުވާތެރިވުމުގެ އާދަ ހުރި މީހެއްނޫނެވެ. ނަމަވެސް، ޖަލުގައި ހޭދަކުރި ދުވަސްކޮޅު ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވަން ދަސްކުރީމެވެ. ޖަލުގެ އެކަނިވެރި މާހައުލުގައި ހުރެ ވަރަށް ގިނަކަންތައްތަކާ ވިސްނަން ޖެހުނެވެ. ވަރަށްގިނަ ޚިޔާލުތައްވެސް ކުރެވުނެވެ.

ބަރާބަރު ހަމަސްފަހުން އަހަރެން ޖަލުން ސަލާމަތްވިއެވެ. ނަމަވެސް، އަހަރެންގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދާކަށް ބޭނުމެއްނުވިއެވެ. އަހަރެންގެ ހަޔާތުގައި ކޮންމެވެސް ކަމެއް ވަރަށްބޮޑަށް އުނިވެފައިވާކަމުގެ އިހުސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. ކުރިން އަހަރެންނަށް ނީވޭކަމަށް ހެދި ކިތަންމެ އަޑެއް އިވެން ފެށިއެވެ. ކުރިން ނުފެންނަ މަންޒަރުތައްވެސް ފެންނަން ފެށިއެވެ.ކަންކަން މަތީގައި އޮންނަ ގްރޫޕްތަކުގެ ބަދަލުގައި އެކި ހިސާބު ހިސާބުގައި ހުންނަ މިސްކިތްތައް އަހަރެންގެ ރާޑަރަށް އަރަން ފެށިއެވެ. ފޯރިގަދަ ޝޯތަކުގެ ބަދަލުގައި ދީނީ ދަރުސްތަކަށް އިސްކަން ދޭންފެށުނެވެ. ތަފާތު ފެޝަން މަޖައްލާތަކާއި، ނިވާކަން ކުޑަ ފޮޓޯ ހުންނަ މެގެޒިން ތަކަށް ދެމުން އައި ސަމާލުކަން އެހެން ފަރާތަކަށް ދީލާލެވުނެވެ. ދީނީ ފޮތްތަކާއި މަޒްމޫނުތައް ކިޔާހިތްވާފެށިއެވެ.މުޖްތަމައުގައި އުޅޭ ނިކަމެތިންގެ ހާލާމެދު ހަމްދަރުދީ ވެވެން ފެށިއެވެ. ފަތިސްނަމާދު ބަންގީގެ އަޑަށް ހޭލެވެން ފެށިއެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ޙަޔާތުގައި ފަތިސްނަމާދުގެ ޖަމާޢަތަކަށް ހާޒިރުވީމެވެ. އަހަރެންގެ ނަފްސު ތާހިރު ކުރުމުގެ ގޮތުން އަހަރެންގެ ހުރިހާ މާލީ މަސްލަހަތުތަކެއް ވިއްކާލީމެވެ. އެ ފައިސާ ނިކަމެތި ކުޑަކުދިންނަށްޓަކައި ހޭދަކޮށް ހުސްކޮށްލީމެވެ. ތަފާތުކަމެއް ކުރެވުމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ފޯރާ ތަނަވަސް ދިރިއުޅުމަކުން އަތްމަތި ދަތި ނިކަމެތި ދިރިއުޅުމަކަށް އަހަރެންގެ ނަފްސު ހޭނުވީމެވެ.

މިސްކިތަކުން ދިމާވެގެން އެކުވެރިކަން ބަދަހިވި ރައްޓެއްސެއްގެ އެހީގައި އަހަރެން މަދީނާއަށް ދިޔައީމެވެ.މަދީނާގެ އިންޓަނޭޝަން އިސްލާމިކް ޔުނިވަރސިޓީގައި 9 އަހަރު ވަންދެން އަހަރެން ތައުލީމު ހާސިލް ކުރީމެވެ. ދަންނަވަން ތޯއެވެ. މާޒިވެ ދިޔަތަނުގައި އަހަރެން ވަރަށް ގިނަ ގޯސްކަންތައްތަކަށް އަރައި ގަތީމެވެ. އަދި ބައެއް ކަންކަމަށް އަރައިގަންނަން ވެސްް މަސައްކަތް ކުރީމެވެ. ނަމަވެސް، އޭގެތެރެއިން ވަރަށް ގިނަކަންތައްތަކުން އަހަރެން ސަލާމަތްވެސް ވިއެވެ. ކޮންމެވެސް ކަހަލަ ކަމެއް މެދުވެރިވެގެންނެވެ. އެކިފަހަރު އެކި ސަބަބުންނެވެ. ވާރޭ ވެހިގެންނެވެ. މަންމަ ބަލިވެގެންނެވެ. ނޫނީ ކޮންމެވެސް އެހެން ކަމެއް މެދުވެރިވެގެންނެވެ. އެކަންތައްތައް ނުކުރެވުމުން، އަހަރެންނަކީ ނަސީބުދެރަމީހެއްކަމަށް އޭރު އަހަރެން ނިންމީމެވެ. އެދުވަސް ހަނދާންވުމުން މިހާރުވެސް ލަގޮނޑި ބޭރަށް ނުކުމެދާނެހެން ހީވެއެވެ. ބިރުވެރި އެތައް އިހުސާސެއް ކުރެވެއެވެ. ބޮލަށް އެނބުރުން އަރައި މޫނުމައްޗަށް އަނދިރި ވާގޮތްވެސް ވެއެވެ.އަހަރެން ކުރަން ދިމާކުރި ވަރަށް ގިނަ ގޯސް ކަންތައްތަކުންނާއި ހުތުރު އަމަލުތަކުން މާތްﷲ އަހަރެން ސަލާމަތް ކުރެއްވިއެވެ. ހެއްދެވިފަރާތަށް ޝުކުރު ހުއްޓެވެ. މިހާރު ހިތަށް އަރައެވެ. އެދުވަހު އެކަންތައް ދިމާވީ ހަމަ ރަނގަޅަށެވެ.

