ޢަޞުރު މާ

ޢަބްދުލް ޙަމީދު ޢަބްދުއްﷲ | 28 އޮކްޓޯބަރ 2014

މިއީ ހަމަ އެޖޯލިފައްޗެވެ. އެވަގުތެވެ. އަސުރުގެ ހިތްގައިމު ވަގުތެވެ. ލޯބީގެ ފެށުން އައި ތަނެވެ. މިއަދާ ޖެހެންދެންވެސް ކޮންމެ ދުވަހަކުހެން އަސުރު ވަގުތު އެތަނުގައި ހުރުމަކީ ރާއިޝްގެ އާދައެކެވެ. މިއަދެކޭ އެއްފަދައިން އެދުވަހުވެސް މާހައުލު ފަޅުފިލުވާ ދެނީ ޖޯލިފަތީގެ ދެފަރާތުގައި ހައްދާފައި ހުރި އެކިކުލައިގެ އަސުރުމާ ގަސްތަކުން ފޮޅިފާހުރި އަސުރުމާތަކުންނެވެ. އެއީ ރާއިޝްގެ މާޟީ އާއި ގުޅިފައިވާ ހަދާން އެކުލެވިގެންވާ މަންޒިލެވެ. އެއީ ފޮނި ހަދާންތަކެއް ނަމަވެސް މިއަދު ރާއިޝް ކުރަމުން އެގެންދަނީ ހިތާމައެވެ. އެފޮނި މާޟީ ހަދާންވުމުން ރާއިޝް އަށް ލިބެނީ ބަޔާންކުރަން ދަތި ހިތާމައެވެ. ހިތްދަތިކަމެވެ.

އިރުކޮޅަކު އެހެން ހުރުމަށް ފަހު ، ޖިބުން ކުޑަރުމާލެއް ނެގިއެވެ. މަޑުމަޑު ތުރުތުރަކާއެކު ފަތްޖަހާލާފައި އޮތް ކުޑަރުމާ ހުޅުވާލިއެވެ. އޭގެތެރޭގައި އޮތީ ހިކިފައި އޮތް އަސުރު މަލެކެވެ. ކަޅިޖަހާ ނުލާ ރާއިޝް ހިކިފައި އޮތް އެމަލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުން ހިތާމައިގެ ހިތްދަތިކަން ފާޅުވެއެވެ. މަޑުމަޑުން އެމަލާ ދެތުންފަތް ކާރިކޮށްލިއެވެ. ތުންފަތުގައި މަޑުމަޑު ތުރުތުރެއް އެކުލެވޭ ހާލުގައެވެ. ހިކިފަ އޮތް އެމަލުގައި ރާއިޝް ބޮސްދިން އިރު ލޮލުން ފައިބައިގެން އަންނަ ރުނަތިކިތަކުން ކުޑަރުމާ ތެންމަމުން ދިޔައެވެ. އެއީ ރާއިޝްގެ މިއަދުގެ ހާލެވެ.

އެއީ މީގެ ފަސްވަރަކަށް އަހަރުކުރިއެވެ. ހަމަ މިމާހައުލެވެ. ކުޅެގެން އައިސް ރާއިޝް ޖޯލިފަތީގައި މަޑު ކޮށްލީ އެތައް ދުވަހެއް ކުރިއްސުރެ ހިތުއަޅައިގެން އުޅޭ ކަންތައް މިއަދު ހާސިލްކުރާނެ ކަމުގެ އަޒުމާއެކުގައެވެ. އޭނާ އެލޯތްބަކަށް އެދިއެދި ހުރި ، ލޯބިވެރިޔާއަށް އެހިތުގެ އާދޭސް ފޯރުކޮށްދިނުމަށެވެ. ރާއިޝްގެ ނަސީބުވެސް ރަގަނޅެވެ. މާގިނަ ވަގުތަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އާދައިގެ މަތިން އޭނާގެ ފްރެންޑުންނާއެކު ރާއިޝްގެ ހިތުގެ މަލަކާ ފެނިލައިފިއެވެ. އެމީހުންގެ މިސްރާބު ހުރީ އެދިމާ އަތިރިމައްޗަށެވެ. ރާއީޝް ހުރި ހިސާބާ އަރާ ހަމަވުމުން ، " ނޫރާ" އަށް ގޮވާލިއެވެ. ނޫރާ އެއީ ރާއިޝްގެ ހިތުގެ މަލަކާއެވެ. ނޫރާ ރާއިޝްއަށް ބަލާލިއެވެ. ރާއިޝް އެދުނީ މަޑުކޮށްލުމަށެވެ. ރާއިޝްގެ އެދުމަށް ނޫރާ މަޑުކުރިއެވެ. އެހެންކުދިން ހިނގަތީއެވެ.
" ނޫރާ .............. އަހަރެން މިވާހަކަ ދައްކަން އުޅޭތާ ލައްކަގިނަ ދުވަސް ވެއްޖެ......... ތޭކްސް މަޑުކޮށްލަ ދިނީތީ"
" ކޮންވާހަކައެއް .... " ނޫރާ އަހާލިއެވެ.

ކޮންމެ ގޮތެއް ވިއަސް ހެޔޮކަމަށް ހިތާ ރާއިޝް އޭނާގެ ހިތުގެ ހާލަތު ނޫރާއަށް ބަޔާންކޮށްދިނެވެ. ނޫރާ ދޭނެ ޖަވާބެއް ނޭންގޭތީ ތެޅިތެޅި އޮތް ހިތަކާ އެއްކޮށެވެ. ހުރިހާ ވާހަކައެއް ދައްކާ ނިމެންދެން އިސްޖަހާލައިގެން ނޫރާ އިނެވެ. ރާއިޝް ވާހަކަ ދައްކާ ނިމުމުން ވިސްނަން ކުޑަ އިރުކޮޅަކު ނޫރާ މަޑުކޮށްލިއެވެ. އެހިދުކޮޅުވެސް ރާއިޝް އަށްވީ އެތަކެއް ގަރުނަށެވެ. ކެއްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ ނޫރާގެ ޖަވާބަކަށެވެ. އިރުކޮޅަކުން ރާއިޝްއަށް ފެނުނީ ނޫރާގެ ހިނިތުންވުމެވެ. އަދި ރާއީޝްގެ އެދުން ގަބޫލުކުރާ ވާހަކަ ބުނީ ލަދުރަކި ކަމާއެކުގައެވެ.

އެވަގުތު ރާއިޝްއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހިތުއަޅައިގެން އުޅޭކަމެއް ހާސިލްވުމުން އުފާނުވާނީ ފެހެ ކާކު ހެއްޔެވެ. ފުރަގަހަށް ލާފައި އޮތް އަތުގައި ހުރި އަސުރުމާ ރާއިޝް ދިއްކޮށްލީ ހިނިތުންވުމާއެކުގައެވެ. ރާއިޝްގެ ފުރަތަމަ ހަދިޔާ ނޫރާ ބަލައިގަތީ އުފަލާއެކުގައެވެ. ކޮންމެ އުފަލަކަށް ފަހު ހިތާމައެއް ، އަދި ކޮންމެ ހިނިތުން ވުމަކަށް ފަހު ކަރުނައެއް އަތުވެދާނެކަމަށް އެދެ ލޯބިވެރިންނަށް ގަބޫލުވެސް ނުކުރެވޭ ކަހަލައެވެ.

ތަރިރުހަނދު ދައުރުވަމުން ދާދިއުމާއެކު ، އަސުރުގެ ވަގުތު އަސުރުމަލުން ފެށިގެން އައި ލޯބީގެ ގުލްޝަން ތާޒާކަމާއެކު ބަދަހިވަމުން ކުރިއަށް ދިޔައެވެ. ލޯބީގެ ގުލްޝަންތަކުން މިދެލޯބިވެރިންވެސް ފެންނަން ފަށައިފިއެވެ. ލޯބީގެ މަންޒިލްތަކުން ބައްދަލުވުންތައް ކުރިއަށްދާން ފަށައިފިއެވެ. އުފާވެރިކަމާއެކުގައެވެ. ބަނަކަމުގެ ކުޑަވެސް އަސަރެއް ނެތިއެވެ.

ރާއިޝް އާއި ނޫރާ އާއި ދެމީހުންވެސް ހަޔާތުގެ ކުރިމަގު ރާވަމުން ދިޔައެވެ. އެހެންވެސް ލޯބިވެރިން ފަދައިންނެވެ. މުސްތަގުބަލުގެ އުފާވެރި ތަދުބީރު ކުރުއްސަމުން ދިޔައިރު ހަޔާތުގެ ކުރިމަގުގެ ތަޤުދީރު އޮތީ ކޮންގޮތަކަށް ބާއެވެ. އެހެނަސް އެއީ އިންސާނުންގެ ހާލެވެ. ކޮންމެ މީހަކީވެސް ހަޔާތުގެ އުފާވެރި ކަން ދެކެން ބޭނުންނާނެ މީހެކެވެ. ދުނިޔެވީ އަރާމާއި ލައްޒަތު ލިބިގަތުމަށް ދަހިވެތިވާނެ މީހެކެވެ. އެއީ އިންސާނީ ތަބީއަތެވެ.

ދެމީހުންވެސް ބޭނުންވީ މާގިނަ ދުވަހު އެގޮތަށް ނުތިބުމަށެވެ. ލޯބިވެރިންގެ އޮޅި ގިރާކޮށް ކައިވެނީގެ އުފާވެރި ޒަވާޖުގެ ބިންގާ އަޅާށެވެ. އެބިންގަލާއެއްކޮށް ބަދަހި ދރިއުޅުމެއް އުޅޭށެވެ. ދެމީހުންވެސް އެވާހަކަތައް ދެފަރާތުގެ އާއިލާއަށް ހިއްސާ ކުރިއެވެ. މިގުޅުންވީ ދެއާއިލާވެސް ނުހަނު ރުހޭ ގުޅުމަކަށެވެ. އެހެންވުމުން ރާއިޝް އާއި ނޫރާގެ އުފާވެރިކަމަށް އިތުރު ބޮޅެއް ގަތާލެވުނެވެ.

ކުޑަކުޑަ ހަފްލާއަކާ އެއްކޮށް ދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. ދެމީހުން އެއްފުރަނަހެން ލާމެހިއްޖެއެވެ. ރާއިޝް ކެއްތެރިކަމާ އެކު އިންތިޒާރު ކުރަމުންދިޔަ ރޭ އެންމެ ފަހުން އައިސް ޖެހުނީއެވެ. އަލަތު ކައިވެނީގެ ފުރަތަމަ ރެއެވެ. ފާޚާނާއިން ނުކުންނަމުން ލަދުރަކި ހިނިތުން ވުމަކާއެއްކޮށް ނޫރާ ބަލާލީ އެނދުގައި އޮތް ރާއިޝް އަށެވެ. ރާއިޝް އެނދުން ތެދުވެގެން އައިސް ނުރާއާއި ގާތް ވެލިއެވެ. މަސްތީ ގޮތަކަށްށެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދިގު ޗުއްޓީއަކަށް ފަހު ރާއިޝް ވަޒީފާއަށް ނުކުންނަން ޖެހުނީއެވެ. ދުވަސްތައް ފާއިތުވެގެން ދިޔައީ މާ އަވަހަށް ކަމުގައި ރާއިޝްއަށް ހީވިއެވެ. ހިތާ ދެކޮޅަށް ނަމަވެސް ރާއިޝް އޮފީހަށް ނުކުތެވެ. ދިރިއުޅުން އުފާވެރިވާނީ ، ހަޔާތުގެ މަގުސަދުތައް ހާސިލްވާނީ ފައިސާ ހޯދައިގެންކަން ރާއިޝް ގަބޫލުކުރެއެވެ. ރާއިޝްގެ އެދުމަކީ ނޫރާ އަބަދުހެން އުފަލުގައި ބެހެއްޓުމެވެ.

ރާއިޝް އާއި ނޫރާގެ ހަޔާތުގެ އުފާވެރިކަމުގެ ބޮޅުތަކަށް ބޮޅެއް އަނެއްކާވެސް އިތުރުވެއްޖެއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ކައިވެންޏަށް ފަހު ދެމީހުންގެވެސް އުންމީދަކީ އެއީއެވެ. އެއުފާވެރި ޚަބަރު ލިބުމުން ރާއިޝްމެންގެ ދެމީހުން އުފަލުން ފޮޅުނެވެ. ދެމަފިރިން އިންތިޒާރީގެ ދުވަސްތައް ކެއްތެރިކަމާއެކު ، ގުނަމުންދިޔައީ އެމީހުންގެ ލޯބީގެ ނިޝާން ދުނިޔެއަށް އަންނާނެ ދުވަހަކަށެވެ.

