ހޭލުންތެރިކަން އިތުރު ކުރަންވީއެވެ.

| 29 ޑިސެންބަރ 2012





'ހޭލުންތެރިކަން' މި ބަސް އުފެދިފައި މިވަނީ 'ހޭލުން' މިބަހުން ކަމަށް ފެނެއެވެ.'ހޭލުން' މިބަހުގެ ހަތަރު މާނައެއް ދިވެހިބަސްފޮތުގައި ވެއެވެ. އޭގެތެރެއިން މިލިޔުމާ ގުޅުންހުރި މާނައަކީ ތަންދޮރު އެނގުމެވެ. އެހެންވީމާ، ހޭލުންތެރިކަމަކީ ތަންދޮރު އެނގުމެވެ. ބައެއް މީހުންގެ ބަހުން ނަމަ ނުވަތަ "ރޯފިލާފައި" ހުރުމެވެ.

ސަރުކާރުގެ އޮފީސްތަކުންނާ ޖަމްޢިއްޔާ، ޖަމާޢަތްތަކުން އެންމެ ގިނައިން ކުރާއެއްކަމަކީ ހޭލުންތެރި ކުރުވުމެވެ. ތަފާތު އެކިދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕޮރޮގްރާމުތައް ހިންގުމެވެ.އެންމެ ޚަރަދު ބޮޑުކޮށް ކުރެވޭ އެއްކަމަކީވެސް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައްހިންގުމެވެ. ރަށުފެންވަރުގަ އާއި އަތޮޅު ފެންވަރުގައެވެ. އެކިއެކި ކަންކަމާ ގުޅުވައިގެންނެވެ. އެކިއެކި ސިފައިގައެވެ.

ތަންކޮޅެއްކުރީގެ ދުވަސްވަރެއްގައި އުތުރުގެ ރަށެއްގެ ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ހަރަކާތެއްގައި އަޅުގަނޑުވެސް ބައިވެރިވީމެވެ. ކޮންދާއިރާއަކުން ކަމަށް ތޯއެވެ. ކުނީގެ ދާއިރާއިންނެވެ. ކުނި އުފެދޭގޮތާއި، ކުނި މަދުކުރާނެގޮތާއި، ރައްކައުތެރިކަމާއެކު ކުނި ނައްތާލުމުގެ މުހިންމުކަމާއި ދެންވެސް ކުންޏާގުޅިގެން ހޭލުންތެރިކުރުވަން ޖެހިއްޖެ ކޮންމެ ދިމާއަކުން ހޭލުންތެރި ކުރުވުމަށެވެ.

އޭރު އެރަށުމީހުން ކުނިއަޅަނީ ރަށުގެ އިރުމަތީފަރާތު ހޭޅިފަށަށްވުރެ ވިއްސަކައް ތިރީހަކަށްފޫޓު އެއްގަމު ވަލުތެރެއަށެވެ. ކޮންމެއަކަސް ހޭލުންތެރިކުރުވުމުގެ އެހަރަކާތް ނިންމައި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު މިރުހުލީ ކުކުޅު ކައިގެން، މާލެއިން ދިޔަ ވަފުދާ އެއްކޮށް އަޅުގަނޑުވެސް މާލެއައީއެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނީތީވެ އަޅުގަނޑުމެން ތިބީ ވަރަށް އުފަލުންނެވެ. އެބައިވެރިންވެސް އެމީހުނަށް ލިބުނު މައުލޫމާތުގެ ފުރިހަމަ ކަމުންނާއި ކުރިން ނޭނގޭ އެތައް އެއްޗެއް އެނގުމުން އެކަން ފާހަގަކޮށް ޓީވީއަށް އިންޓަވިއުވެސް ދިނެވެ.