އަހަރެން އިސްލާހު ވާން ކިތައްފުރުސަތު ލިބުނު ހެއްޔެވެ. ފާހިޝް ކިތައް ޢަމަލުން އަހަރެން ސަލާމަތް ވިހެއްޔެވެ. މިހާރު ހިތަށް އަރައެވެ. ޖަލަށް ދާންޖެހުން އެއީ އަހަރެންގެ ނަސީބެވެ. ޖަލަށް ދާން ނުޖެހުނުނަމަ އަދިވެސް އަހަރެން އުޅޭނީ އަހަރެން ރާވާކަހަލަ ކެހިވެރި މޮޅެތި ރޭވުން ރާވަން އެހެން މީހަކަށް ނޭގޭނެ ކަމަށް ހީކޮށްގެންނެވެ.އެކިއިންސާނުންނަށް އިޞްލާހުވުމަށް ލިބޭނީ އެކި ކަހަލަ ފުރުސަތެވެ. ބުއްދިވެރިޔަކީ އެފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާމީހާއެވެ.

ދުނިޔޭގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ފާފަކުރުމުގައި ހޭދަކުރާ އިންސާނާ ހަމަ އެންމެ ފަހަރަކު ވެސް ވިސްނާލި ބާވައެވެ؟ އޭނާ ކުރާ ކޮންމެ ކުށަކަށް ނުވަތަ އަރައިގަންނަ ކޮންމެ ފާފައަކަށް ވަގުތުން އަދަބު ލިބޭނަމަ އަޅުގަނޑުމެން އިންސާނުން އަބަދުވެސް ތިބެންޖެހޭނީ އަދަބު ލިބި ލިބިއެވެ. ނިކަން ވިސްނާލަ ބަލާށެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ފުރިހަމަ ޞިއްޙަތާއި، ދިގު އުމުރެއް ދެއްވިއެވެ. ނަމަވެސް އުމުރުގެ ޒުވާން ދުވަސްވަރު އަޅުގަނޑުމެން ކުޅައީ ކޮން ހެޔޮކަމެއް ހެއްޔެވެ. ގިނަ ޒުވާނުން ވަޒީފާ އަދާކޮށް ފައިސާ ފަހަށް ރައްކާކުރަނީވެސް ދުނިޔަވީ އެދުން ތަކުގައެވެ. ޙައްޖަށް ދިއުމުގެ މަތިވެރި މަޤްސަދުގައި ފައިސާ ރައްކާ ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ޒުވާނުން ތޯއެވެ. ދަންވަރު ހޭލާހުރެ ޝޯތަކާއި ފުޓްބޯޅަ މެޗްތައް ބެއެވެ. ނަމަވެސް ދަމުނަމާދު ކުރަން ތެދުވާހާ ހިތްވަރެއް ނުހުރެއެވެ. ފަތިސްނަމާދުގެ ވަގުތު ކައިރި ވާވަރަކަށް ވަނީ ނިދި ގަދައެވެ.ނ ކުރަން ހުންނަ މަސައްކަތް ގިނަކަމުން ހުކުރުދުވަހުވެސް މިސްކިތާ ހަމައަށް ފޯރަނީ އިމާމުމީހާ މިންބަރުން ފައިބާ ގަޑީގައެވެ. އޭގެ ކުރީގައި ދެވުނު ދުވަހަކު ނަމަ، ޚުތުބާއަށް ފެށޭއިރަށް ތާއްޔާ ޖެހެން ފަށައެވެ.

އަހަރެން އެނބުރި ރަށަށް އައިއިރުވެސް ކުރިން އަހަރެންނަށް ސަޕޯޓުކުރިމީހުން އެބަތިއްބެވެ. ނަމަވެސް މިހާރު އެއީ އަހަރެންގެ ސަޕޯޓަރުންނެއް ނޫނެވެ. މިހާރުވެސް އަހަރެން އިސްޓޭޖު މައްޗަށް އަރަމެވެ. ނަމަވެސް މިހާރު އަހަރެން މިކިޔާ "ޅެން ފަރިހި" އަޑުއަހަނީ ވަރަށް މަދުބައެވެ.ގިނަ ޒުވާނުން އަދިވެސް ސަމާލުކަން މިދެނީ ރެޕް ނުވަތަ ރޮކް އަޑުތަކަށެވެ. ޙައްޤުގެ އަޑަށް ސަމާލުކަންދޭ މީހުން ވަރަށް މަދެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


dhevana

???????????? ???????????? ???????????????????????????? ???????????????????? ???????????????? ????????. ???????????? ???????????????????????? ????????????. ???????????? ????????????