އޮފީހުން ނިމިގެން ގިނަވަގުތު ރާއިޝް ހޭދަކުރަނީ ނޫރާއަށް އެހީތެރިވެ ދިނުމަށެވެ. ނޫރާއަށް ކެވޭކަހަލަ މޭވާއާއި ތަރުކާރީ އަބަދުވެސް ގެނެސްފަ ބަހައްޓައެވެ. ނޫރާ ބޭނުންވާ ކޮންމެކަމެއް ބަރާބަރަށް ކުރެވޭތޯ ބަލައެވެ. ނޫރާ ހިތްހަމަޖައްސާދީ އުފަލުގައި ބެހެއްޓޭތޯ އަބަދުވެސް މަސައްކަތްކުރެއެވެ. ނޫރާ ގޮވައިގެން ކޮންމެދުވަހަކުވެސް އަސުރު ވަގުތު ހިނގާލަން ދިއުމަކީ ރާއިޝް އާދައިގެ މަތިން ކުރާކަމެކެވެ.

ދުވަސްތައް މާޒީއާއި އެކުވެގެން ގޮސް ނޫރާ ވިހާދުވަސް ކައިރިވެއްޖެއެވެ. ބޭނުންވާނެ ހުރިހާ އެއްޗެއްސެއް ގަނެ ތައްޔާރީތައް ދުރާލާވިއެވެ. ދެމީހުންގެ މަޝްވަރާގެ މަތިންނެވެ. ނުވަމަސް ފުރުމުން ޗުއްޓީ ނަގަން ރާއިޝް ބޭނުންވިއެވެ. އެހެނަސް ރަށުގައި ހުރެގެން ވިހެއުމުގެ ހުރިހާކަމެއް ހަމަޖެހެން ހުރުމުން ނޫރާ އެގޮތެއް ބޭނުމެއް ނުވިއެވެ. އެހެންކަމުން ހިތާ ދެކޮޅަށް ނަމަވެސް ރާއިޝް މަސައްކަތަށް ނުކުންނަމުން ދިޔައެވެ.

އާދައިގެމަތިން ރާއިޝް މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔައެވެ. ރާއިޝްގެ ފޯނު ރިންގް ވާން ފެށީ ފައިލް ރެކް ކައިރީގައި ކޮންމެވެސް ލިޔުމެއް ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އަވަހަށް ރާއިޝް ފޯނުނެގިއެވެ. ދެތިން މިނެޓް ފަހުން އޮފީހުން ހުއްދަ ހޯދައިގެން ރާއިޝް މިސްރާބުޖެހީ ހޮސްޕިޓަލާއި ދިމާއަށެވެ. ނޫރާ އެނދުމަތީ ކުރީމައެވެ. ބަނޑުގައި ރިއްސާން ފެށުމުންނެވެ.

ރާއިޝްއަށް ހޮސްޕިޓަލަށް ދެވުނުއިރު ނޫރާ ވިއްސާކޮޓަރިއަށް ވައްދައި ފިއެވެ. ދެފަރާތުގެ އާއިލާގެ މީހުން މަޑުމަޑުން ހޮސްޕިޓަލަށް ޖަމާވަމުން ދިޔައެވެ. އެންމެންވެސް ތިބީ އިންތިޒާރުގައެވެ. ވަގުތުތައް ދިގުވާން ފެށުމުން ރާއިޝްގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ.

އިރުކޮޅެއް ފަހުން ނަރުސްކުއްޖެއް ނުކުތެވެ. ނަރުސްކުއްޖާގެ އަތުގައި އޮތީ ލޯބި ލޯބި ފުއްގަނޑެއް ފަދަ ރީތި ކުއްޖެއެވެ. ނޫރާގެ މަންމަ ތުއްތުތުއްތު ބޭބީ އުރާލިއެވެ. ރާއިޝްވެސް ގާތްވެލިއެވެ. ނޫރާގެ މަންމަ ރާއިޝްގެ އަތަށް ބޭބީ ދިނެވެ. ދަރިފުޅާ ލޯބިކޮށްލަމުން ރާއިޝް ނޫރާގެ ވާހަކަ އެހިއެވެ. އެވަގުތަކީ ޑޮކްޓަރުވެސް ނުކުތް ގަޑިއެވެ. ޑޮކްޓަރު ރާއިޝްގެ ކޮޑުގައި އަތް ބާއްވާލިއެވެ. އައި އިސްޖަހާލިއެވެ. ކަމެއް ގޯސްވެއްޖެ ކަމުގައި ރާއިޝްގެ ހިތް ބުންޏެވެ. ވީ ވެސް ހަމަ އެހެންނެވެ. ޑޮކްޓަރު ދިން ޚަބަރުން ރާއިޝްގެ ހަޔާތަށް ތޫފާނެއް އަތުވެއްޖެއެވެ. ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. އާއިލާމީހުން ހިތްވަރުދިނެވެ. ކެއްތެރިވުމަށް ނަސޭހަތްތެރި ވިއެވެ.

ވިއްސަން އުޅުމުގެ ތެރޭގައި ނޫރާގެ ފުރާނަ މިދުނިޔެއާއި އަލްވަދާއުކީއެވެ. އަބަދައްޓަކައި ރާއިޝް އާއި ވަކިވެގެން ދިޔައީއެވެ. އެހެނަސް ރާއިޝްއަށް އަމާނާތެއް ހަވާލުކޮށްފައެވެ. ނޫރާގެ ލޯބީގެ ނިޝާނެއް ގެ ގޮތުގައެވެ. ލޯބި ލޯބި ނޫރާއެއް އުފަން ކުރުވާފައެވެ.

އެންމެ ފަހުފަހަރަށް ނޫރާ ދެކިލުމަށްޓަކައި ރާއިޝް ނޫރާ ބާއްވާފައި އޮތް ތަނަނަށް ވަނެވެ. ނޫރާ ފެނުމުން ރާއިޝްއަކަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް ފުރާނަނެތް ނޫރާގެ ހަށިގަނޑުގައި ބައްދާލިއެވެ. މޮޔައަކު ފަދައިން އެހަށިގަނޑުގެ އެތަންމިތަނުގައި ބޮސް ދިނެވެ. ލޮލުން އޮހޮރެމުންދާ ކަރުނަތަކާ އެކުގައެވެ. ހިތުން ގިސްލާ ހާލުގައެވެ.

ރާއިޝް ސިހިގެން ދިޔައީ "ޑޭޑީ" އޭކިޔާ ގޮވާލި އަޑަށެވެ. މީގެ ފަސްއަހަރުގެ ކުރީގެ ޚިޔާލީ އާލަމުން އެނބުރި އާދެވުނީ ކުޑަކުނަ "ނިއުޝާ" ދުވަމުން އައިސް ރާއިޝްގެ ގައިގާ ބައްދާލުމުންނެވެ. ރާއިޝް ލޯތްބާއެކު ނިއުޝާ އުރާލިއެވެ. އަދި ދަރިފުޅުގެ ކޮލުގައި ލޯބިން ބޮސްދިނެވެ. އަސުރުމަލާއި ގުޅިފައިވާ އެލޯބީގެ ނިޝާން ރާއިޝްގެ ހިތުން ދުވަހަކުވެސް ނުފޮހެވޭނެއެވެ. އެމީހުންގެ ދަރިފުޅު ނިއުޝާ ފެންނަ ކޮންމެހިނދަކު އެހަނދާން އާވެއެވެ. އަބަދުހެން ރާއިޝްގެ ގަމީހު ޖީބުގައި އޮންނަ ކުޑަ ރުމާލުގައި އަސުރު މާ ބާއްވައެވެ. އެލޯބީގެ ނިޝާނެއްގެ ގޮތުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


amailii

ފުރަތަމަ ކޮޅު ސިފަ ކުރުން ވަރަށް ރަނގަޅު. އެކަމަކު ފަހުން އައިސް ހީވަނީ ވާހަކަ އަވަހަށް ނިންމާލަން އުޅެފަހުރިހެން