އޭގެ އެތައްދުވަހެއްފަހުން އަނެއްކާވެސް ހަމަ އެރަށަށް ދިއުމުގެ ފުރުޞަތު ލިބިއްޖެއެވެ. މިފަހަރު ދިޔައީ މުޅިންތަފާތު ކަމެއްގައެވެ. އޭރުގެ ބައެއް ކިޔަވާކުދިންނަކީ މިހާރު ޅަޒުވާނުންނެވެ. އޭރުގެ ބައެއްޒުވާނުން އެއަށްވުރެ ތަންކޮޅެއް ހަރުމީހުންނަށް ވަނީ ވެފައެވެ. ރަށަށް ދިޔަދުވަހު ހަވީރު ރަށުތެރޭގައި ހިނގާލައި ރަށްވަށައި ބުރެއްޖަހައިލީމެވެ. ރަށު ވަލުތެރޭގެ ހުރިހާދިމާއަކުންވެސް ފެންނަނީ ކުނިގޮނޑު ހެދިފައިވާތަނެވެ. ކުރިން ރަށްވަށައިގެން ރީތި މޫދެއް އޮތްކަމަކު މިހާރަކު އެމާހައުލެއްވެސް ފެންނާކަށް ނެތެވެ. މުޅިތަން ވަނީ ކުނިގޮޑަކަށް ބަދަލުވެފައެވެ. ރަށުގެ ދެކުނުފަރާތުގައި ހަފޫޓު އުސްމިނުގައި ވަށާފާރުރާނައި ނަންބޯޑު ހަރުކޮށްފައިވާ ބޮޑުހުސްބިމެއްވެސް އޮތެވެ. އެތަނަށްކިޔަނީ .......(ރަށުގެ ނަންކުރިޔަށްލާފައި) ކުނިކޮށްޓެވެ. އެތަނުގައި ވަނީ ބޯކޮށް ވިނަހެދިފައެވެ.

ދެން އަޅުގަނޑުދިޔައީ ރަށުއޮފީހަށެވެ. ކުރީފަހަރު ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމު ނިންމިދުވަހު، ރަށުއޮފީހުގެ ނޯޓިސްބޯޑުގައި އަޅުގަނޑުގެ ދެއަތުން ތަތްކުރި ޕޯސްޓަރު ހަމަ އެތަނުގައިއަދިވެސް އެބަ ހުއްޓެވެ. ކުޑަކޮށް ކުލަފަނޑުވެލާފައެވެ. ބުނެދެން މިއުޅެނީ އަޅުގަނޑުމެން ހިންގި ހޭލުންތެރި ކުރުމުގެ ހަރަކާތުގެ ނަތީޖާގެ ވާހަކައެވެ. މިގޮތަށް ކިތައް ހަރަކާތް ކިތައް ރަށުގައި ކިތައް ދާއިރާއިން ހިންގިފައި ވާނެބާވައެވެ. މިކަމަށް ކިހާ ޚަރަދެއް ކުރެވިފައިވާނެބާވައެވެ. ނަތީޖާއަކީ ކޮބައިބާވައެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަމީހުނަށް މުޖްތަމައުގައި ހުންނަ ގޯސްކަންތައްތައް ހޭލުންތެރި ނުވުމާ މަތިކުރެއެވެ. އެކަހަލަ މީހުންގެ ބަހުންނަމަ މަސްތުވާތަކެތި ބޭނުންކުރަނީވެސް ހޭލުންތެރިކަން ނެތުނީމައެެވެ. އެމީހުނަށްވެސް ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ހިންގަން ވީއެވެ. މަގުމައްޗާއި މޫދަށް ކުނި އެޅުންވެސް ހަމަ އެފަދައެވެ. ހޭލުންތެރިކަން ނެތީއެވެ.މަގުމައްޗަށް ޖަހާ ރަތްކުޅުގަނޑަކީވެސް ހޭލުންތެރި ކަމުގެ ބޭސް ދޭންޖެހިފައިވާ ކަމެކެވެ. މިފަދަ ކަންކަމުގެ ވާހަކަ ޓީވީ، ރޭޑިޔޯތަކުން ގޮވާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް އަޑުވެސް އިވިފައި ވާނޭކަމަށް ލަފާ ކުރެވެއެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބައަކު ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގައިވެސް ބައިވެރި ވެއްޖެއެވެ. ނަތީޖާ އަކީ ކޮބައިތޯއެވެ؟

ދެވަނަ ވިސްނުމަކުން ވިސްނާލާކަށް ނުވޭތޯއެވެ. ހޭލުންތެރި ކަމޭ މި ބުނެވެނީ ކޮންކަމަށް ތޯއެވެ. ހޭލުންތެރި ކުރުމުގެ ހަރަކާތްތައް މިިހިންގެނީ ރަގަޅަށް ތޯއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :